Advertisement

ދައްޕަރު ޕެޓިޝަން ހުށަހެޅި ގޮތުން ދާއިރާގެ މެންބަރު ނުރުހިއްޖެ

29 ސެޕްޓެންބަރު 2021 - 18:00 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ކެލާ ދާއިރާގެ މެންބަރު: ޕެޓިޝަން އައި ގޮތުން ނުރުހުން ފާޅު ކުރެއްވި


ދައްޕަރު ޕެޓިޝަން ހުށަހެޅި ގޮތުން ދާއިރާގެ މެންބަރު ނުރުހިއްޖެ

29 ސެޕްޓެންބަރު 2021 - 18:00 0

ހއ. ފިއްލަދޫގެ އިހުތިސޯސުން އެ ރަށާ ގުޅިފައި އޮންނަ ދައްޕަރު ވަކި ކުރި މައްސަލައިގަ ރައްޔިތުން ހެދި ޕެޓިޝަން މަޖިލީހަށް ހުށަހެޅި ގޮތުން އެ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ނުރުހިއްޖެ އެވެ.

މެންބަރު ޝަރީފް މި ކަންބޮޑުވުން ފާޅު ކުރެއްވީ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގަ އެވެ.

މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ބައެއް މެންބަރުން ވަނީ ދައްޕަރާ ގުޅޭ ކަންބޮޑުވުންތަކުގެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން, ދައްޕަރުގައި ސަރުކާރުން ހިންގަން ނިންމާފައިވަނީ އިގްތިސޯދީ މަޝްރޫއެއް ނަމަވެސް, އެ މައްސަލައިގައި ލާމަރުކަޒީ ގާނޫނާއި ހިލާފު ބައެއް ކަންކަން ހިނގާފައި ހުރިކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ, އެ ކަންބޮޑުވުންތައް އާންމުން ފާޅުކޮށްފައިވާއިރު އިދާރާތަކުން މައުލޫމާތު ސާފުކޮށްގެން ޕެޓިޝަނާއިގެން ކުރިޔަށް ދިޔުމަށް ފެންނަ ކަމަށެވެ.

"އަޅުގަނޑު ހަމަ ހުށަހަޅަން އެއް ކަމަކަށް، ފިއްލަދޫ ކައުންސިލާ ވެސް ކޮމިޓީގެ ފަރާތުން ބައްދަލުކުރުމަށް. އަނެއްކަމަކީ އިގްތިސޯދީ މަޝްރޫއެއްގެ ވާހަކައެއް އޮތީމަ، އިކޮނޮމިކް މިނިސްޓަރާ ވެސް އަދި ފަތުރުވެރިކަމާ ގުޅުން ހުރި ކަމަކަށް ވާތީވެ ޓޫރިޒަމް މިނިސްޓަރާ އަދި ލާމަރުކަޒީ ގާނޫނުގެ މުހިންމު އަސާސެއް މުގުރިގެން ދާކަމަށް މި ޕެޓިޝަނުގަ ފާހަގަވެފަ އޮތީމަ، އެއީ ކިހިނެތް ހިނގާފަ އޮތް ކަމެއްތޯ ބެލުމަށް ލޯކަލް ގަވަންމެންޓް އޮތޯރިޓީއާ ވެސް އަޅުގަނޑުމެން ބައްދަލުކުރުމަށް ހުށަހަޅަން،" މެމްބަރު ޝިފާއު ވިދާޅުވި އެވެ.

އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ފިއްލަދޫ ނިސްބަތްވާ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

ހިޔާލުތަފާތުވުންތަކެއް!

އިހަވަންދޫ ދާއިރާގެ މެމްބަރުގެ މި ހުށަހެޅުމަށްފަހު އެ މައްސަލައިގައި ކޮމިޓީ މެމްބަރު އަދި އިނގުރައިދޫ މެމްބަރު ހަސަން އަހުމަދު ވަނީ އިތުރު ހުށަހެޅުމެއް ކޮމިޓީއަށް ހުށަހަޅުއްވާފަ އެވެ.

