Advertisement

ސާފް މުބާރާތަށްފަހު ކޮވިޑު ކޭސްތައް އިތުރުވެދާނެ ކަމުގެ ބިރު

7 އޮކްޓޯބަރު 2021 - 10:33 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރާއްޖެ ކުޅޭ މެޗެއް ބެލުމަށް އެއްވެ ތިބި ދިވެހިންތަކެއް: ދަނޑަށް ވަނުމަށް ޓިކެޓު ލިބެނީވެސް ވެކްސިން ދެ ޑޯޒް ޖެހުމަށް ފަހު ކަމަށް އެފްއޭއެމުން ވަނީ ނިންމާފައި-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު


ސާފް މުބާރާތަށްފަހު ކޮވިޑު ކޭސްތައް އިތުރުވެދާނެ ކަމުގެ ބިރު

7 އޮކްޓޯބަރު 2021 - 10:33 0

މިހާރު ފެށިގެން ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ފަހު ކޮވިޑް ކޭސްތައް އިތުރުވެދާނެ ކަމުގެ އިންޒާރާއެކު ކޮވިޑް ކޮންޓްރޯލްކުރަން އެކުލަވާލި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.

ޓިކެޓަށް ދަނޑަށް ވަންނަ ކޮންމެ މީހެއްގެ ވެކްސިން ކާޑާއި އައިޑީ ކާޑު ޓިކެޓް ގަންނަން އަންނަ މީހާ ގެންނަން ޖެހޭނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އެގޮތަށް ހަމަޖައްސާފައި ވަނީ ޓިކެޓަށް ދަނޑަށް ވަންނަ މީހަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށްފައިވާ މީހަކަށް ހެދުމަށެވެ.

ނަމަވެސް މުބާރާތް ފެށުމާއެކު ފެނިގެން ދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކުޑަވެސް ބެލުމެއް ނެތި ބެލުންތެރިން ހަރަކާތްތެރިވާން ފެށިތަނެވެ. އެގޮތުން މާސްކް ނާޅާއިރު، އިޖުތިމާއީ ގައިދުރުކަން ބަހައްޓާ މިންވަރު ވެސް ވަރަށް ކުޑަ އެވެ.

ބަނގްލަދޭޝް ކުޅުނު މެޗެއްގައި ސަޕޯޓު ކުރަން ދަނޑަށް ވަދެ ތިބި ބައެއް ސަޕޯޓަރުން-- ފޮޓޯ: ހުސެން ޝަޔާހު


އެކަމާ ގުޅިގެން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ސާފް މުބާރާތައްފަހު ކޭސްތައް މައްޗަށް ދިއުމުގެ ފުރުސަތު އޮތް ކަމަށެވެ. ސަބަބަކީ ގިނަ ބަޔަކު އެއްވާ ދަނޑުގައި މާސްކް އެޅުމާއި އިޖުތިމާއީ ގައިދުރުމިން ނުބަހައްޓާތީ އެވެ.

ޒުވާން އުމުރު ފުރައިގެ މީހުން ވެކްސިންގެ ދެ ޑޯޒް ޖަހާފައި ވާނަމަ ކޭސްތައް މައްޗަށްދާ އަދަދު މަދުވުން އެކަށީގެންވާ ކަމަށްވެސް ޑރ. ވިދާޅުވި އެވެ.

"ފެތުރުން ކޮންޓްރޯލްވޭ ވެކްސިން ޖެހީމަ. ހާއްސަކޮށް ބޮޑަށް މީހުން އެއްވަންޏާ އިތުރު މީހުންނަށް ގޮސް ޕޮޒިޓިވްވާ އަދަދުތައް މަތިވުމުގެ ފުރުސަތު ބޮޑު،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގެ ސަޕޯޓަރުން ދަނޑުގައި، އިޖުތިމާއި ގައިދުރުކަމެއް ނެތްއިރު މާސްކް އެޅުމެއްވެސް ނެތް-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު


މީގެ އިތުރުން ނަޒްލާ ވަނީ އުމުރުން ދުވަސްވީ މީހުންނާއި ދިފާއީ ބާރު ބަލިކަށި މީހުން އަދި ހައިރިސްކް މީހުންނަށް ބޫސްޓާ ޝޮޓް ޖެހުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

"އަޅުގަނޑު އަދިވެސް އެދެނީ އެންމެންގެ ފަރާތުން މާސްކް އެޅުމަށާއި ގައިދުރުކަން ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް. އެހެން ނޫނީ ވެކްސިންގެ ދެ ޑޯޒް ޖެހިޔަސް އިފެކްޓިވް ވުމުގެ ރިސްކް ދަށްކޮށްލާ. އެކަމަކު އޭތި 60 ޕަސެންޓު ދަށްކޮށްލާ އިފެކްޓިވް ވުމުގެ. އޭރަށް އޭނާއަށް ޖެހުމުގެ ފުރުސަތު އަދި އޭނާގެ ފަރާތުން އެހެން މީހުންނަށް ޖެހުމުގެ ފުރުސަތުވެސް ބޮޑު،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިހާރު ފެށިގެން ކުރިއަށްދާ މުބާރާތާއެކު ކޮވިޑް ކޭސްތައް މައްޗަށް އަރައިގެން ހިނގައިދާނެ ކަމަށް އެކަމުގެ ތަޖުރިބާކާރުން ބުނެފައި ވާއިރު، ރާއްޖެއަށް އައި ހަތަރުވަނަ ރާޅު އައިސްފައި ވަނީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު އެވެ.

މިއަހަރުގެ ފުރަތަމަ ކޮޅު ކޮވިޑް ކޭސްތައް ދަށްވި ނަމަވެސް އޭޕްރީލް މަހު ދިން ލުއިތަކާއެކު ކޮވިޑް ކޭސްތައް 1000 އިން މައްޗަށް އެރި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިދިޔަ މެއި މަހުގެ ތެރޭގައި ގޯސްވެފައި އޮތުމަށް ފަހު އޭރު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ އެކު ކޭސްތައް ވަނީ މިދިޔަ ޖުލައި މަހުތެރޭ 100 އިން ދަށަށް ގޮސްފަ އެވެ.

ނަމަަވެސް ފަހުން ކޭސްތައް އިތުރުވެ ދޭތެރެ ދޭތެރެއިން 100 އިން މަތިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ރިޕޯޓް ކުރާ ދުވަސްތައް ފާހަގަ ކުރެވެ އެވެ. މާލެ ސަރަހައްދުގެ ކޭސްތައް އުޅެނީ 30 ނުވަތަ 40 ގަ އެވެ. މުޅި ރާއްޖެއަށް ބަލާއިރު 160 އިން މައްޗަށް ޕޮޒިޓިވް ކޭސްތައް ނާރާތާ ދެ މަސްވަރު ވެދާނެ އެވެ.