Advertisement

ފިއްލަދޫގެ ޓުއަރިޒަމް ޒޯނުގައި ބޮޑު ހެލްތު ފެސިލިޓީއެއް އަޅާނެ ބަޔަކު ހޯދަނީ

6 ޖަނަވަރީ 2024 - 12:29 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފިއްލަދޫ މަތިން ނަގާފައިވާ ފޮޓޯއެއް؛ ފިއްލަދޫގެ ޓުއަރިޒަމް ޒޯނުގައި ބޮޑު ހެލްތު ފެސިލިޓީއެއް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި - ފޮޓޯ: ފިއްލަދޫ ކައުންސިލް


ފިއްލަދޫގެ ޓުއަރިޒަމް ޒޯނުގައި ބޮޑު ހެލްތު ފެސިލިޓީއެއް އަޅާނެ ބަޔަކު ހޯދަނީ

6 ޖަނަވަރީ 2024 - 12:29 0

ހއ. ފިއްލަދޫ ކައުންސިލުން އެ ރަށުގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރާ ޓުއަރިސްޓު ވިލެޖު ސަރަހައްދުގައި ބޮޑު ހެލްތު ފެސިލިޓީއެއް ގާއިމު ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ފިއްލަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ އެފަދަ ފެސިލިޓީއެއް އެ ރަށުގައި އަޅައިދޭ ބަޔަކަށް، ޓުއަރިޒަމް ޒޯނުން 50،000 އާއި 40،000 އާ ދެމެދުގެ އަކަފޫޓުގެ ބިމެއް ހަމަޖައްސައިދޭނެ ކަމަށެވެ.

އެ ބިން ދޫކުރާނީ އަކަފޫޓަކަށް މަދުވެގެން މަހަކު 50 ލާރީގެ ރޭޓުން 50 އަހަރަށް، ގެސްޓް ހައުސް ނުވަތަ ހޮޓާ އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމުން ކަމަށް އޭގައި ބުނެ އެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން "އަދަދު" ނޫހަށް ވިދާޅުވީ އެފަދަ ފެސިލިޓީއެއް އެޅުމަށް ބޭނުންވީ ގިނަ އަދަދެއްގެ ޓުއަރިސްޓުން އަމާޒުކޮށް އެ ރަށުގައި ޓުއަރިޒަމް ވިލެޖެއް ތަރައްގީ ކުރާތީ ކަމަށެވެ.

ރަށު ކައުންސިލުން ނިންމާފައިވަނީ 2،000 އެނދުގެ ޓުއަރިޒަމް ވިލެޖެއް ތަރައްގީ ކުރުމަށެވެ.

އެ ކަމަށް ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ކަނޑައަޅާފައިވާ ބިމުން ހެލްތު ފެސިލިޓީ އަޅާނެ ބަޔަކު ނިންމުމުގައި ހުށަހަޅާ ހިދުމަތްތަކާއި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ނިސްބަތަށް ބަލާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"ވީހާވެސް ވާދަވެރި ޕްރޮޕޯޝަލް ބިޑުތަކެއް ބޭނުންވާތީވެ، ވަރަށް ބޮޑަށް ހުޅުވާލައިގެން މި ގެންދަނީ، ވަކި މާ ގިނަ ޝަރުތުތަކެއް އޭގައި ނުހިމަނާ، ދެން އޭގައި ކައުންސިލުން ބަލާނަން، އަހަރަކު ކިތައް ސްޕެޝަލިސްޓުން ގެނޭތޯ، އެކްސްރޭ، ލެބޯޓަރީ ސާވިސަސްތަކާ މި ހުރިހާ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

ބީލަމަށް ރަޖިސްޓްރީ ކުރަން ހުޅުވާލާފައިވަނީ މި މަހު 14 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ. ބީލަންތަކަށް ހުޅުވާލާނީ މި މަހު 22، ގައި މެންދުރުފަހު 1:05 ގައި ފިއްލަދޫ ކައުންސިލް އިދާރާގަ އެވެ.

ބީލަން ހުށަހެޅޭނީ، ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ޕާޓްނާޝިޕްތަކާއި އަމިއްލަ ވިޔަފާރިތަކަށް ކަމަށް އިއުލާނުގައިވެ އެވެ.