މެމްބަރު ހަސަން އެ މައްސަލައިގައި ހުށަހެޅުއްވީ އެންމެ ފުރަތަމަ އެ މައްސަލައިގަ ފިއްލަދޫ ކައުންސިލާއި ސަރުކާރާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރިޔަށް ދޭތޯ ބަލައި ފިއްލަދޫ ނިސްބަތްވާ ދާއިރާގެ މެމްބަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށްގެން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުމަށެވެ.

މިއަދު އޮތް ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މަޖިލިސް


އަދި އެފަދަ މައްސަލައެއް މީގެ ކުރިން ހދ. ހަނިމާދޫގައި ވެސް ދިމާވުމުން ސަރުކާރުން ރައްޔިތުންގެ އެދުމާ އެއްގޮތަށް ކަންކަން ހައްލުކޮށްދިންކަން މެމްބަރު ހަސަން ފާހަގަކުރެއްވި އެވެ. އަދި އެކަންކަން ހައްލުކުރުމުގައި ހަނިމާދޫ ދާއިރާގެ މެމްބަރު ވެސް ހަރަކާތްތެރިވިކަން މެމްބަރު ހަސަން ފާހަގަކުރެއްވި އެވެ.

މެމްބަރު ހަސަން އެ ވިދާޅުވާ މައްސަލައަކީ ހަނިމާދޫގެ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުން ކަނޑައެޅި ބިމުގެ ސަރަހައްދާ ގުޅޭ ގޮތުން އާއްމުންގެ ފަރާތުން ނުރުހުން ފާޅުކުރި މައްސަލަ އެވެ.

"އަޅުގަނޑުގެ ނަޒަރުގަ، އަޅުގަނޑަށް ފެނޭ ފިއްލަދޫ ކައުންސިލުން މިކަމާ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމަށް ވަންޏާ ދާއިރާ މެމްބަރާއި ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއާ ވާހަކަފުޅު ދައްކަވާފަ މިއަށް ގޮތެއް ނިންމެންދެން އިހަށް މި ޕެޓިޝަން މިތާ މަޑުކޮށްލަން،" ސަރުކާރާއެކު އިގްތިސޯދީ ކަންކަމުގައި އެއްބާރުލުން ދީގެން މަސައްކަތްކުރުމަށް އެދެމުން މެމްބަރު ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަނީ ދާއިރާ މެމްބަރު މެދުވެރިވެގެން، ވަޑައިގެން އަދި ކައުންސިލާ ދާއިރާ މެމްބަރާއި ރައީސުލްޖުމްހޫރިއްޔާއާ މިކަމަށް މަޝްވަރާކޮށްލަން އަޅުގަނޑު ހިތަށް އަރާތީވެ އެވާހަކަ ދަންނަވާލީ،"

މެމްބަރު ހަސަންގެ ވާހަކަތަކަށްފަހު ކެލާ ދާއިރާގެ މެމްބަރު ވަނީ އެގޮތަށް މަޝްވަރާތަކެއް ކުރޭތޯ ބެލުމަކީ ކޮމިޓީއަށް ޕެޓިޝަން އައުމުގެ ކުރިން ބަލަންޖެހޭނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ހއ. ދައްޕަރު


އެކަމަކު, މިހާރު އެކަން ކުރަން މާ ލަސްވެފައިވާ ކަމަށް ވިދާޅުވެ މެމްބަރު ޝަރީފް ވަނީ އިހަވަންދޫ ދާއިރާގެ މެމްބަރުގެ ހުށަހެޅުމަށް ތާއިދުކުރައްވާފަ އެވެ.

އެހެންނަމަވެސް މެމްބަރު ހަސަން ވަނީ އެ ވާހަކަތަކަށްފަހު އަނެއްކާވެސް ފިއްލަދޫ ނިސްބަތްވާ ދާއިރާގެ މެމްބަރު މަސައްކަތްކޮށްގެން އެ މައްސަލަ ހައްލުކުރެވޭތޯ މަސައްކަތްކުރުމަށް އެދިލައްވާފަ އެވެ.

"އަޅުގަނޑު މި ދެންނެވީ އިހަށް މި ކޮމިޓީގަ، އިހަށް މިކަން ހިނގާބަލާށޭ މަޑުޖައްސާލާފަ ބާއްވާލަން. ދާއިރާ މެމްބަރު އިސްނަންގަވައިގެން މެމްބަރުގެ ދާއިރާގެ ރަށެކޭ. އެމްޕީއަށޭ ރައްޔިތުންގެ އެނގޭނީ," މެމްބަރު ހަސަން މެމްބަރު ޝަރީފަށް ނިސްބަތްކޮށް ވިދާޅުވި އެވެ.

މެމްބަރު ޝަރީފް ވަނީ މި ވާހަކަތަކަށް ރައްދުގައި ޕެޓިޝަނުގެ ކުރިން ރައީސް ވަނީ ފިއްލަދޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރާނެ ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެ މައްސަލައިގަ ޓޫރިޒަމް އަދި އިކޮނޮމިކް މިނިސްޓްރީން ވެސް ހަމަ ވާހަކަ ދައްކާފައިވާ ކަމަށް މެމްބަރު ޝަރީފް ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް އަނެއްކާ ވެސް މެމްބަރު ހަސަން ވަނީ އެ ވާހަކަތަކަކީ ކުރިން ކަން އޮތް ގޮތް ކަމަށާއި އަދިވެސް ސަރުކާރާއެކު މަޝްވަރާކޮށްގެން ހައްލުކުރުމަށް އެދިލައްވާފަ އެވެ. މި ވާހަކަތަކަށް މިފަހަރު ރައްދެއްގެ ގޮތުގައި ވާހަކަފުޅު ދެއްކެވީ އެ މައްސަލައިގަ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު އޮޅުން ފިލުވުމަށް ހުށަހެޅުއްވި އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު އެވެ.

ޕެޓިޝަން ކޮމިޓީގެ ޒިންމާއަކަށްވާނީ ޕެޓިޝަންއާ ގުޅޭ ގޮތުން ހުށަހެޅިފަ ހުރި ކަންބޮޑުވުމާ ގުޅޭ ގޮތުން ހައްލެއް ހޯދޭތޯ މި ކޮމިޓީގެ ތެރެއިން މަސައްކަތްކުރުން، ޕެޓިޝަނުގެ މަސައްކަތް ހަމަ މިހާރުން މިހާރަށް ކުރިޔަށް ގެންދެވޭނެ ގޮތަކަށް ކުރިޔަށްގެންދަން އަޅުގަނޑު އެދެނީ،" މެމްބަރު ޝިފާއު ވިދާޅުވި އެވެ.

ކޮމިޓީގެ މަސައްކަތަކީ ޕެޓިޝަނެއް އައުމުން އެ ޕެޓިޝަނަށް މަސައްކަތްކުރުންކަން ވެސް މެމްބަރު ޝިފާއު ފާހަކުރެއްވި އެވެ.

ކޮމިޓީގެ މުގައްރިރު އަދި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ވަނީ އެހާ ހިސާބުން އެ މައްސަލައިގަ އެއްވެސް އިތުރު މެމްބަރެއްގެ އިއުތިރާޒެއް އޮތްތޯ އެހުމަށްފަހު އެފަދަ އިއުތިރާޒެއް ނެތުމުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު އޮޅުން ފިލުވައިގެން ކުރިޔަށް ދިޔުމަށް ނިންމަވާފަ އެވެ.

ދާއިރާގެ މެމްބަރު މެދުވެރިކޮށް ނައުން "ރީތި ގޮތެއް ނޫން"

އެ މައްސަލައަށް އިތުރަށް ވާހަކަދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު ޝަރީފް ވަނީ އެބޭފުޅާ ނިސްބަތްވާ ދާއިރާއެއްގެ މައްސަލައެއް އެބޭފުޅާއަށް ނޭނގި ޕެޓިޝަން ކޮމިޓީއަށް އެހެން މެމްބަރެއް މެދުވެރިކޮށް އައުމުން އެކަމާ ނުރުހުންވެ ވާހަކަ ދައްކަވާފަ އެވެ. އަދި އެއީ އާއްމުކޮށް މަޖިލީހުގައި ކަންކުރާ އުސޫލެއް ނޫންކަން ވެސް އެ މެމްބަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަކަށް ހަމަ ވެފަ އޮތް ގޮތެއް އެއްގޮތަކަށްވެސް ނޭނގެ. އަޅުގަނޑު މިތާނގަ އާއްމުކޮށް ކުރާ އުސޫލު، އެކުވެރިކަމާ. ވާހަކައަކީ ހަގީގަތުގެ އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ ބަދަހިކަމާއި، މިކަމުގެ އަޅުގަނޑަކަށް އެއްވެސް ހަގީގަތެއް ނޭގެ ހަމަ. އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ހައިރާންވާތީވެ ރެކޯޑަށްޓަކައި ދަންނަވާލީ. އަޅުގަނޑު މިކަމަށް (ޕެޓިޝަން ހުށަހަޅަން) އިންކާރުކޮށްފަކާއެއް ނޯންނާނެ. އަޅުގަނޑާއި ހަމަޔަކަށް ނާދޭ ހަގީގަތުގަ،" މެމްބަރު ޝަރީފް ވިދާޅުވި އެވެ.

މި ވާހަކަތަކަށް ކޮމިޓީގެ މުގައްރިރު މެމްބަރު ނަސީރު ވެސް ވަނީ ތާއިދުކުރައްވާ ވާހަކަ ދެއްކެވި އެވެ. އަދި އެ މެމްބަރެއްގެ ދާއިރާ ނޫން އެހެން ދާއިރާއެއްގެ މައްސަލައެއްގައި ކަންބޮޑުވުން ފާޅުކުރުމަކީ އެހާ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެއީ އާއްމުކޮށް އަމަލުކުރާ ގޮތް ނޫން ކަމަށް މުގައްރިރު ވެސް ވިދާޅުވި އެވެ.

ދަންނަވާހެން ރައްޔިތުންގެ ކަންބޮޑުވުން އެންމެ ފުރަތަމަ އަންނަން ޖެހޭނީ އެ ދާއިރާއެއްގެ މެމްބަރަށް. ދާއިރާގެ މެމްބަރަށް ނައިސް އެހެން ދާއިރާއެއްގެ މެމްބަރެއް މިިފަދަ ކަންކަމަށް ކަންބޮޑުވުން ފާޅުކުރެއްވީމާ އެއީ ރީތި އުސޫލެއް ނޫން." ކޮމިޓީ މުގައްރިރު ވިދާޅުވި އެވެ.

ފިއްލަދޫ ދައްޕަރު މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ފިއްލަދުއާ އިންވެގެން އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސޯސުން ވަކިކުރުމުން ފިއްލަދުއަށް ނިސްބަތްވާ ރައްޔިތުންގެ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ހިމެނޭ މައްސަލައެކެވެ.

އެ މައްސަލައިގައި ސަރުކާރުން ވަނީ މީގެ ކުރިން ފިއްލަދޫ ކައުންސިލާއި މަޝްވަރާ ކުރަމުންދާ ކަމަށާއި އަދި ރައްޔިތުން އެދޭ ގޮތަށް ކަންކުރާނެ ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް ފިއްލަދޫ ކައުންސިލުން އޭރު ވަނީ އެއްވެސް މަޝްވަރާއެއް ދައްޕަރާއި ގުޅުވައިގެން އެހާތަނަށް ކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ.

ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކޮށްފައި ވަނީ ރައީސް ސޯލިހު އޯގަސްޓް 29 ވަނަ ދުވަހު ނެރުއްވި ގަރާރަކުންނެވެ.

އޭގެ ކުރިން މިދިޔަ އަހަރުގެ ޖުލައި މަސްތެރޭ އެ ރަށުގައި ސެކަންޑް ހޯމް ރެޒިޑެންޓް ޕައިލެޓް ޕްރޮޖެކްޓެއް ހިންގުމަށް ވެސް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެ މަޝްރޫއަށް ވެސް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.