ދިރާސީ އާ އަހަރު ފަށާއިރު ރައީސް މުއިއްޒުގެ ނަސޭހަތަކީ ޓީޗަރުން އިހުލާސްތެރިވުން އަދި ބެލެނިވެރިން ފަރުވާކުޑަނުވުން

7 އޭޕްރީލް 2025 - 03:24 0

ރައީސް މުއިއްޒު: ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީނުކޮށް ތައުލީމު ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ދިރާސީ އާ އަހަރު ފަށާއިރު ރައީސް މުއިއްޒުގެ ނަސޭހަތަކީ ޓީޗަރުން އިހުލާސްތެރިވުން އަދި ބެލެނިވެރިން ފަރުވާކުޑަނުވުން

7 އޭޕްރީލް 2025 - 03:24 0

ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި ޓީޗަރުން އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް އަދި ދަރިންގެ ތައުލީމާމެދު ބެލެނިވެރިން ފަރުވާކުޑަނުވާން ނަސޭހަތްތެރިވެވަޑައިގެންފި އެވެ.

ތައުލީމު އުނގެނުމަށް އިސްލާމް ދީނުގައި ދީފައިވާ އަހަމިއްޔަތު ރައީސްގެ ހިތާބުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ. ދަރިންނަށް އުނގަނައިދިނުމުގައި މުޖްތަމައުގެ ރޯލު ވެސް ރައީސް ފާހަގަ ކުރެއްވި އެވެ. ރައީސް އެންމެ ބޮޑަށް އަލިއަޅުވައިލެއްވީ އުނގަންނައިދިނުމުގައި ޓީޗަރުންނާއި ބެލެނިވެރިންގެ ދައުރަށެވެ.

"ހީވާގި މުދައްރިސުންނަށާއި ތައުލީމީ ދާއިރާގެ ހިދުމަތްތެރީންނަށް އަޅުގަނޑުގެ އިލްތިމާސަކީ ކަމަށްކަމޭ ހީކުރެއްވުމާއެކު، އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުން. ބެލެނިވެރީންގެ އަރިހުން އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ލޮލުގެ ނޫރު ފަދަ ލޮބުވެތި ދަރީންނަށް ރަނގަޅު ތައުލީމާއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއް ވެސް ފަރުވާކުޑަ ނުކުރެއްވުން،" ރައީސް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާ ހަރުދަނާ ކުރަން ސަރުކާރުން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނުގެ ހިތާބުގައި ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން، ޓީޗަރުންނަށް ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ، ސްކޫލްތައް ޖާގައިގެ ގޮތުން ތަނަވަސްކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ، ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލް މާހައުލުތައް ގާާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުސަތުތައް ހޯދައިދީ، ތައުލީމީ ދާއިރާގެ ހުރިހާ ހިދުމަތްތެރީންނަށް ވެސް ރަނގަޅު މަގުތައް ފަހިކޮށްދީ، ބެލެނިވެރީން ފަހުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލުކުރެވޭނެ ހުރިހާ އަމާޒަކަށް ވާސިލުވުމަށް ސަރުކާރުން ހިންމަތް ކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެއްވެސް ކުއްޖަކު ބާކީނުކޮށް ތައުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވެފަ އެވެ.

"އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ، ތައުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.