Advertisement

ކޮވިޑުގެ ރިކަވަރީ ޕްލޭންތައް މޫސުމީ ލަޑުދަނޑިތަކާ އެއްގޮތަށް ކުރިއަށް ގެންދިޔުން މުހިންމު: ޝާހިދު

21 އޮކްޓޯބަރު 2021 - 08:35 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ޝާހިދު ވަނީ ވޯލްޑް އިންވެސްޓްމެންޓް ފޯރަމްގެ ސަމިޓެއްގައި ވާހަކަފުޅުދައްކަވަމުން ކޮވިޑުގެ ރިކަވަރީ ޕްލޭންތައް މޫސުމީ ލަޑުދަނޑިތަކާ އެއްގޮތަށް ކުރިއަށް ގެންދިޔުން މުހިންމުކަމަށް ވިދާޅުވެފަ-- ފޮޓޯ: ފޮރިން މިނިސްޓްރީ


ކޮވިޑުގެ ރިކަވަރީ ޕްލޭންތައް މޫސުމީ ލަޑުދަނޑިތަކާ އެއްގޮތަށް ކުރިއަށް ގެންދިޔުން މުހިންމު: ޝާހިދު

21 އޮކްޓޯބަރު 2021 - 08:35 0

ކޮވިޑުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ފަށާފައިވާ ރިކަވަރީ ޕްލޭންތަކާއި ޕްރޮގްރާމްތައް, ތަރައްގީ އާއި މޫސުމީ ލަޑުދަނޑިތަކާ އެއްގޮތަށް ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއްކަމަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ، އދ.ގެ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑެވެލޮޕްމެންޓްގެ އަށް ވަނަ ވޯލްޑް އިންވެސްޓްމަންޓް ފޯރަމް މިދިޔަ ހޯމަ ދުވަހު ފަށަން ބޭއްވި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ސަމިޓުގައި ޝާހިދު ވަނީ އިންވެސްޓްމެންޓް ފޯރަމްގައި ބަޔާންކޮށްފައިވާ ބައެއް ގޮންޖެހުންތަކާ ގުޅިގެން ތިން ކަމެއް ފާހަގަކުރައްވައި ވާހަކަފުޅުދައްކަވާފަ އެވެ.

އޭގެ ތެރޭގައި ފުރަތަމަ ކަމަކަށް ޝާހިދު ފާހަގަކުރެއްވީ، ކޮވިޑުން އަރައިގަތުމަށް ރިކަވަރީ ޕްލޭންތަކާއި ޕްރޮގްރާމްތައް, ތަރައްގީ އާއި މޫސުމީ ލަޑުދަނޑިތަކާ އެއްގޮތަށް ކުރިޔަށް ގެންދިޔުމުގެ މުހިންމުކަމެވެ. އަދި އެއްވެސް މީހަކު ބާކީ ނުކޮށް އެންމެން ޝާމިލުވެގެން އެއްވަރެއްގައި ރިކަވަރީ ޕްލޭންތަކަށް ކުރިޔަށް ގެންދިޔުމުގެ މުހިންމުކަން ވެސް ޝާހިދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، 2030 ގެ އެޖެންޑާއާއި ޕެރިސް އެގްރިމެންޓަކީ، އެންމެން ޝާމިލުވާ، ދުޅަހެޔޮ، ހަރުދަނާ މުޖުތަމައުތަކެއް ހާސިލުކުރުމަށް އެކުލަވާލާފައިވާ ބްލޫ ޕްރިންޓްތަކެއްކަން. މިހާރު އޮތް ގޮންޖެހުމަކީ އެކަންކަން ތަންފީޒު ކުރުން. ރިކަވަރީ ޕްލޭންތަކާއި ޕްރޮގްރާމްތައް ތަރައްގީ އާއި މޫސުމީ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތަށް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަން އަޅުގަނޑުމެން ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

އޭގެ އިތުރުން ދެން ޝާހިދު ފާހަގަ ކުރެއްވީ، ޕްރައިވެޓް ސެކްޓާއިން ރީޖަނަލިޒަމް އަދި ޕްރޮޓެކްޝަނަލިޒަމްގެ ތެރެއަށް ދުނިޔޭގެ އިންވެސްޓްމަންޓް ގަވަނަންސް އަލުން ތަރުތީބު ކުރުމުގައި ކުޅޭ މުހިންމު ދައުރުގެ މައްޗަށެވެ.

