9 ސެޕްޓެންބަރު 2021 - 08:13 0
ލަލީގާގެ ރައީސް ހަވިއޭ ޓެބާސް.-- ފޮޓޯ: އޭއެފްޕީ
9 ސެޕްޓެންބަރު 2021 - 08:13 0
މެޑްރިޑް (ސެޕްޓެމްބަރު 9) - ޕީއެސްޖީން ހަރަދުކުރަމުން އަންނަ ގޮތަކީ ފުޓްބޯޅަ އަށް އޮތް ނުރައްކަލެއް ކަމަށާއި އެ ކްލަބަކީ މި ވަގުތަށް ބަލާއިރު ދާދި ފަހުން ފުޓްބޯޅަ އަށް ކުރިމަތިވި ޔޫރަޕިއަން ސުޕަ ލީގު ފަދަ ބިރެއް ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.
ގަތަރުގެ ޝާހީ އާއިލާއިން ކޮންޓްރޯލް ނަގައިގެން ހިންގަމުން އަންނަ ޕީއެސްޖީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސްޕެއިންގެ ގަދަ ދެ ބާރު ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކެޕްޓަން ހިލޭ ޓްރާންސްފާއެއްގެ ދަށުން ސޮއިކޮށްފަ އެވެ. އެއީ ލިއޮނަލް މެސީ އާއި ސާޖިއޯ ރާމޯސް އެވެ. މީގެ އިތުރުން ވެސް ޔޫރޯގެ މޮޅު ކުޅުންތެރިޔާ، އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އާއި ނެދަލެންޑްްސްގެ ވައިސް ކެޕްޓަން ޖިއޮޖީނިއޯ ވައިނަލްޑަމް އަދި މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ ގެނެސްފަ އެވެ.
ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެބާސް ވިދާޅުވީ މި ވަގުތަށް ބަލާއިރު، ޕީއެސްޖީ ފެންނަނީ ލެޖެންޑުން ގިނަ ޒުވާން ކުޅުންތެރިން މަދު ކްލަބެއްގެ ގޮތުގައި ކަމަށެވެ.
"ޕީއެސްޖީން ދުވަސްވީ ކުޅުންތެރިން ގެންގޮސްގެން އެ ކުރާ ކަންތައްތައްތަކަށް އަހަރެމެން ހައްލެއް ހޯދާނީ ޒުވާން ކުޅުންތެރިން ކުރިއަރުވައިގެން. އަހަރެމެންގެ އެބަތިބި ވިނީޝިއުސް (ރެއާލް މެޑްރިޑްގެ ބްރެޒިލް ވިންގް) ފަދަ ޒުވާން ކުޅުންތެރިން،" ޓެބާސް ވިދާޅުވި އެވެ.
"އަހަރެންގެ ނަޒަރުގައި ޕީއެސްޖީން އެ ކުރާ ކަމަކީ ނުރައްކަލެއް. ޕީއެސްޖީ އަކީ ސުޕަ ލީގު ފަދަ ބިރެއްގެ ގޮތުގައި ފެންނަނީ،"
ސުޕަ ލީގަކީ ރަސްމީ އިދާރާތަކާ ދެކޮޅަށް ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަޑީގައި އޮވެގެން ވުޖޫދަށް ގެންނަން އުޅުުނު މުބާރާތެކެވެ. އެ މުބާރާތުގެ ވާހަކަ މި ވަގުތު މަޑުޖެހިފައި އޮތީ ފީފާ އާއި ޔުއެފާގެ ފިއްތުންތަކާ ހެދި އެވެ.
މެސީ ފަދަ ބްރޭންޑެއް ނުލައި ލަލީގާ ކުރިއަށްގެންދާނެ ގޮތެއް ހޯދޭނެ ކަމަށް ޓެބާސް ވަނީ ވިދާޅުވެފަ އެވެ. ޓެބާސް ވަނީ ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އަކީ "ގައުމުތަކުން ހިންގާ" ކްލަބްތަކެއް ކަމަށް ދޭހަވާ ގޮތަށް އެ ދެ ޓީމަށް ނިސްބަތްކޮށް ވާހަކަ ދައްކަވައިފަ އެވެ.
މިދިޔަ ޖެނުއަރީ މަހު އާންމުކުރި މާލީ ތަފާސް ހިސާބުތަކަށް ބަލާއިރު ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ދަރަނި އުޅެނީ އިންތިހާ އަށް މަތީގަ އެވެ. އެ ދެ ކްލަބަށް މިދިޔަ ދެ ތިން ޓްރާންސްފާ މާކެޓްގައި ބޮޑު އަގުގައި ކުޅުންތެރިން ނުގެނެވުނީ ވެސް މާލީ ގޮތުން އަޑިގަނޑެއްގެ ތެރޭގައި އޮތުމުންނެވެ.
ޓެބާސް ދެއްކެވި ވާހަކަތަކަށް ޕީއެސްޖީން ވަނީ ރައްދުދީފަ އެވެ.
ޕީއެސްޖީގެ ޖެނެރަލް ސެކްރެޓަރީ ވިކްޓަރިއާނޯ މެލޭރޯ ވިދާޅުވީ ޓެބާސް ބޭނުންވަނީ ލަލީގާގައި ހުރި މައްސަލަތަކުގެ ވާހަކަ އޮއްބާލުމަށް ކަމަށެވެ.
"މީގެ ހަގީގީ ބޭނުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް. ޓެބާސް ބޭނުންވަނީ ލަލީގާގައި ހުރި މައްސަލަތަކުގެ ވާހަކަތަކުގެ މިސްރާބު ބަދަލުކޮށްލަން. އެހެންވެ ޕީއެސްޖީގެ ވާހަކަ އެ ދައްކަނީ. އަހަރެމެން ބުނަން އޮތް ވާހަކަ އަކީ އަމިއްލަ ލީގުގެ މައްސަލަތައް ހައްލުކުރުން މާ ބުއްދިވެރިވާނެއޭ،" ވިކްޓަރިއާނޯ ވިދާޅުވި އެވެ.
ޓެބާސް ވަނީ ޕީއެސްޖީ އަށް ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ ގަވާއިދުގެ ތެރެއިން ފިޔަވަޅު ނާޅާ ސަބަބުތަކެއް ފުޓްބޯޅަ ދުނިޔެ އަށް ސާފުކޮށް އެނގެންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެ ކަމާ ބެހޭގޮތުން ވިކްޓަރިއާނޯ ވިދާޅުވީ މީގެ ކުރިން ވެސް ކަންތައްތައް ހިނގާދިޔަ ގޮތްތަކަށް ބަލާނަމަ އާންމުންގެ މެދުގައި ލަލީގާގެ ވާހަކަ މަދުން ދެކެވޭ ކޮންމެ ފަހަރަކު ޓެބާސްގެ ވާހަކަތައް ހުންނަނީ ފްރެންޗް ލީގާ ދެކޮޅަށް ކަމަށާއި އެއީ ވިސްނާލުން މުހިއްމު ކަމެއް ކަމަށެވެ.
Comment