Advertisement

ދައްޕަރު އަނެއްކާ ވެސް ފިއްލަދޫގެ އިހްތިސާސްގެ ތެރެއަށް ވައްދައިފި

4 އޮކްޓޯބަރު 2021 - 17:53 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ފިއްލަދޫ (ކ) އާއި ދިއްޕަރުގެ (ވ) ގެ ސެޓަލައިޓް ފޮޓޯއެއް: އެއް ބިމެއް، އެއް ފަޅެއްގައި އޮތް ނަމަވެސް ފިއްލަދޫގެ މީހުން ދިރިނޫޅޭ ސަރަހައްދު ވަކި ކުރީ 2010 ވަނަ އަހަރު -- ފޮޓޯ: ސެޓަލައިޓް ކެޕްޗާ


ދައްޕަރު އަނެއްކާ ވެސް ފިއްލަދޫގެ އިހްތިސާސްގެ ތެރެއަށް ވައްދައިފި

4 އޮކްޓޯބަރު 2021 - 17:53 2

ހއ. ފިއްލަދޫއާ އެއް ބިމެއްގައި އަދި އެއް ފަޅެއްގައި އޮތް ދައްޕަރު އެ ރަށުގެ އިހުތިސާސުން ވަކިކުރުމުން ކުރިމަތިވި ޕްރެޝަރުތަކަށް ދޫ ދެއްވައި، ފިއްލަދޫގެ އިހްތިސާސްގެ ތެރެއަށް ދައްޕަރު ވެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ފިއްލަދޫގެ އިހްތިސާސްގެ ތެރެއިން ދައްޕަރު ވަކި ކުރީ ރައީސް ސޯލިހު ނެރުއްވި ގަރާރަކުން އޯގަސްޓު 29، ގަ އެވެ. ނަމަވެސް އެ ނިންނެމުން އެމަނިކުފާނު ބަދަލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.

ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކި ކުރިއިރު ސަރުކާރުގެ ވިސްނުމަކީ އެ ރަށުގައި ޓުއަރިޒަމް ތަރައްގީ ކުރުން ކަމަށްވެ އެވެ. ނަމަވެސް ފިއްލަދޫ ރަށު ކައުންސިލުގެ އެދުމަކީ އެ އޮފީހުގެ އިހްތިސާސްގެ ތެރޭގައި ބަހައްޓައިގެން ޕްރޮޖެކްޓެއް ހިންގާނަމަ އެކަން ކުރުމެވެ.

ދައްޕަރު އެ ރަށުގެ އިހްތިސާސްގެ ތެރެއަށް އަލުން ވެއްދުމަށް އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. "ސޭވް ދައްޕަރު" ގެ ނަމުގައި 450 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ހުށަހެޅި އެ ޕެޓިޝަން މަޖިލީހުގެ އިތުރުން އެލްޖީއޭ އަދި ސަރުކާރުގެ ބައެއް އެހެން އިދާރާތަކަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

އޭގެ އިތުރުން ކެލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ފިއްލަދޫއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ އޭނާއާ ދެކޮޅަށް އަޑުއުފުލައި، ދައްޕަރު އަލުން އެ ރަށުގެ އިހްތިސާސްގެ ތެރެއަށް ވެއްދުމަށް ގޮވާލައިފަ އެވެ.

ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރިއިރު ލާމަރުކަޒީ ގާނޫނުގައި ބުނެފައި ވަނީ އެ ރަށެއްގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްތަކުން ކައުންސިލަށް ނަފާ ހޯދޭނެ ކަމަށެވެ. އަދި އެއަށް ގާނޫނީ ބާރު ދިނުމުގެ ގޮތުން ފަޅު ރަށްތަކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް މިހާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.

ފިއްލަދޫގެ މީހުން ދިރިނޫޅޭ ސަރަހައްދު ވަކިކޮށް އެއީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅީ 2010 ވަނަ އަހަރެވެ. އެއިރު ސަރުކާރުގެ ވިސްނުމުގައި ހުރީ ހއ. އަތޮޅުގެ ފަސް ރަށެއްގައި ހައުސިން ޔުނިޓު އަޅައިދޭ ބަޔަކަށް ދައްޕަރުގައި 50 ލަގްޒަރީ ވިލާ އެޅުމަށް ދިނުމެވެ.

އެ މަސައްކަތް ނުފެށި އުޅެނިކޮށް މި ސަރުކާރުން ޖުލައި، 2020 ގައި އިއުލާން ކުރީ ދައްޕަރުގައި އަގުބޮޑު ގެތަކެއް އެޅުމަށްފަހު އެ ގަންނަ ބިދޭސީންނަށް ރެސިޑެންސީ ވިސާ ދޫކުރުމުގެ ވިސްނުމެކެވެ. ނަމަވެސް އެ ޕްލޭން ވެސް މިހާތަނަށް ތަންފީޒުކޮށްފައެއް ނުވެ އެވެ.

ސެކަންޑް ހޯމް ރެޒިޑެންޑްޓް ޕައިލެޓް ޕްރޮޖެކްޓު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޖުލައި މަހު އިއުލާން ކުރިއިރު ރައީސް ސޯލިހުގެ ގަރާރަކުން ދައްޕަރު އޮތީ މާޗް، 2020 ގައި ފިއްލަދޫގެ އިހްތިސާސުގައި ރަސްމީކޮށް ހިމަނައިފަ އެވެ.