"ދެމެހެއްޓެނިވި ތަރައްގީއަށް އެހީތެރިވެދީ، އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް، ތިމާވެށީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މާލީ ގަވާއިދުތަކަށް ފާރަވެރިވެ، އިނޮވޭޝަނާއި ކުރިއެރުމުގެ އިންޖީނެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓާ ޕާޓްނަރުންނަށް ވަޒީފާގެ ބާޒާރާއި އާއްމު ދިރިއުޅުން ކުރިއެރުވޭނެ،" ޝާހިދު ވިދާޅުވި އެވެ.

އަދި ޕެންޑެމިކްގެ ފަހުން އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި ގްލޯބަލް ސްޓިމިއުލަސް ޕެކޭޖްތަކުގެ ދަށުން، ރައްޔިތުންގެ ފައިސާއިން 3.5 ޓްރިލިއަން ޑޮލަރު ހަރަދު ކޮށްފައިވާކަން ވެސް ޝާހިދު ފާހަގަކުރެއްވި އެވެ. އަދި ޕްރައިވެޓް ސެކްޓަރުން އެދެވޭ ގޮތުގައި އެ ފަންޑުތަކުގެ ބޭނުން ހިފައިފިނަމަ ދެން ލިބިގެންދާނެ ފައިދާތަކާ ގުޅޭ ގޮތުން ވެސް ޝާހިދު ވާހަކަފުޅު ދެއްކެވި އެވެ.

"ޕްރައިވެޓް ސެކްޓަރަށް މި ފަންޑުތަކުގެ ބޭނުން ހިފައި، އޭގެން ފައިދާ ކުރުވަނި ނަތީޖާ ދިހަ ގުނައަށް އިތުރު ކުރެވިދާނެ. މިއާއެކު ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވުމަށް ބޭނުންވާ ޖުމްލަ އިންވެސްޓްމަންޓްގެ ތިންބައިކުޅަ އެއްބައި ލިބޭނެ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި އާ ޓެކްނޮލޮޖީ އާއި އާ ސިނާއީ އިންގިލާބާ ހުރި ގުޅުމަކީ ވެސް ގޮންޖެހުމެކެވެ. އަދި ޕެންޑެމިކްއަށް ފަހު ދުނިޔޭގެ އިންވެސްޓްމަންޓް ކޮންޓެކްސްޓްގައި ތަރައްގީގެ އާ އިސްތިރާޖެއް ބޭނުންވާ ކަމަށް ޔޫއެންސީޓީއޭޑީން ބުނާ ބުނުމަށް ތާއީދުކުރައްވާކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"މި އާ އިސްތިރާޖު ބިނާވެފައިވަނީ، ދެމެހެއްޓެނިވި ފުދުންތެރިކަން ގައުމެއްގެ ގަވާއިދާއި އުސޫލުތަކުގެ ތެރެއަށް ނުވަތަ ކުންފުންޏެއްގެ ކޯޕަރޭޓް ކަލްޗާގެ ތެރެއަށް ފުރިހަމައަށް ވަނުމަށް. އެއީ އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގެ މައިގަނޑުކަމުގައި ވާންޖެހޭނެ. މިކަން ދޫކޮށްލުމަކީ ގައުމުތަކަށް އިތުރު ނުރައްކަލެއް ކުރިމަތިވެ، އިތުރު ދަރަނިތައް ކުރިމަތިވެ، އިތުރު ނާކާމިޔާބީތައް ކުރިމަތިވެދާނެ ކަމެއް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ދެމެހެއްޓިނިވި ތަރައްގީއަށް އިސްކަންދިނުމުގެ ސަބަބުން ގައުމުތަކާއި ކުންފުނިތަކާއި މުޖުތަމައުތަކުން ވާދަވެރިކަމާއިއެކު އިންވެސްޓްމަންޓްގެ ފުރުސަތުތަކާމެދު ވިސްނާ ގޮތް ބަދަލުވެގެންދާނެ ކަމަށެވެ.

