Advertisement

ޝާހިދާއެކު ކުރި މަޝްވަރާތަކުގައި ރައީސް އެދިވަޑައިގަތީ ކުދި ގައުމުތަކުގެ ދަރަންޏަށް ހައްލެއް ހޯދައިދޭން

6 އޮކްޓޯބަރު 2021 - 15:40 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ޝާހިދު ވަނީ ރިއާސަތާ ހަވާލުވި ފަހުން އެންމެ ފުރަތަމަ ފަހަރަށް މިއަދު ރާއްޖެ ވަޑައިގެންފަ -- ފޮޓޯ: އދ.


ޝާހިދާއެކު ކުރި މަޝްވަރާތަކުގައި ރައީސް އެދިވަޑައިގަތީ ކުދި ގައުމުތަކުގެ ދަރަންޏަށް ހައްލެއް ހޯދައިދޭން

6 އޮކްޓޯބަރު 2021 - 15:40 0

ރާއްޖެ ހިމެނޭ ގޮތަށް ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނީގެ މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހުން އެދިވަޑައިގެންފި އެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ރައީސް ސޯލިހާ ބައްދަލު ކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ ކޮވިޑުގެ ސަބަބުން ކުދި ގައުމުތަކުގެ އިގްތިސޯދަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.

އަދި އެފަދަ ގައުމުތަކުގެ ދަރަންޏަށް ލުޔެއް ހޯދުމުގައި އދ. އަށް މުހިންމު ރޯލެއް އަދާ ކުރެވޭނެ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މަޝްވަރާތަކުގައި ކޮވިޑުގެ ވަބާގެ ސަބަބުން އިގްތިސޯދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނިތަކަށް ލުޔެއް ހޯދައިދިނުމުގައި އދ.ގެ އާންމު މަޖިލީހުގެ ދައުރުގެ މުހިންމުކަން ފާހަގަކުރިން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހަކީ މެމްބަރު ހުރިހާ ގައުމެއް ވެސް ތަމްސީލު ކުރެވޭނެ ތަނަކަށްވާތީ، ދަރަންޏަށް ލުޔެއް ހޯދައިދިނުމަށް ރާއްޖޭގެ ފަރާތުން ހުށަހަޅުމުން އެކަމަށް "އުއްމީދީ މަސައްކަތްތަކެއް" ކޮށްދެވުމަށް ޝާހިދަށް ދެންނެވިކަމުގައި ރައީސް ވިދާޅުވި އެވެ.

"އދ.ގެ އާންމު މަޖިލީހަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއް ތަމްސީލުކުރައްވާ މަޖިލިސްކަމުގައިވާއިރު، މިފަދަ ކަންކަމުގައި އާންމު މަޖިލީހުގެ ރިޔާސަތުން އުންމީދީ މަސައްކަތްތަކެއް ކޮށްދެއްވުމަށް ޕީޖީއޭގެ އަރިހުގައި އަޅުގަނޑު ދެންނެވިން،" އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، ރައީސް ސޯލިހުގެ ވިދާޅުވީ ރާއްޖޭން އދ.ގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އަބަދުވެސް ވަކާލާތު ކުރަމުން ގެންދާ ކަމަށެވެ.

އަދި ޝާހިދުގެ ރިޔާސަތުގައި އެ މަސައްކަތް އަވަސް ކުރުމަށް ވެސް މަޝްވަރާތަކުގެ ތެރެއިން އެދިވަޑައިގަތް ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އދ.އާ ރާއްޖެއާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއަރުވަން ވެސް މަޝްވަރާތަކުގެ ތެރެއިން ދެ ބޭފުޅުން ހިޔާލުބަދަލުކުރެއްވި ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން ކުރި މަޝްވަރާތަކުގައި އދ. އިސްލާހުކުރުމުގެ މަސައްކަތްތައް އެމަނިކުފާނުގެ ޒައާމަތުގައި އިތުރަށް ހަލުއިކުރުމަށް އެދޭކަމުގައި ދެންނެވިން. ހާއްސަގޮތެއްގައި އދ.ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލިސް އިސްލާހުކުރުމުގެ މަސައްކަތަށް ކުރިއެރުމެއް ލިބުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރިން،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު. ފޮޓޯ: ފޮރިން މިނިސްޓްރީ.


އިތުރަށް މަޝްވަރާ ކުރި ދާއިރާތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާ ގުޅިގެން ކުދި ޖަޒީރާތަކަށް ކުރިމަތިވާ ދަތިތަކާ ދޭތެރޭ ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

އަދި ހުރިހާ ގައުމެއް އެއް ނިޒާމެއްގެ ތެރެއިން މަޝްވަރާކޮށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ވެސް ވާހަކަދެކެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.

ޝާހިދުގެ ޒިޔާރަތުގައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި ޕީޖީ ލީޑަރުންގެ އިތުރުން މަޖިލީހުގެ ކޮމިޓީ މުގައްރިރުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.

އަދި އޭގެ އިތުރުން އުއްތަމަފަނޑިޔާރު މުއްތަސިމް އަދުނާންއާ ވެސް ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ.

ރާއްޖެއަށް ޝާހިދު ކުރައްވާ މި ދަތުރުފުޅަކީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.