Advertisement

ދައްޕަރު މައްސަލައިގެ މަޝްވަރާ: ފިއްލަދޫ ކައުންސިލާ ސަރުކާރުގެ ވާހަކަ ތަފާތު!

12 ސެޕްޓެންބަރު 2021 - 11:58 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ


ދައްޕަރު މައްސަލައިގެ މަޝްވަރާ: ފިއްލަދޫ ކައުންސިލާ ސަރުކާރުގެ ވާހަކަ ތަފާތު!

12 ސެޕްޓެންބަރު 2021 - 11:58 0

"ފިއްލަދޫ ކައުންސިލްގެ ރައީސްއާ އިއްޔެ ވެސް، މިއަދު ވެސް މިކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު،"

މިއީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން، ހއ. ފިއްލަދު އާއި ދައްޕަރުގެ މައްސަލައިގައި މިމަހުގެ އެއް ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ވާހަކަ އެވެ.

އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން، ގުދުރަތީ ގޮތުން ޗާލު ދައްޕަރު، ފިއްލަދޫގެ އިހުތިސޯސްއިން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަކި ކުރިތާ 12 ދުވަސްވެފައިވާއިރު، އަދިވެސް ސަރުކާރުގެ ފަރާތުން މަޝްވަރާގެ މޭޒަށް އައުމުގެ އިޝާރާތެއް ނެތްކަމަށް ފިއްލަދޫ ކައުންސިލަރުން މިހާރު މިވަނީ ބުނަން ފަށައިފަ އެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން "އަދަދު" އަށް ވިދާޅުވީ ސަރުކާރުން ދައްޕަރުގެ މައްސަލައިގައި ރަސްމީކޮށް މަޝްވަރާއެއް ނުކުރާ ކަމަށެވެ. އަދި "ހާލު ބަލާލަން، ރަށުގެ ހާލަތު ބަލާލަން" ގުޅާލުމަކީ މަޝްވަރާއެއްކަމަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން އިންނާނެ، މިދިޔަ ބުރާސްފަތި ދުވަހު ސިޓީއެއް ފޮނުވާފަ މަޝްވަރާކުރަން، އަދި އެކަމަކު ޖަވާބެއް ނުލިބޭނެތާ ބަންދު ދުވަސްތަކެއް ވީމަ. އެކަމަކު އެގޮތަކަށް އެއްވެސް މަޝްވަރާއެއް ކުރިކަމަކަށް ނުދެކެން، އެެއްވެސް ކަހަލަ ލިޔެކިޔުމެއް ވެސް ބަދަލުކުރެވިފައި ނުވާތީއާ އެއްކޮށް،" ފަތުހުﷲ ވިދާޅުވި އެވެ.

އެ މައްސަލައިގައި ފިއްލަދޫގެ އެހެން ކައުންސިލަރެއް ކަމަށްވާ މުހައްމަދު ރަޒީފް ވެސް ވިދާޅުވީ ސަރުކާރުން ދައްޕަރުގެ މައްސަލައިގައި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ. އަދި ދައްޕަރު އަލުން ފިއްލަދޫގެ އިހުތިސޯސަށް އިއާދަކުރުމަށްޓަކައި، އަތޮޅު ކައުންސިލަށް ގަރާރެއް ހުށަހެޅުމަށް ވެސް ނިންމައި، އެކަން މިއަދަށް އެޖެންޑާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިއްލަދޫ ކައުންސިލަރެއް ކަމަށްވާ މުހައްމަދު މޫސާ ވެސް ވިދާޅުވީ "އެއްވެސް ކަހަލަ ހަބަރެއް" ނުވާ ކަމަށެވެ.

