2 އޮކްޓޯބަރު 2021 - 10:17 0
އަހުމަދުﷲ އަބްދުލްހާދީ
2 އޮކްޓޯބަރު 2021 - 10:17 0
"އެއީ ދެން ބުނަންޏާ މާލޭގަ ނަމަ މާފަންނާ ހެންވޭރާ. އެގޮތަށް މާފަންނުން ހެންވޭރު ވަކިކުރާކަށް ނޭދޭނެތާ މާލޭގެ އެއްވެސް ރައްޔިތަކު. ހަމަ އެގޮތަށް މިކަންވެސް މިއޮތީ. އަޅުގަނޑުމެންގެ ކާބަފައިންގެ މަހާނަތައްވެސް އެބަ ހުރި ދައްޕަރުގައި. އެކޮޅުގަ ހުންނާނެ ސަހަރާއެއްވެސް،" މިއީ ހއ. ފިއްލަދޫގެ ކައުންސިލަރަކު އެ ރަށާއި އިންވެގެން އޮންނަ ދައްޕަރު ފިއްލަދޫގެ އިހުތިސާސުން ނެގި މައްސަލައާ ގުޅިގެން މީގެ ކުރިން މި ނޫހަށް ދެއްވި އިންޓަވިއުއެއްގަ ވިދާޅުވި ވާހަކަ އެވެ.
ދައްޕަރުގެ މައްސަލައިގަ ފިއްލަދޫ ރައްޔިތުން އިސްވެ މިހާރު މިވަނީ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އޭގައި ގޮވާލަނީ ދައްޕަރު އަލުން ފިއްލަދޫއާ އެއް ކުރުމަށެވެ. އެހެންނަމަވެސް ފިއްލަދޫ ރައްޔިތުންގެ ހިތާހިތް ގުޅިފައިވާ މި މައްސަލައިގައި، ބިން އަބުރާ އިހުތިސާސަށް ގެނައުމުގެ މައްސަލައާ އެއްވަރަށް އެ ޕެޓިޝަނާއި ޕެޓިޝަނު ހުށަހެޅި ގޮތުގެ މައްސަލަ ވެސް މިވަނީ ހޫނުވެފަ އެވެ.
ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަމުން ފިއްލަދޫ ނިސްބަތްވާ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ އެ ޕެޓިޝަން އެހެން މެމްބަރަކު މެދުވެރިކޮށް މަޖިލީހަށް އައުމުން ހިތްހަމަނުޖެހުން ފާޅުކޮށް އެ މައްސަލައިގަ ދާއިރާގެ މެމްބަރު ބާކީވުމުން އެކަމާ ނުރުހުން ފާޅުކުރައްވައިފަ އެވެ.
އެ ވާހަކަތަކަށް ކޮމިޓީގެ މުގައްރިރު ވެސް ވަނީ ދާއިރާގެ މެމްބަރު ނޫން ގޮތަކަށް އެ ދާއިރާއެއްގެ މައްސަލައެއް އައުމަކީ އެންމެ "ރީތި" ގޮތް ނޫންކަމަށް ވިދާޅުވެފަ އެވެ.
އަޅުގަނޑަކަށް ހަމަ ވެފަ އޮތް ގޮތެއް އެއްގޮތަކަށްވެސް ނޭނގޭ. ވާހަކައަކީ ހަގީގަތުގެ އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ ބަދަހިކަމާއި، މިކަމުގެ އަޅުގަނޑަކަށް އެއްވެސް ހަގީގަތެއް ނޭގެ ހަމަ. އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ހައިރާންވާތީވެ ރެކޯޑަށްޓަކައި ދަންނަވާލީ. އަޅުގަނޑު މިކަމަށް (ޕެޓިޝަން ހުށަހަޅަން) އިންކާރުކޮށްފަކާއެއް ނޯންނާނެ. އަޅުގަނޑާއި ހަމަޔަކަށް ނާދޭ ހަގީގަތުގައި،" މެމްބަރު ޝަރީފް ވިދާޅުވި އެވެ.
މެމްބަރު ޝަރީފް ވިދާޅުވަނީ ޕެޓިޝަނުގެ މައްސަލައިގަ އެބޭފުޅާ ހުންނެވީ ސުވާލު މާކެއްގަ ކަމަށެވެ. އެހެން ނަމަވެސް ޕެޓިޝަން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި އާއްމު ރައްޔިތުން ނުރުހުމުގެ އިނގިލި އަމާޒުވެފަ ހުރީ ހަމަ ސީދާ މެމްބަރަށެވެ. އަދި މެމްބަރުގެ ވާހަކަތައް ދާއިރާގެ ރައްޔިތުންނާ ޕެޓިޝަން ހެދި މީހުން ދަނީ ދޮގުކޮށް ފާޑުކިޔަމުންނެވެ.
"އެއީ ކަނޑައެޅިގެން ދޮގެއް އިނގޭތޯ! އެ ޕެޓިޝަން އަސްލު ހުށަހެޅީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ އަޅުގަނޑުމެން ބައްދަލުކޮށް،" ފިއްލަދޫ އާއްމުން އިސްވެ ސޮއިކުރަން ފެށި ޕެޓިޝަނުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ވަހީދު "އަދަދު" އަށް ވިދާޅުވި އެވެ.
