Advertisement

މިއަށްވުރެ ބޮޑަށް ޕްރެޝަރެއް ކުރިމަތިނުވާނެ: ކޫމަން

24 އޮކްޓޯބަރު 2021 - 12:24 0


މިއަށްވުރެ ބޮޑަށް ޕްރެޝަރެއް ކުރިމަތިނުވާނެ: ކޫމަން

24 އޮކްޓޯބަރު 2021 - 12:24 0

ބާސެލޯނާ (24 އޮކްޓޫބަރު) - ސްޕެނިޝް ލީގުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ނުކުންނައިރު، މިހާރު ކުރިމަތިވެފައިވާ ޕްރެޝަރަށް ވުރެ ބޮޑު ޕްރެޝަރެއް ކުރިމަތިވާނެ ކަމަށް ގަބޫލްނުކުރާ ކަމަށް ބާސާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

"އެލް ކްލެސިކޯ" މެޗަށް ބާސެލޯނާ ކުރިމަތިލާއިރު އެ ޓީމު އޮތީ ތާވަލްގެ ހަތް ވަނައިގަ އެވެ. ރެއާލް މެޑްރިޑް އޮތީ ތިން ވަނައިގަ އެވެ.

ކޫމަން ބުނީ މި މެޗަށް ކުރިމަތިލާއިރު، އޭނާ އަށް ބޮޑު ޕްރެޝަރެއް އެބައޮތް ކަމަށާއި މިހާރަށް ވުރެ ބޮޑު ޕްރެޝަރެއް ކުރިމަތިނުވާނެ ކަމަށެވެ.

"ބާސެލޯނާގެ ކޯޗަކަށް ހުންނައިރު، ޕްރެޝަރާ ކުރިމަތިލާންޖެހޭނެކަން އަހަރެން ގަބޫލްކުރަން. އެލް ކްލެސިކޯގެ މުހިންމުކަން އަހަންނަށް އެނގޭ،" ކޫމަން ބުންޏެވެ.

ބާސެލޯނާގެ ކޯޗުކަމުން ކޫމަން ވަކިކުރާނެ ކަމަށް ބެލެވުނު ނަމަވެސް، އޭނާ އެ މަގާމުގައި ދެމިހުންނާނެ ކަމަށް ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ ވަނީ މި މަހުގެ ކުރީކޮޅު ބުނެފަ އެވެ.

ކޫމަން ބުނީ ކްލަބުގެ ސަޕޯޓް އޭނާ އަށް އޮތް ނަމަވެސް، މަގާމުގައި ދެމިހުރެވޭނީ ރަނގަޅު ނަތީޖާތަކެއް ނެރެގެން ކަމަށެވެ.

"މިއަދު އަހަރެން މިހުރީ ބާސެލޯނާގެ ކޯޗުގެ މަގާމުގައި. މާދަމާ ވާނެ ގޮތެއް ނޭނގޭ. ކްލަބުގެ ސަޕޯޓް އަހަންނަށް އޮތްކަން އިހުސާސްކުރެވޭ. އެކަމަކު، ހުރިހާ ކަމެއް ވެސް ބިނާވަނީ ޓީމުން ނެރޭ ނަތީޖާތަކަށް،" ކޫމަން ބުންޏެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވެލެންސިއާ އަތުން ބާސެލޯނާ ވަނީ މޮޅުވެފަ އެވެ. އަދި އޭގެ ފަހުން، ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ކިއޭވް އަތުން ވެސް ބާސެލޯނާ މޮޅުވި އެވެ.

ކޫމަން ބުނީ ޖެހިޖެހިގެން ދެ މެޗުން މޮޅުވެ، ބާސެލޯނާ އޮތީ ރަނގަޅު ރޫހެއްގައި ކަމަށެވެ.

"ބާސެލޯނާގައި މި އޮތީ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންތަކެއް އޮތް ސްކޮޑެއް. ބޯލް ޕޮސެޝަންގައި އަހަރަމެން މާ ރަނގަޅު. އެކަމަކު ރެއާލް އަކީ ކައުންޓާ އެޓޭކިންގައި ވަރަށް ރަނގަޅު ޓީމެއް،" ކޫމަން ބުންޏެވެ.

ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ކުޅުނު މެޗުގައި ޖޯޑީ އަލްބާ އަށް އަނިޔާއެއް ލިބުނު ނަމަވެސް، މިރޭގެ މެޗަށް އޭނާ ފިޓުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. -- ބީބީސީ