Advertisement

އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދޭ ބިލު ބަލައިގަނެ، ކޮމިޓީއަށް

14 ސެޕްޓެންބަރު 2021 - 13:29 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދޭ ބިލެއް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފައި. -- ފޮޓޯ: ޔުނިބްލޫ


އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދޭ ބިލު ބަލައިގަނެ، ކޮމިޓީއަށް

14 ސެޕްޓެންބަރު 2021 - 13:29 0

ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިލެކްޓްރޯނިކް ޒަރިއްޔާއިން ކުރާ މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދޭން ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވި އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމްކޮށް ޓްރަސްޓް ހިދުމަތްތަކުގެ އުސޫލުތައް ކަނޑައެޅުމެވެ.

އެ ބިލުގައި އިލެކްޓްރޯނިކް މުއާމަލާތްތައް ބަޔާންކޮށްފައިވާއިރު، މައުލޫމާތެއް އޮންނަންވާނީ ލިޔުމުންކަމަށް އެއްވެސް ގާނޫނަކުން ލާޒިމުކޮށްފައިވާ ހާލަތެއްގައި، ޑޭޓާ މެސެޖެއްގައިވާ މައުލޫމާތަކީ ފަހުން ބޭނުންކުރުމަށް ވާސިލުވެވޭ މައުލޫމާތެއް ކަމަށްވާ ނަމަ، އެ މައުލޫމާތެއް ލިޔުމުން އޮތުމުގެ ގާނޫނީ ޝަރުތު އެ ޑޭޓާ މެސެޖުގައި ފުރިހަމަވާނެކަމަށް ބުނެފައި ވެ އެވެ.

އެ ބިލު މަޖިލީހަށް މިއަދު ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބިލު ބަލައިގަތުމާއެކު، ރިޔާސަތުން ވަނީ އެ ބިލު ދިރާސާކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އެ ބިލުގެ މައިގަނޑު ބައިތައް

އެ ބިލު ފަރުމާކޮށްފައިވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ޑޭޓާ މެސެޖުތައް ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ގޮތަށެވެ. އެގޮތުން، ހެކީގެ ގޮތުގައި ބަލާނީ ޑޭޓާ މެސެޖެއްގައިވާ މައުލޫމާތަކީ ފަހުން ބޭނުންކުރުމަށް ވާސިލުވެވޭ މައުލޫމާތެއް ކަމަށްވާނަމަ އެވެ.

އަދި ޑޭޓާ މެސެޖެއް ބެހެއްޓިފައިވަނީ އެ މެސެޖު ޖެނެރޭޓުކުރެވުނު، ފޮނުވުނު ނުވަތަ ލިބުނުއިރު އޭގައިވާ މައުލޫމާތު ލިބުނުގޮތަކަށް ޔަގީންކަމާއެކު ދައްކުވައިދޭނެ ފޯމެޓެއްގައި ކަމަށްވާންޖެހޭނެ އެވެ.

އޭގެ އިތުރުން ޑޭޓާ މެސެޖުގައި ހިމެނޭ މައުލޫމާތު ބެހެއްޓިފައިވަނީ، އެ މެސެޖު ޖެނެރޭޓުކުރެވުނު ތަނާއި ރައްދުވި ތަން އަދި އެ ޑޭޓާ މެސެޖު ފޮނުވުނު ނުވަތަ ރައްދުވި ތާރީހާއި ވަގުތު ދެނަގަނެވޭނެފަދަ ގޮތަކަށް ކަމަށްވާ ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

އެ ބިލުގައި ބުނާ ގޮތުން ކޮންޓްރެކްޓާބެހޭ ގާނޫނުގެ ދަށުން ފުރިހަމަވާންޖެހޭ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެ ފަރާތުން އެއްބަސްވާ ނަމަ، އިލެކްޓްރޯނިކް މުއާސަލާތުގެ ޒަރިއްޔާއިން އެއްބަސްވުންތައް އެކުލަވާލެވިދާނެ އެވެ.

އެފަދަ އެއްބަސްވުންތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް ސޮއި ބަލައިގަނެވޭނެ ހާލަތްތަކާއި އުސޫލުތައް ވެސް އެ ބިލުގައި ކަނޑައަޅާފައި ވެ އެވެ.

އެގޮތުން ސޮއިގެ ކްރިއޭޝަން ޑޭޓާއަކީ ހަމައެކަނި އެ ސޮއިކުރި ފަރާތާ ގުޅުވައިދޭ ޑޭޓާއަކަށް ވާންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

އޭގެ އިތުރުން އިލެކްޓްރޯނިކް ސޮޔާ ގުޅޭ ސެޓްފިކެޓް ދޫކޮށް އަދި ބެލެހެއްޓުމަށް ޓްރަސްޓުގެ ހިދުމަތެއް ބޭނުންކުރެވޭނެ އެވެ.

އެގޮތުން ރާއްޖޭން ބޭރުގެ އެފަދަ ހިދުމަތްދޭ ފަރާތްތައް ވެސް ބޭނުންކުރެވޭއިރު، ރާއްޖޭގައި އެ ހިދުމަތްތައްދޭ ފަރާތްތައް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެކްރެޑިޓްކޮށް އާންމުކުރަންޖެހޭނެ ކަމަށް ވެސް އެ ބިލުގައި ލާޒިމުކޮށްފައި ވެ އެވެ.