6 އޮކްޓޯބަރު 2021 - 11:08 0
އަހުމަދުﷲ އަބްދުލްހާދީ
އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރައީސް ސޯލިހާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެ ބައްދަލުވުމަށްފަހު ދެ ބޭފުޅުން ވަނީ ޖޮއިންޓް ސްޓޭޓްމެންޓެއް ދެއްވައިފަ -- ފޮޓޯ: ފޮރިން މިނިސްޓްރީ
6 އޮކްޓޯބަރު 2021 - 11:08 0
އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންނެވުމަށްފަހު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި ތަފާތު ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އދ. އާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އިތުރު ހަރުފަތަކަށް ގެންގޮސް، ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ޑިމޮކްރެސީގެ ހަމަތަކާ އެއްކޮށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމަށް ޝާހިދާއެކު މަޝްވަރާ ކުރެވުނުކަމަށެވެ.
އަދި އދ. ގެ ބައެއް ކަންކަން އިސްލާހުކޮށް އިތުރަށް ހަރުދަނާކުރުމަކީ ރާއްޖެއިން އަބަދުވެސް ގޮވާލަމުން އަންނަ ކަމަށާއި ރިއާސަތުގައި ޝާހިދު ހުންނަވައިގެން އދ. މަސައްކަތްކުރާ ގޮތް އިތުރަށް ހަރުދަނާ ކުރުމަށް ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އދ. އިސްލާހު ކުރުމުގެ މަސައްކަތްތައް އެމަނިކުފާނުގެ ޒައާމުތައި އިތުރަށް ހަލުވިކުރުމަށް ވާހަކަ ދެކެވުނު،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެ ބައްދަލުވުމަށްފަހު ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެއަށް މިހާރު ބައިނަލްއަގްވާމީ މައިދާނުގައި އިތުރު އިހުތިރާމަކާއި ގަަދަރެއް ލިބިފައިވާކަމަށާއި ކުޑަ ގައުމަކަށްވި ނަމަވެސް އަބަދުވެސް ކެރިގެން ބަސްބުނާ ގައުމެއްގެ ގޮތުގައި ރާއްޖެ މިހާރު ފާހަގަކުރެވިފައިވާ ކަމަށެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ރައީސް ސޯލިހް. ފޮޓޯ: ފޮރިން މިނިސްޓްރީ
"އަޅުގަނޑުގެ އުއްމީދީ ރިޔާސަތުގައި، ކީއްވެތޯ އުއްމީދީ، އެ ސުވާލު ވަރަށް ގިނައިން ކުރެވޭ. ޖަވާބު އޮތީ މި ރާއްޖޭގައި. ރާއްޖެއަކީ ދުނިޔޭގެ އެންމެ ނާޒުކު އެއް ގައުމު،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް އެއް ގައުމު ކަމަށް ވިދާޅުވަމުން ރާއްޖެއިން ދުވަހަކު ވެސް އުއްމީދު ގެއްލުވާނުލާ މަސައްކަތްކުރާކަން ޝާހިދު ފާހަގަކުރެއްވި އެވެ.
"އެއީ އަޅުގަނޑު އދ. އަށް ވެސް ގެންނަން ބޭނުންވާ ކަމަކީ،" ޝާހިދު ވިދާޅުވި އެވެ.
ރައީސްގެ ބައްދަލުވުމަށްފަހު ޝާހިދު މިއަދު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާންއާ ވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.
ޝާހިދު އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވީ ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ހުޅުވާލި ފުރުސަތުގައި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރާ ވާދަ ކުރެއްވުމަށްފަހު އެވެ.
އާންމު މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ.
Comment