"ނައިބު ރައީސް އީވާ އާއެކު އޮތް ބައްދަލުވުމުގައި ވެސް މެމްބަރު ޝަރީފް އިންނެވި ހަމަ. އަޅުގަނޑާ އެއްކޮށް ފޮޓޯވެސް އެބަ ހުރި އިނގޭތޯ. އެހެންވީމަ ޕެޓިޝަން ލައިގެން ނުވަތަ އޭގެ މަސައްކަތް ވެސް އެވަރުގެ ބޮޑު ކަމެއް ރަށުގައި ކުރާއިރު، ނޭނގިއެއް ނުހުންނާނެ."
ވަހީދު ވިދާޅުވި ގޮތުގައި ނައިބު ރައީސް އީވާ ވަނީ އެ ބައްދަލުވުމުގައި މެމްބަރު ވަހީދު ގާތު ދައްޕަރުގެ މައްސަލައިގައި ރަނގަޅަށް މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
އެހެން ނަމަވެސް އެ މައްސަލައާ މަސްލަހަތުގެ ފުށުއެރުމެއް އޮތް ކަމަށް ވިދާޅުވެ މެމްބަރު ޝަރީފް ތަނާޒުލުވާން އެދިވަޑައިގަތުމުން، މެމްބަރުގެ މަސްލަހަތު އެކަމުގައި އޮތީ ކިހިނެތްތޯ އީވާގެ އިތުރުން އޭނާ ވެސް އެހި ކަމަށް ވަހީދު ބުންޏެވެ.
ވަހީދު އަދި ސޭވް ދައްޕަރު ކެމްޕޭނުން ޕެޓިޝަން އެދުވަހު ލުމުން، ރިއާސަތުން އެ މައްސަލަ ކޮމިޓީއަށް ފޮނުވި އެވެ.
ވަހީދު ބުނިގޮތުގައި ކޮމިޓީއަށް ބަލައިގަތުމުގެ ކުރިން މެމްބަރަކު އެ ޕެޓިޝަން ސްޕޮންސާ ކުރަން ޖެހޭނެކަމަށް މަޖިލީހުގެ އިދާރާއިން އޭނާއަށް ގުޅާފަ ބުނުމުން، އެންމެ ފުރަތަމަ ވެސް ގުޅީ ދާއިރާގެ މެމްބަރަށް ކަމަށެވެ.
"ޝަރީފަށް ގުޅިން ދެ ފަހަރު. ފޯނެއް ނުއެއް ނަންގަވާ. ދެން އަޅުގަނޑުމެން އެހެން މެމްބަރަކު ލައްވާ އޭގަ ސޮއިކޮށްފަ، ކޮމިޓީއަށް ބަލައިގަންނަން ފޮނުވީ. އިއްތިފާގަކުން ދާއިރާގެ މެމްބަރު ވެސް އިންނެވީ ކޮމިޓީގައި. އޭގެ ކުރިން ނައިބު ރައިސް އީވާ ވެސް ވަނީ ޝަރީފް ކޮމިޓީގަ އިންނަވާތީ އެ މައްސަލަ ރަނގަޅަށް ބެލުމަށް އެދިފައި،" ވަހީދު ބުންޏެވެ.
ވަހީދު ބުނި ގޮތުގައި މެމްބަރު މެދުވެރިކޮށް ޕެޓިޝަން ހުށަހަޅަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ދެން އިތުރު ގޮތެއް ހޯދީ އެވެ. އެއީ ކޮންމެހެން މެމްބަރު ބާކީ ކުރާކަށް ނޫންކަމަށާއި އެކަމަކު މިހާރު ދާއިރާގެ ރައްޔިތުން މެމްބަރާއެކު މަސައްކަތްކުރަން ބޭނުންނުވާ ކަމަށެވެ.
ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއްގައި ރައްޔިތުންނާ ދެކޮޅަށް ދާއިރާގެ މެމްބަރު އުޅުއްވާކަމުގެ މި ތުހުމަތާއެކު، މި ނޫހުން މެމްބަރު ޝަރީފްގެ ބަހެއް ހޯދާލަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
ދައްޕަރު މައްސަލައިގައި ސަރުކާރުން ފިއްލަދޫ ކައުންސިލާއެކު މަޝްވަރާ ނުކުރާކަމުގެ ޝަކުވާ ވެސް އެ ރަށު ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް މިއަދު ރައީސް އޮފީހުން ބުނި ގޮތުގައި އެ މަޝްވަރާތައް ވަނީ ފެށިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް މިއަދު މި ނޫހަށް ވިދާޅުވީ އެކަމުގައި ސަރުކާރުން މިހާރު މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށެވެ.
އެ މައްސަލައިގަ މިމަހުގެ 22 ވަނަ ދުވަހު ޒޫމް މެދުވެރިކޮށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމްގެ އިތުރުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވަނީ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވާފަ އެވެ.
"އެ ބައްދަލުވުމުން ތައްޔާރުކުރެވުނު ކަރުދާސް މިހާރު ވަނީ އިކޮނޮމިކް ކައުންސިލަށް ހުށަހެޅިފައި. އެއީ އޭގެން ދެން އިތުރަށް ހުރި އޮޕްޝަންސްތައް ބެލުމަށްޓަކައި،" މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވަނީ ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް އެ މައްސަލައިގަ އަމަލުކުރުމުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment