Advertisement

ތައުލީމީ ދާއިރާއަށް މީހުން ޝައުގުވެރިނުވާ ސަބަބު ހޯދަން ބޮޑު ދިރާސާ ކުރައްވަން ރައީސް ނިންމަވައިފި

18 އޮކްޓޯބަރު 2021 - 01:18 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް ސޯލިހު އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއާއެކު މިރޭގެ ހަފްލާގައި: ވިދާޅުވީ ދިރާސާ ކުރެއްވުމަށް ލަފާ އެރުއްވީ ޑރ. މުސްތަފާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ތައުލީމީ ދާއިރާއަށް މީހުން ޝައުގުވެރިނުވާ ސަބަބު ހޯދަން ބޮޑު ދިރާސާ ކުރައްވަން ރައީސް ނިންމަވައިފި

18 އޮކްޓޯބަރު 2021 - 01:18 2

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުން އުފެއްދުމަށް ފެއިލިވެއްޖެ ނަމަ ދަރިވަރުންނާއި ކުރިއަށް އޮތް ޖީލުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ވިދާޅުވެ އެ ދާއިރާއަށް މީހުން ޝައުގުވެރިނުވާ ސަބަބު ދަނެގަތުމަށް ބޮޑު ދިރާސާއެއް ކުރައްވަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ވަގުތީ ޓީޗަރުންގެ އަދަދު އެކަށީގެންވާ މިންވަރަށްވުރެ ބޮޑު ކަމަށާއި އެއަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ.

"މިކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ، ތައުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި ތައުލީމީ މަންހަޖު ތަރައްގީ ކުރާނެ މީހުންނާއި އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވަގުތީ ޓީޗަރުންގެ މައްސަލައިގައި އެމަނިކުފާނުގެ އެޑްވައިޒަރު ޑރ. މުހައްމަދު މުސްތަފާ ލުތުފީއާ މަޝްވަރާ ކުރެއްވުމުން ފުރިހަމަ ކަރުދާހެއް އެމަނކުފާނަށް އެރުވި ކަމަށެވެ. ނަމަވެސް އިތުރު އިލްމީ ދިރާސާއެއް ހެއްދެވުމަށްފަހު މެނުވީ އެއާމެދު އެއްވެސް ގޮތެއް ނުނިންމުމަށް މުސްތަފާ އެދިވަޑައިގެންނެވި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެހެންކަމުން، ސަރުކާރުން އަޅުގަނޑު މި ގަސްދު ކުރަނީ، ޑޮކްޓަރ މުސްތަފާ އެ ވިދާޅުވި ގޮތަށް، ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ކަންތައްތައް މިހާރު ހުރި ގޮތާބެހޭ އިލްމީ ދިރާސާއެއް ވަރަށް އަވަހަށް ކުރުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ޑރ. މުސްތަފާ އެމަނިކުފާނަށް އެރުވި ކަރުދާހުގައި 1970 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް، "ރާއްޖޭގެ ތައުލީމީ ނިޒާމު ހިނގަމުން އައިގޮތާއި، އޭރު މުދައްރިސުންނަށާއި ޓީޗަރުންނަށް އޮތް އިހްތިރާމާއި ގަދަރާއި ބަދަލުވަމުން އައި ގޮތް ތަފްސީލުކޮށް ލިޔުއްވާފައިވާ ކަމަށެވެ.

ބިދޭސީންނާއި ވަގުތީ ޓީޗަރުންނާއެކު މުޅި ރާއްޖޭގައި 9119 މުދައްރިސުން މިވަގުތު އެބަތިއްބެވެ. އެއީ 6498 ދާއިމީ ދިވެހި މުވައްޒަފުންނާއި ބިދޭސީ 1730 މީހުންނާއި ވަގުތީ 891 މުދައްރިސުންނެވެ.

އެ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހަމައެކަނި ސެޓްފިކެޓެއް ހޯދުމުގެ ބޭނުމުގައި ތައުލީމު ހާސިލް ކުރުން ބުއްދިވެރި ނޫން ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، ތައުލީމީ މަރުހަލާތައް ނިންމައިލުމަށްފަހު، ވަޒީފާގެ ފަހަތުން ދުވާ ޒުވާނުން. ސަބަބަކީ ވަކި ވަޒީފާއަކަށް އަމާޒުކޮށް، ހަމައެކަނި ސެޓްފިކެޓެއް ހާސިލުކުރުމަށްޓަކައި، ތައުލީމީ ހަޔާތުގެ ދުވަސްތައް ހޭދަކޮށްލެވޭކަން. އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ، އައު އުފެއްދުންތައް އީޖާދުކުރާނެ ވިސްނުން ސިކުނޑީގައި ތަރައްގީ ކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.