"ކޮވިޑް-19 އިން އަރައިގަތުމުގެ ދިގު ރާސްތާގެ ފެށުން މުޅި ދުނިޔެ އިން ވެސް ފަށާފައި މިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާ ވެސް ކުރިމަތިލަމުން. ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ގައުމުތަކަށް މި ބަލިމަޑުކަން ވެގެން ދިޔައީ ވަރަށް ބޮޑު ހީނަރުކަމަކަށް،" ޝާހިދު ވިދާޅުވި އެވެ.

"އަދި މި ހީނަރުކަމުން އެހާ އަވަހަށް އަރައިގަނެވޭނެ ކަމުގެ އިޝާރާތެއް ނުފެނޭ،" ޝާހިދު މިހެން ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ދޭ ވެކްސިންގެ ދިނުމުގައި ހުރި އުނދަގޫތަކާ ހެދި ބަލިމަޑުކަން އިތުރަށް ދިގުލައި، ދަރަންޏާއި އެހެނިހެން ހުރަސްތަކެއް ބައެއް ގައުމުތަކަށް ކުރިމަތިވަމުންދާކަން ފާހަގަކުރައްވަމުންނެވެ.

"ހާއްސަ ހާލަތްތަކުގައި އޮތް ގައުމުތަކުގެ މެދުގައި ކުރިއެރުންތައް ހިފެހެއްޓިފައި އޮތުމުގެ ސަބަބުން، ރިކަވަރީގެ މަސައްކަތް ހަގީގަތުގައި ފެށުމުގެ ކުރިންވެސް ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް،" ޝާހިދު ވިދާޅުވި އެވެ.

އިންވެސްޓްމަންޓަށް ހުރި ހުރަސްތައް އެންމެ ފުރިހަމަގޮތުގައި ނައްތާލައި، ދެމެހެއްޓެނިވި ގޮތެއްގައި ކޮވިޑުގެ ހީނަރުކަމުން އަރައިގަނެވޭނެގޮތެއް ހޯދުމަށް މަސައްކަތްކުރަން ޖެހޭކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެކަށީގެންވާ ހައްލުތަކެއް ހޯދައިދީ އަދި އެކަންކަން ހުށަހަޅަންޖެހޭ. އެހެން ނޫންނަމަ އަޅުގަނޑުމެންގެ އަތުގައި ހުރީ ހަމައެކަނި ރިވެތި ބަސްތަކެއް އަދި ހެޔޮ ނިޔަތްތަކެއް،" ޝާހިދު ވިދާޅުވި އެވެ.

ވާހަކަފުޅު ނިންމަވާލަމުން ޝާހިދު ވަނީ ސިޔާސީ އަޒުމާއެކު ގުޅިގެން މަސައްކަތްކޮށް އެއްގޮތް ހައްލުތަކެއް ހޯދަން މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވެފަ އެވެ. އަދި ޕެންޑެމިކަށްފަހު މުޖުތަމައުތައް އަލުން އާރާސްތުކޮށް، އުންމީދުތައް އާ ކޮށް، ފުދުންތެރި، ދެމެހެއްޓެނިވި އަދި ހަރުދަނާ މުޖުތަމައުތަކަށް ސިޔާސަތުތައް އަލުން އިޔާދަކުރެވޭނީ އެންމެން ގުޅިގެންކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.