Advertisement

ހުޅުމާލޭގެ އިހުތިސޯސްގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަޝްވަރާ ކުރިއަށް

9 ސެޕްޓެންބަރު 2021 - 14:35 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ހުޅުމާލޭ ފޭސް2 ގައި މީހަކު ސައިކަލެއްގައި ދުއްވާފައި ދަނީ: ހުޅުމާލޭގެ އިހުތިސޯސްގެ މައްސަލައިގައި އެޗްޑީސީއާއި ސިޓީ ކައުންސިލާ ދެމެދު ކޯޅުން ވަނީ ބޮޑުވެފައި. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ހުޅުމާލޭގެ އިހުތިސޯސްގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަޝްވަރާ ކުރިއަށް

9 ސެޕްޓެންބަރު 2021 - 14:35 0

މާލޭ ސިޓީ ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި ގާނޫނުން ހުޅުމާލެ ހިމެނިފައިވީ ނަމަވެސް، އެތަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މިލްކިއްޔާތުގެ ދަށުގައި އޮންނާތީ، އުފެދިފައިވާ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ރައީސް އޮފީހުން ފަށައިފި އެވެ.

ގާނޫނުން ކައުންސިލުގެ މައްޗަށް މުނިސިޕަލް ހިދުމަތްތަކުގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ލާޒިމުކޮށްފައިވީ ނަމަވެސް، ހުޅުމާލޭގައި އެ ހިދުމަތްތަކާއި މަސައްކަތްތައް ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައިނުވާ ކަމުގެ ޝަކުވާ މާލޭ ސިޓީ ކައުންސިލުން ދަނީ ތަކުރާރުކޮށް ކުރަމުންނެވެ.

އަދި އެކަމަށް ގާނޫނު އިސްލާހުކޮށްގެން ނަމަވެސް، ސަރުކާރާއެކު މަޝްވަރާކޮށްގެން ހައްލެއް ހޯދައި ދިނުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒްގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ނަމަވެސް، ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ދޭންޖެހޭނީ ސިޓީ ކައުންސިލުން ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެކަމަށް ގާނޫނު އިސްލާހުކުރަންޖެހޭ ހިސާބަށް ގޮސްފައިވާކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ދިނުމަށް ސިޓީ ކައުންސިލުގައި ބަޖެޓުނެތް އިރު، އެތަނުން އެދިފައިވަނީ އެކަމަށް އެޗްޑީސީގައި އޮތް ބަޖެޓު ދިނުމަށެވެ.

އެކަމަށް ކުރިއެރުމެއް ލިބިފައިނުވާއިރު، މިއަހަރުގެ ބާކީ އޮތް ތަނުގައި މުނިސިޕަލް ހިދުމަތްތައް ދިނުމަށް އެޗްޑީސީ އާއި ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމަކަށް ދިޔުމަށް، ވަގުތީ ހައްލެއްގެ ގޮތުގައި އަލީ ނިޔާޒް ވަނީ ހުށަހަޅުއްވައިފަ އެވެ.

އަދި އެ ހުށަހެޅުމަށް އަމަލުކުރުމަށް ސަރުކާރާއެކު މަޝްވަރާކުރެވެމުންދާ ކަމަށާއި، އެ މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ މިދިޔަ މަހުގެ 25 ވަނަ ދުވަހު މަޖިލީހުގައި ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭގޮތުން އަލީ ނިޔާޒް "އަދަދު" އަށް ވިދާޅުވި ގޮތުގައި އެކަން ރައީސަށް ލަފާއަރުވަން އުފައްދާފައިވާ އިކޮނޮމިކް ކައުންސިލުން މަޝްވަރާ ކުރެވުނުކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އެކަންވާ ގޮތެއް އަޅުގަނޑު ގާތުން ބަލަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި އިކޮނޮމިކް ކައުންސިލުގައި މިދިޔަ ހަފްތާގެ ތެރޭގައި މަޝްވަރާ ކުރެވުނުކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް "އަދަދު" އަށް ޔަގީންކޮށްދެއްވި އެވެ.

ނަމަވެސް، އެކަމުގައި އަދި ވަކި ގޮތެއް ނިންމާފައިވާ ނުވާ ކަމަށާއި، ގާނޫނީ ގޮތުން ހުރި ހުރަސްތައް ބެލުމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ލަފައަކަށް އެދިފައިވާކަމަށް މަބްރޫކު ވިދާޅުވި އެވެ.

"އިކޮނޮމިކް ކައުންސިލުގައި އެ މަޝްވަރާ އަދި ކުރެވެމުންދަނީ. ވަކި ގޮތެއް އަދި ނުނިންމާ،" އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، އެކަމުގައި ގޮތެއް ނިންމަން އުނދަގޫވަނީ ހުޅުމާލޭގެ ބިންތަކާއި މަޝްރޫއުތަކަކީ އެޗްޑީސީގެ މިލްކުވެރިކަމުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކަކަށްވާތީ އެވެ. އަދި ހުޅުމާލޭގެ ބިންތައް ފަދަ ހަރުމުދާތަކުގެ ދަށުން އެޗްޑީސީގެ ގިނަ ލޯނުތައް ނަގާފައިވުމަކީ ވެސް އެކަމުގައި ދިމާވާ ދައްޗެއްކަން އެނގިފައިވެ އެވެ.

ކައުންސިލުތަކަށް ބާރުތައް ދޫކޮށްލަން މި ސަރުކާރުން ވި ވައުދާ އެއްގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރީ ކައުންސިލުތަކުން މުނިސިޕަލް ހިދުމަތްތައް ދިނުމުގެ އިތުރުން، ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތައް ވެސް ސަރުކާރުން ހުއްދަދޭ ޕްލޭންއާ އެއްގޮތަށް ކައުންސިލުތަކުން އަމިއްލައަށް ކުރިއަށް ގެންދެވޭ ގޮތަށެވެ.

އޭގެ އިތުރުން، ކައުންސިލުތަކަށް އާމްދަނީ ހޯދޭނެ އިތުރު މަގުތައް ގާނޫނުގެ ދަށުން ފަހިކޮށްދީފައިވާއިރު، ސަރުކާރު މެދުވެރިވެގެން އެކި މަޝްރޫއުތަކަށް ލޯނު ނެގުމުގެ ފުރުސަތު ވެސް މިހާރު ކައުންސިލްތަކަށް ލިބެ އެވެ.