"މަޝްވަރާ ކުރަންޏާ އަޅުގަނޑަށްވެސް އެނގެން ޖެހޭނެކަމަށް ގަބޫލުކުރަނީ، އަޅުގަނޑު ވެސް މިއީ ކައުންސިލްގައި އިންނަ މެމްބަރެއް ވިއްޔާ. އެކަމަކު އެކަހަލަ އެއްވެސް މަޝްވަރާއެއް އަދި ނުކުރޭ، ތެދު ތެދަށް ބުނަންޏާ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލަރުން މިހެން ވިދާޅުވި ނަމަވެސް، ސަރުކާރުގެ ރާގު އެ މައްސަލައިގައި ހުރީ ތަފާތުކޮށެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް އެ މައްސަލައިގައި "އަދަދު" އަށް ވިދާޅުވީ ސަރުކާރުން ފިއްލަދޫ ކައުންސިލާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ކައުންސިލަރުންގެ ފަރާތުން އެހެން އެ ވިދާޅުވަނީ "ލިޔުމުން ނާންގައި" އޮތް އޮތުމަކަށް ވެދާނެ ކަމަށް އޭނާވިދާޅުވި އެވެ.

ފިއްލަދޫ ކައުންސިލަރުންތަކެއް އެގޮތަށް ވާހަކަދެއްކެވެމުން މަބްރޫކު ހުންނެވީ ސުވާލު މާކެއްގެ ތެރެގަ އެވެ. މަބްރޫކް ވިދާޅުވީ އެ މައްސަލައިގައި ދެކެވޭ މަޝްވަރާގެ ވާހަކައަކީ ކޮންޓިނިއުއިން ޕްރޮސެސްއެއް ކަމަށެވެ.

"ސަރުކާރުގެ އެއްވެސް ވިސްނުމެއް ނެތް، ރައްޔިތުން ބޭނުންވާ ގޮތް ނޫން އިތުރު ގޮތެއް ދައްޕަރަށް (ހަދާކަށް). މަޝްވަރާ ކުރެވެމުން ދަނީ ހަމަ،" މަބްރޫކް ވިދާޅުވި އެވެ.

ފިއްލަަދުއާ ދައްޕަރުގެ އިހުތިސޯސް ދައްކުވައިދޭ ޗާޓު.


މަބްރޫކްގެ މި ބަސްތަކަށް ފިއްލަދޫގެ ބައެއް އާއްމު ރައްޔިތުންގެ ހިޔާލު ހޯދާލިއިރު، އެ ފަރާތްތަކުން ދެކޭ ގޮތުގައި ރައްޔިތުންގެ ވިސްނުމަށް ކަންކަން ކުރާނަމަ، މިހާރު ދައްޕަރު އޮންނަން ޖެހޭނީ ފިއްލަދޫއާ އަލުން އިއާދަކޮށްފައި ކަމަށެވެ. އަދި ފިއްލަދޫގެ ލޭންޑްޔޫސް ޕްލޭންގައި ހިމަނައިގެން ނަފާ ހޯދަން ތައްޔާރުވަމުން ދަނިކޮށް، އެހާ ކުއްލި ގޮތަކަށް އެ ރަށް އިހުތިސޯސުން ވަކިވެސް ނުކުރާނެކަމަށް އެ ފަރާތްތަކުން ދެކެ އެވެ.

ފިއްލަދޫގެ އިހުތިސޯސްއިން ދައްޕަރު ވަކި ކުރީ ފިއްލަދޫއާ އެއްފަސްގަނޑެއްގައި އޮންނަ އެ ރަށުގައި ސަރުކާރުން އަލަށް ފަށާ ސެކަންޑް ހޯމް ރެޒިޑެންސީ މަޝްރޫއަށެވެ. ސަރުކާރުގެ ވިސްނުމަކީ އެ މަޝްރޫއުގެ ދަށުން ދައްޕަރުގައި ހޮލިޑޭ ހޯމްތަކެއް އެޅުމަށް ފަހު ބިދޭސީންނަށް ވިއްކުމެވެ.

އެކަމަކު އާ ލާމަރުކަޒީ ގާނޫނުގެ ދަށުން، ފިއްލަދޫ ރައްޔިތުން ދައްޕަރުން ނަފާ ހޯދުމަށް ތައްޔާރުވެފައި ތިއްބާ މަޝްވަރާ ކުރުމެއްނެތި އެ ރަށުގެ އިހްތިސާސުން ދައްޕަރު ވަކި ކުރުމުން ރަށު ކައުންސިލާ ފިއްލަދޫގެ އިތުރުން އުތުރުގެ ގިނަ ރަށްތަކެއްގެ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"ސޭވް ދައްޕަރު" ގެ ނަމުގައި ހާއްސަ ކެމްޕޭނެއްވެސް އެކަމަށް ވަނީ ފަށައިފަ އެވެ. އަދި އެ މައްސަލައިގައި ޕެޓިޝަނެއް ވެސް އަންނަނީ ތައްޔާރުކުރަމުންނެވެ. އެ ޕެޓިޝަނުގެ ބޮޑު ބައި މިހާރު ނިމިފައިވާކަމަށް ފިއްލަދޫގެ ކައުންސިލަރު ރަޒީފް ވިދާޅުވި އެވެ.

