15 އޮކްޓޯބަރު 2021 - 22:02 0
އުދުމާ މަހްމޫދް
ތ. ކަނޑޫދޫގެ ދަނޑެއް. އެގްރިކަލްޗާ މިނިސްޓަރު ވަނީ ދަނޑުވެރިކަން ކުރަން އިތުރު ފަސް ރަށެއް މިއަހަރު ދޫކުރާނެ ކަމަށް ވިދާޅުވެފައި. -- ފޮޓޯ؛ އަދަދު
15 އޮކްޓޯބަރު 2021 - 22:02 0
ރާއްޖޭގެ ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރަން އިތުރު ފަސް ރަށެއް މިއަހަރު ދޫކުރަން ނިންމާފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ތ. ކަނޑޫގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ބިން ލިބޭ ފަރާތްތަކަށް ފަސޭހައި އިންވެސްޓްމެންޓް ފައިސާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް މިހާރުވެސް ހުރި ލޯނު ސްކީމްތަކުގެ މައުލޫމާތު އެންމެ ރަނގަޅަށް ނޭނގޭ ކަމަަށާއި އެގްރިކަލްޗާ މިނިސްޓްރީން މިހާރުވެސް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ލޯނު ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ނަމަވެސް މި ލޯނުގެ އިތުރުން އެސްޑީއެފްސީން ދަނޑުވެރިންނަށް ދޫކުރާ ލޯނުތައްވެސް ނަގައި އޭގެ ބޭނުން ކުރަނީ ވަރަށް މަދު ދަނޑުވެރިން ކަމަށް ހުސެއިން ވިދާޅުވި އެވެ.
ރާއްޖޭގައި ދަނޑުވެރިކަން ކުރަން މީހުން ދިރިއުޅޭ ރަށްރަށުން ބިން ދޫކުރާ އިރު، ބިން އިސްރާފު ނުވާނެ ގޮތަށް ބިން ދޫކުރުން މުހިންމުކަމަށްވެސް މިނިސްޓަރު ވަނީ މިރޭ ވިދާޅުވެފަ އެވެ.
އެގޮތުން ރާއްޖޭގެ ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ވަކި ރަށްރަށުން ބޭނުންވާ ބޮޑު މިނުގެ ބިން ނުލިބުން ފާހަަގާވާކަމަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި މިނިސްޓާ އޮފް އެގްރިކަލްޗާ ތ. ކަނޑޫދޫގެ ދަނޑެއް ބައްލަވާލައްވަނީ. -- ފޮޓޯ:ރައީސް އޮފީސް
މިހާރު ދަނޑުވެރިކަން ކުރަން ބިން ބޭނުންކުރާ ގޮތަށް ބޭނުންކުރާނަމަ މުސްތަގުބަލުގައި ބިމުގެ ދަތިކަން އިތުރުވެގެން ދިއުން އެކަށީގެންވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ރަށްރަށުން ބިން ދޫކުރާ އިރު އެކަށޭނަ މުއްދަތަކަށް އެކަށޭނަ އަގެއްގައި ބިން ދޫކުރުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ބިމުގެ ނިސްބަތް ކުޑަ އިރު، ދަނޑުވެރިކަން ކުރަން މިލިބޭ ބިމުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމަށް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުން މުހިންމުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ގުދުރަތީ ކާރިސާތަކާއި ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށްވެސް ޓެކްނޮލޮޖީގެ ބޭނުން ހިފުން މުހިންމު ކަމަށެވެ.
އޭގެ އިތުރުން މިނިސްޓަރު ވަނީ ކޮވިޑުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކު ދަނޑުވެރިކަމަށް މިނިސްޓްރީން ކުރަމުން އައި މަސައްކަތްތަކަށް ބުރުއެރި ނަމަވެސް ދަނޑުވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment