Advertisement

ޝާހިދުގެ ހާއްސަ އިލްތިމާސްތަކާއެކު އދ.ގެ އާންމު ބަހުސް ނިމުމަކަށް

28 ސެޕްޓެންބަރު 2021 - 10:48 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އދ. ގެ އާއްމު މަޖިލީހުގެ ރިއާސަތުގައ އަބްދުﷲ ޝާހިދު. ފޮޓޯ: އދ.


ޝާހިދުގެ ހާއްސަ އިލްތިމާސްތަކާއެކު އދ.ގެ އާންމު ބަހުސް ނިމުމަކަށް

28 ސެޕްޓެންބަރު 2021 - 10:48 0

މިހާރު ވެސް ލިބިފައިވާ ކާމިޔާބީތަކުގެ މައްޗަށް ހުއްޓުމެއް ނެތި އިތުރަށް މަސައްކަތްކުރުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވަމުން އދ.ގެ އާންމު މަޖިލީހުގެ އާންމު ބަހުސް އެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވާލައްވައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ފެށުނު އާންމު މަޖިލީހުގެ ބަހުސް މިއަދު ޝާހިދު ނިންމަވާލެއްވިއިރު، އެ މަޖިލީހުގައި ޖުމްލަ 194 ގައުމަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ދައުލަތްތަކުގެ 100 ވެރިން ހިމެނޭއިރު، ސަރުކާރުތަކުގެ 52 ވެރިންނާއި ތިން ނައިބު ރައީސުންނާއި 34 މިނިސްޓަރުން ވެސް ވަނީ ވާހަކަދައްކަވާފަ އެވެ.

އާންމު ބަހުސް ނިންމަވާލައްވަމުން ޝާހިދު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި އެ މަޝްވަރާތަކާއި ބަހުސްތަކާއެކު އދ.އިން ވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ސަލާމަތްވެ އަރައިގަތުމަށް މިހާތަނަށް އެ ޖަމިއްޔާއިން އެޅި އެންމެ ވަރުގަދަ ފިޔަވަޅު އަޅައިފަ އެވެ.

"އެކަމަކު، އަޅުގަނޑުމެންގެ ހަގީގީ ކާމިޔާބީ ގުޅިފައިވަނީ އަޅުގަނޑުމެންގެ ކިބައިގައި މަޝްވަރާކުރުމަށް ހުރި ގާބިލިއްޔަތާއި އެކަމަށް އެދޭ މިންވަރުގެ އިތުރުން މަލްޓިލެޓަރަލް ސިސްޓަމަކަށް އަޅުގަނޑުމެންގެ ކިބައިގައި ހުރި އިތުބާރެއްގައި،" ޝާހިދު ވިދާޅުވި އެވެ.

މަލްޓިލެޓަރަލިޒަމް އަކީ ދެ ގައުމު ނުވަތަ ޖަމިއްޔާތަކަށް ވުރެ އިތުރަށް މަޝްވަރާކޮށް، އެއްބަސްވެގެން ކުރަން ނިންމާ ކަންކަމުގެ ސިޔާސަތެވެ.

އާންމު މަޖިލީހުގެ ރިއާސަތުގައި އިންނަވައިގެން ބަހުސް ނިންމަވާލައްވަން ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވަނީ އެ ބަހުސްތަކުން ދުނިޔޭގެ އެކި ގައުމުތަކުން އެނބުރި ޑިޕްލޮމެސީއަށް އައި އައުމާއެކު އާ ހިތްވަރެއް ލިބިފައިވާކަމަށް ވިދާޅުވެފަ އެވެ.

