Advertisement

މަސްވެރިންގެ ދުވަސް ގާފަރުގަައި ފާހަގަކުރަން ނިންމައިފި

19 ސެޕްޓެންބަރު 2021 - 13:59 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

މަސްވެރިއެއް މަހެއް ހިފަހައްޓައިގެން. ފޮޓޯ: އަަދަދު


މަސްވެރިންގެ ދުވަސް ގާފަރުގަައި ފާހަގަކުރަން ނިންމައިފި

19 ސެޕްޓެންބަރު 2021 - 13:59 0

މި އަހަރުގެ މަސްވެރިންގެ ދުވަސް ކ. ގާފަރުގައި ފާހަގަކުރަން ފިޝަރީޒް މިނިސްޓްރީން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ކޮންމެ އަހަރަކުވެސް ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަސް މިފަހަރު މާލެއާ ކައިރި ސަރަހައްދެއްގައި ފާހަގަކުރަން ނިންމީ ކޮވިޑުގެ ސަބަބުން ހަރަދުކުޑަ ކުރުމުގެ ގޮތުންކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެހެން އަހަރުތަކުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ އާންމުކޮށް ހުޅުވާލައި، އެކަމަށް ޝައުގުވެރިވެ ހުށަހަޅާ ރަށްތަކުގެ ތެރެއިން ރަށެއްގަ އެވެ.

މިނިސްޓްރީން ބުނީ މި އަހަރު ފާހަގަކުރާ 41 ވަނަ މަސްވެރިންގެ ދުވަހު އެގޮތަށް އަމަަލު ނުކުރީ ވެސް ހަމަ ހަރަދު ކުޑަ ކުރުމުގެ ބޭނުމުގައި ކަމަށެވެ.

މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވާނެކަމަށް ގާފަރު ކައުންސިލްގެ ނައިބު ރައީސް ހަނީފް ޒާހިރު "އަދަދު"އަށް ވިދާޅުވި އެވެ.

"ގާފަރަކީ ހަމަ މި ކ. އަތޮޅު ސަރަހައްދުގައި މަސްވެރިކަމަށް އެންމެ ނަން މަޝްހޫރު އެއް ރަށް. މުޅި ރާއްޖޭންވެސް ހަމަ ފާހަގަކޮށްލެވޭނެ. ރަށުގެ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއްގެ ދިރިއުޅުން ހަމަ މަސްވެރިކަމާ ގުޅިފައިވަނީ، އެހެންވީމަ މި ފުރުސަތުގައި ސަރުކާރުން ކުރިޔަށްގެންދާ ކަންކަމުގެ އިތުރަށް، ރަށުގަ ވަރަށް ކުލަގަދަ ކޮށް މި ދުވަސް ފާހަގަކުރާނެ،" ހަނީފް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް، ކޮވިޑްގެ ސަބަބުން ފާހަގަކޮށްފައިވަނީ ވާޗުއަލް ކޮށެވެ.

މަސްވެރިންގެ ދުވަހަކީ ރާއްޖޭގައި ސަގާފަތާއި އާދަކާދައާ ގުޅިފައިވާ އެ ސިނާއަތުގެ ތެރެއިން މަސްވެރިން ކުރާ ބުރަ މަސައްކަތް އަގުވަޒަންކޮށް އެކަން ފާހަގަކުރާ ދުވަހެކެވެ.

އެގޮތުން މިދިޔަ އަހަރު ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ދޯނިތަކަށް އެވޯޑުތަކެއް ދީފަ އެވެ. ނަމަވެސް، މި އަހަރުގެ މަސްވެރިންގެ ދުވަހު ބާއްވާނެ ހަރަކާތްތަކެއް އަދި މިނިސްޓްރީން އިއުލާނެއް ނުކުރެ އެވެ.

މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރަން ސަރުކާރުން ނިންމާފައިވާއިރު، މަސްވެރިންނަށް ބާނާ މަހަށް ހަމަ އަގު ނުލިބުމާއި، މަސް އެކްސްޕޯޓުކުރުމާއި، މަސް ކިރުމުގައި އަދި މަސްވެރިންނަށް އައިސް ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރުމުގެ ސަބަބުން އެކަމާ ވިދިގެން މަސްވެރިންގެ ފަރާތުން އަބަދުވެސް ގިނަ ޝަކުވާތަކެއް ދަނީ ކުރަމުންނެވެ.