Advertisement

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ގިނަ ބަޔަކު ކުރިމަތިލައި ވާދަވެރިކަން ބޮޑުވެއްޖެ

25 އޮގަސްޓު 2021 - 10:28 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ: އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގައި ތިއްބަވާނީ ނުވަ މެމްބަރުން. -- ފޮޓޯ/އެމްޑީޕީ


އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ގިނަ ބަޔަކު ކުރިމަތިލައި ވާދަވެރިކަން ބޮޑުވެއްޖެ

25 އޮގަސްޓު 2021 - 10:28 0

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ބާރުގަދަ ގުނަވަނެއް ކަަމަށްވާ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ގިނަ ބަޔަކު ކުރިމަތިލައި ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީސް އެކުލެވިގެން ވަނީ ނުވަ މެމްބަރުންގެ މައްޗަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވީ ހުސްވެފައިވާ މަގާމްތަކަށް 15 އަށް ވުރެން ގިނަ މެމްބަރުން ކުރިމަތިލާފައިވާ ކަމަށެވެ. އޭގެތެރެއިން ފަނޑިޔާރުންގެ މަޖިލީހުގައި ތިއްބަވާނެ ބޭފުޅުން ހޮވާނީ ގައުމީ މަޖިލީހުންނެވެ.

މި ކޮމިޓީއަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވީ އިއްޔެ އެވެ.

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ޒިންމާއަކީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ އެއްވެސް ކަމަކާ މެދު މެމްބަރަކު ޝަކުވާއެއް އިސްތިއުނާފްކުރަން ބޭނުންވާ ނަމަ އެ ޝަކުވާ ބެލުމެވެ. މީގެ އިތުރުން އަސާސީ ގަވާއިދު މާނުކުރުމާ މެދު އުފެދޭ ހުރިހާ ދެބަސްވުންތަކުގެ ހައްލަށް ވެސް އެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށް އަސާސީ ގަވާއިދުގައިވެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގައި ފަސް އަހަރުގެ ދައުރަކަށް ހޮވާ އެ މަޖިލިސް އެކުލެވިގެންވާނީ ރައީސާއި އަށް މެމްބަރުންގެ މައްޗަށެވެ.

ފަސް އަހަރުގެ ދައުރު ހަމަވުމުން، އިތުރު ދައުރަކަށް އެ މެމްބަރަކު އިންތިހާބު ވެސް ކުރެވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގައި ނުތިބެވޭނެ އެވެ. ގައުމީ މަޖިލީހަށް ހޮވިއްޖެ ނަމަ އެ މީހެއްގެ މަގާމް ގެއްލޭނެ އެވެ.

އެމްޑީޕީގެ މުހިއްމު ކޮމިޓީއަކަށް މެމްބަރުން ހޮވުން ކުރިއަށް އޮތް އިރު، ޕާޓީގެ ގައުމީ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުން ސެޕްޓެމްބަރުގައި ބާއްވަން ނިންމައި ކެންޑިޑޭޓުންގެ ލިސްޓު އޮތީ އާއްމުކޮށްފަ އެވެ.