ސޭވް ދައްޕަރު ކެމްޕޭން. ފޮޓޯ: ޓްރާންސްޕެރެންސީ އެމްވީ


ފިއްލަދޫ ރައްޔިތުން ދައްޕަރު ދެކެނީ މާލޭގެ މާފަންނުގެ ރައްޔިތުން ހެންވޭރު ދެކޭ ގޮތަށް، ދެ ނަމެއް ކިޔަސް އެއް ރަށެއްގެ ގޮތުގަ އެވެ. އެ ރަށުގައި ފިއްލަދޫގެ ރައްޔިތުންގެ ކާބަފައިން ވަޅުލާފައިވާ ސަހަރާތައް އަދިވެސް ހުރެ އެވެ. އެ ރަށަކީ ފިއްލަދޫ ރައްޔިތުން އާންމުކޮށް ޗުއްޓީ ދުވަހެއް އައިއްޔާ ދާ ރަށެކެވެ. އެ ރަށުގެ ފަޅަކީ ފިއްލަދޫ ރައްޔިތުންނަށް މަސްވެރިކަން ކުރަން ވެސް ދެވަނައެއް ނެތްވަރުގެ ތަނެކެވެ. އެރަށަށް އެވަރަށް ހިތްޖެހިފައިވާ ފިއްލަދޫ ރައްޔިތުންނަށް ދައްޕަރު އެހާ ފަސޭހައިން ދޫކޮށްލުމުގެ ވިސްނުމެއް ނެތެވެ.

މީގެ ކުރިން ސަރުކާރުގެ ވިސްނުމުގައި ހުރީ ހއ. އަތޮޅުގެ ފަސް ރަށެއްގައި ހައުސިން ޔުނިޓު އަޅައިދޭ ބަޔަކަށް ދައްޕަރުގައި 50 ލަގްޒަރީ ވިލާ އެޅުމަށް ދިނުމެވެ. އެއީ 2010 ވަނަ އަހަރު އެ ރަށް ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ފަހު އެވެ.

އެ މަސައްކަތް ނުފެށި އުޅެނިކޮށް މި ސަރުކާރުން ޖުލައި، 2020 ގައި އިއުލާން ކުރީ ދައްޕަރުގައި އަގުބޮޑު ގެތަކެއް އެޅުމަށްފަހު އެ ގަންނަ ބިދޭސީންނަށް ރެސިޑެންސީ ވިސާ ދޫކުރުމުގެ ވިސްނުމެކެވެ. ނަމަވެސް އެ ޕްލޭން ވެސް މިހާތަނަށް ތަންފީޒުކޮށްފައެއް ނުވެ އެވެ. ސެކަންޑް ހޯމް ރެޒިޑެންޑްޓް ޕައިލެޓް ޕްރޮޖެކްޓު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޖުލައި މަހު އިއުލާން ކުރިއިރު ރައީސް ސޯލިހުގެ ގަރާރަކުން ދައްޕަރު އޮތީ މާޗް، 2020 ގައި ފިއްލަދޫގެ އިހްތިސާސުގައި ރަސްމީކޮށް ހިމަނައިފަ އެވެ. އެކަމަކު ދެން ފެނުނީ، ކުއްލިއަކަށް އެ ނިންމުން އަނެއްކޮޅަށް އަބުރާލި ތަނެވެ. މަޝްވަރާއެއް ވެސް ނެތި އެވެ. މިހާރު ދައްޕަރުގެ މައްސަލައިގައި ދެކޮޅުން ވެސް ދައްކަނީ ދެ ވާހަކައެކެވެ.