Advertisement

ޝާހިދުގެ ބައްޕާފުޅު އަވަހާރުވުމުން މައި ދެ ޕާޓީ އާއި ސިޔާސީ އިސްވެރިންގެ ތައުޒިޔާ

24 އޭޕްރީލް 2024 - 12:07 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު : ޝާހިދުގެ ބައްޕާފުޅު އަވަހާރުވުމާ ގުޅިގެން މައި ދެ ޕާޓީއާއި ސިޔާސީ އިސްވެރިންގެ ތައުޒިޔާ - ފޮޓޯ: އަދަދު


ޝާހިދުގެ ބައްޕާފުޅު އަވަހާރުވުމުން މައި ދެ ޕާޓީ އާއި ސިޔާސީ އިސްވެރިންގެ ތައުޒިޔާ

24 އޭޕްރީލް 2024 - 12:07 1

ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވުމުން ޝާހިދު އަދި އާއިލާއަށް މައި ދެ ޕާޓީ އާއި ސިޔާސީ އިސްވެރިން ތައުޒިޔާކިޔައިފި އެވެ.

އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝާހިދުގެ ބައްޕަ އަވަހާރަވި ހަބަރު އަޑުއެއްސެވީ ނުހަނު ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެ ތައުޒިޔާ ކިޔުއްވައިފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ތައުޒިޔާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ "ޝައިހް މޫސާ ޖަމީލަކީ އެތައް ރޮނގަކުން، ހާއްސަކޮށް ދީނީ އިލްމާއި ދިވެހިބަސް ދަރިވަރުންނަށް އުނގަންނަވައި ދެއްވުމުގައި ގައުމަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް" ކަމަށެވެ.

މީގެ އިތުރުން ވެރިކަންކުރާ ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝާހިދު ބައްޕާފުޅު އަވަހާރަވުމުގެ ހިތާމައިގައި އެ ކޯލިޝަނުގެ އެންމެހައި މެންބަރުން ބައިވެރިވެ، އާއިލާއަށް މިކޯލިޝަންގެ ލީޑަރު، ޕީއެންސީގެ ރައީސް، ރައީސް މުއިއްޒުއާއި މިކޯލިޝަންގެ ލީޑާޝިޕާއި މެންބަރުންގެ ނަމުގައި ތައުޒިޔާ ކިޔާ ކަމަށެވެ.

އެމްޑީޕީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ޕާޓީގެ ރައީސް އަދި އާއިލާގެ ހިތާމާގައި ޕާޓީން ބައިވެރިވާ ކަމަށެވެ.

މީގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓުތަކުގައި ޝާހިދުތައް ތައުޒިޔާ ކިޔުއްވައިފަ އެވެ. އަދި، ސިޔާސީ ހުރިހާ ފިކުރެއްގެ އިސްވެރިން ވެސް ދަނީ ޝާހިދު އަދި އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ޝެއިހް މޫސާ ޖަމީލުގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި މިހާރު ކުރިއަށް ދާއިރު ކަށުނަމާދު އޮންނަނީ މިއަދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.