އަދި ވޭތުވެދިޔަ ހަފްތާ ތެރޭގައި ދެކެވުނު ވާހަކަތަކުން މޫސުމަށް އަންނަ ބަދަލުތަކާއި، ކޮވިޑް-19 އަދި އަމާންކަމާއި ހަމަޖެހުން އަދި އެކަމަށް ހުރި ނުރައްކާތައް ފަދަ ބައެއް މައުލޫތައް އެކި ފަހަރު މަތިން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މި މައްސަލަތައް އެހާ އާންމުކޮށް ފާހަގަކުރެވުމުގެ ފަހަތުގައި ދުނިޔެ އެކަންކަމަށް ހައްލަކަށް އެދި ގޮވާލަމުންދާ ކަންކަމާއި ގުޅޭގޮތުން ބައިވަރު ވާހަކަ ކިޔައިދޭ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ އާންމު ބަހުސްތަކުގެ ތެރެއިން ފާހަގަކުރެވުުނު މުހިންމު އިތުރު ދެ ކަމަކާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. ފުރަތަމަ ކަމަކީ އެންމެންގެ މެދުގައި ވެސް ހުރި ކަންބޮޑުވުންތައް އެއްގޮތްވުމާއި އެކަންބޮޑުވުންތައް ފަހަނައަޅައި ދިޔުމަށް މަސައްކަތް ކުރުމަށް ހުރި ނިޔަތެވެ.

"އެކަން ކުރާނެ ގޮތްތަކާ މެދު ހިޔާލުތަފާތުވުންތައް ހުއްޓަސް، އާހިރުގެ ނަތީޖާއަކީ ހަމަ އެކައްޗެއް،" ޝާހިދު ވިދާޅުވި އެވެ.

ދެވަނައަށް ފާހަގަކުރެވުނު ކަމެއްގެ ގޮތުގައި ޝާހިދު ވިދާޅުވީ މަލްޓިލެޓަރަލިޒަމް އަށް އޮތް ތާއިދުގެ ވާހަކަ އެވެ. އަދި އެހާ ގިނަ ގައުމުތަކަކުން ނުކުމެ ވާހަކަދައްކައި މަޝްވަރާކުރުމުން، އަދިވެސް ދުނިޔެއިން ޑިޕްލޮމެސީއަށާއި މަޝްވަރާގެ އިތުރުން އދ.އަށް ކުރާ އިތުބާރު އޮތް ކަން ދޭހަވާ ކަމަށެވެ.

ދެން އޮތް މަސައްކަތަކީ އދ. އިން އެކަންކަން ހައްލުކުރަން ގަދައަޅައި މަސައްކަތް ކުރުންކަމަށާއި އަދި ކުރިމަތިވާ ކޮންމެ ހުރަހަކީ ވެސް، މަލްޓިލެޓަރަލިޒަމް އިތުރަށް ވަރުގަދަކޮށް ހެޔޮ ނަތީޖާ ނެރުމަށް ލިބޭ އިތުރު ފުރުސަތެއްގެ ގޮތުގައި ދެކުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެހެންނަމަވެސް، ހަމަޖެހިލައިގެން ފަސޭހަކޮށްލެވޭނެ ވަގުތެއް ނެތް. ދުނިޔެ ގޮވާލަމުން ދަނީ އަމަލު ގިނަ ކުރަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ އާންމު މަޖިލީހުގައި ވާހަކަދެއްކެވި 194 ބޭފުޅުންގެ ތެރެއިން އަންހެނުންގެ އަދަދު މަދުކަން ވެސް ފާހަގަކުރައްވާފަ އެވެ.

އެ މަޖިލީހުގައި މިފަހަރު ވާހަކަދެއްކެވީ އެންމެ 18 އަންހެނުންކަން ފާހަގަކުރައްވައި، ޝާހިދު ވަނީ މިންތީގެ ހަމަހަމަކަން އިތުރުކުރުމަށް ވާހަކަދެއްކެވި ބޭފުޅުންގެ އިތުރުން ޔޫރަޕިއަން ޔޫނިއަނާއި އެކުގައި ވެސް މަޝްވަރާތަކެއް މިހާރު ކޮށްފައިވާކަން ހާމަކުރައްވައިފަ އެވެ.

ޝާހިދު އދ.ގެ ރިޔާސަތާއި ހަވާލުވެވަޑައިގަތީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ ރިޔާސަތުގެ ދައުރަށް ދެއްވާފައިވާ ނަމަކީ "ޕްރެސިޑެންސީ އޮފް ހޯޕް" ނުވަތަ އުއްމީދީ ރިއާސަތެވެ. އެމަނިކުފާނުގެ މަސައްކަތަށް މިހާރު ވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނާއި ވެރިން ދަނީ ތައުރީފް ކުރައްވަމުންނެވެ.