Advertisement

އާ އިންޖީނުގެއަކާ އެކު ފުޅަދޫ ރައްޔިތުންގެ އެތައް އަހަރެއްގެ ހިތްދަތިކަމަށް ނިމުން

17 އޮކްޓޯބަރު 2021 - 13:16 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ބ. ފުޅަދޫގެ ކުރީގެ އިންޖީނުގެ ގެ (ވ) އަދި މިފަހުން ފެނަކައިން އެރަށުގައި ތަރައްގީ ކުރި އާ އިންޖީނުގެ (ކ).


އާ އިންޖީނުގެއަކާ އެކު ފުޅަދޫ ރައްޔިތުންގެ އެތައް އަހަރެއްގެ ހިތްދަތިކަމަށް ނިމުން

17 އޮކްޓޯބަރު 2021 - 13:16 0

ފުޅަދޫގެ އާ އިންޖީނުގޭގެ މަސައްކަތް އޮކްޓޯބަރު 15 ގައި ފެނަކަ ކޯޕަރޭޝަނުން ނިންމާލައި، ހިދުމަތް ދޭން ފެށުން ވެގެން ދިޔައީ އެ ރަށުގެ ރައްޔިތުންގެ އެތައް އަހަރެއްގެ ދައްޗަކަށް ހަލެއް ލިބިގެން ދިޔަ ދުވަހަކަށެވެ.

ހިތްގައިމު ބިޔަ އާ އިމާރާތަކަށް ފުޅަދޫގެ ކަރަންޓުގެ ހުރިހާ މަސައްކަތެއް ބަދަލުކޮށް، 250 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން އެރަށަށް ކަރަންޓުގެ ހިދުމަތް ފެނަކަ ކޯޕަރޭޝަނުން ދޭން ފެށުމާއެކު، އެ ރަށުގެ ގިނަ ބަޔަކު ތިބީ އެ މަސައްކަތާ ދޭތެެރޭ ހިތްހަމަޖެހިގެންކަމަށް ފުޅަދޫ ކައުންސިލް މެމްބަރު ހައްސާން މޫސާ ބުންޏެވެ.

"ވަރަށް ދުވަހުގެ ދަތިތަކަކަށް ހައްލެއް މި ލިބިގެންދިޔައީ. އެއީ ކުރީގަ، ރައްޔިތުން އަމިއްލައަށް އިންޖީނުތަކެއް ގެނެސްގެން ކަރަންޓު ހިދުމަތް ހޯދަމުން ދިޔައީ. ދެން އެހެން އުޅެފަ ކަރަންޓު ކެނޑި، ހިދުމަތް ނުލިބި، އަގުބޮޑެތި މުދާތައް، އޭސީއާއި ޓީވީ ފަދަ ތަކެއްޗަށް ގެއްލުން ލިބި އެކަހަލަ ކަންކަން ވެސް ވި. އެހެންވީމަ މިއީ ހަމަ ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް،" ހައްސާން ވިދާޅުވި އެވެ.

ހައްސާން ވިދާޅުވި ގޮތުގައި ރަށުގައި ކުރިން ބޭނުންކުރަމުންދިޔައީ ފަސް ކިލޯއާއި 10 ކިލޯ ވަރުގެ ކުދި ކުދި ޖަނަރޭޓަރެވެ. އަދި އިންޖީނުތައް ރަށުގެ މައި އަވަށުގައި ހުރުމުން، އަޑުގެ އުނދަގުލުން މީހުންނަށް ނިދަން އުނދަގޫވެ، އެ ޖަނަރޭޓަރުތަކުން ނިކުންނަ ކަޅު ދުމުގެ ސަބަބުން އެތައް އުނދަގޫތަކެއް ރައްޔިތުން އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރިކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން މިފަހަރު އެ އެޅި އާ އިމާރާތް ވެސް އެހާ ހިތްގައިމު. އެތަނުގައި އުޅޭ މުވައްޒަފުން ވެސް ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ. އެއީ ކުރިން އިންޖީނު ރޫމާއި ޕެނަލް ރޫމު ވެސް ހުންނާނީ ކުޑަ ގެޔެއްގެ ތެރޭ އެއްކޮށް. ދެން އެތަނަށް ވަންނަ ކޮންމެ މީހަކު ވެސް ނިކުންނާނީ މުޅި ގައިގަ ހަމަ ޑީސެލް ހޭކިގެން އެ ވަހާ އެއްކޮށް،" ހައްސާން ވިދާޅުވި އެވެ.

މިހާރު އާ އިންޖީނުގެ މައި އަވަށުން ބޭރުގައި ހުރުމުން، އަޑުގެ އުނދަގުލާއި ދުމުގެ އަސަރުން ވެސް ރައްޔިތުންނަށް އިތުރު ދަތިތަކާއި ކުރިމަތިނުވާނެތީ، އެކަމާ ވަރަށް އުފާ ކުރާކަމަށް ވެސް ހައްސާން ވިދާޅުވި އެވެ.

ފެނަކަ ކުންފުނިން ފުޅަދޫގައި ތަރައްގީ ކުރި އާ އިންޖީނުގެއާ އެއްކޮށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވެސް ވަނީ އެ އިންޖީނުގޭގެ ސަބަބުން 27 އަހަރު ވަންދެން ފުޅަދޫ ރައްޔިތުންގެ ވޭންދެނިވި ހިތްދަތިކަމަށް ހިނިތުންވުމާ އުފާވެރިކަން އައިސްފައިވާ ކަމަށެވެ.