Advertisement

ޔާމީން ބޭނުންވަނީ ރިޔާސީ ނިޒާމް، ބަރުލަމާނީ ޕެޓިޝަނަށް އިދިކޮޅުގެ ތާއީދެއް ނެތް

24 އޮގަސްޓު 2021 - 12:36 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ޔާމީނާއި އަބްދުއްރަހީމް، ޕީޕީއެމްގެ ޖަލްސާއެއްގައި: ޔާމީން ބޭނުންވަނީ ރިޔާސީ ނިޒާމް ދެމިއޮތުމަށް.


ޔާމީން ބޭނުންވަނީ ރިޔާސީ ނިޒާމް، ބަރުލަމާނީ ޕެޓިޝަނަށް އިދިކޮޅުގެ ތާއީދެއް ނެތް

24 އޮގަސްޓު 2021 - 12:36 0

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވާ ކަމަށާއި އެހެންކަމުން އެ ނިޒާމަށް ސޮއި ހޯދާ ޕެޓިޝަނަށް އިދިކޮޅުގެ ތާއީދެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ބައެއް މެމްބަރުންގެ އިސް ނެންގެވުމާ އެކު ކުރިއަށް ގެންދާ ޕެޓިޝަންގައި އަމާޒަކީ 100 ދުވަސް ތެރޭގައި 100،000 ސޮއި ހަމަކުރުމެވެ. އެ ޕެޓިޝަން ހުށަހަޅަން ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ރައްޔިތުންގެ މަޖިލީހަށެވެ.

އެ ޕެޓިޝަނަށް ސޮއި ހޯދަނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުންގެ ނޫން ކަމަށާއި ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ހުރިހާ ރައްޔިތުންގެ ކަމަށް އިސްކޮށް އުޅުއްވާ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ މެމްބަރުން އިތުރުކޮށް، 2023ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވާން އިދިކޮޅުން ފަށާފައިވާ ދަތުރުގައި، މިވަގުތު އައްޑޫގައި ހުންނެވި އަބްދުއްރަހީމް "އަދަދު"އަށް ވިދާޅުވީ ޔާމީންގެ އެއްވެސް ސަޕޯޓަރަކު ޕެޓިޝަންގައި ސޮއިނުކުރާނެ ކަމަށެވެ. ވެރިކަމުގެ ނިޒާމް ބަދަލުކުރަން އެމަނިކުފާނުގެ ތާއީދެއް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމީން ބޭނުންފުޅެއް ނުވޭ ބަރުލަމާނީ ނިޒާމެއް، އެމަނިކުފާނު ވަނީ ރިޔާސީ ނިޒާމުގައި ގައުމަށް ތަރައްގީ އާއި ކުރިއެރުން ގެނެސްދެއްވާފައި،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވައުދުތައް ލަސްވެފައި ވަނީ ނިޒާމުގެ މައްސަލައަކުން ނޫނެވެ. އައްޑު އަތޮޅަށް ކުރާ ދަތުރުގައި ވެސް ފެނުނީ، މި ސަރުކާރާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން އޮތް މިންވަރު ކަމަށް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމެއް ގެންނަން އިދިކޮޅުން ތާއީދު ނުކުރާނެ ކަމަށް އަދުރޭ މި ވިދާޅުވީ އެ ނިޒާމް ގެންނެވުމުގައި ޔާމީންގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ބޭނުން ވަނީ ޕީޕީއެމާ އެކު ސަރުކާރެއް އުފައްދަން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

އެކަމަކު އިދިކޮޅުން ބުނެފައި ވަނީ ސިޔާސީ މަސައްކަތް ރައީސް ޔާމީން ކުރައްވާނީ ޕީޕީއެމާއި ޕީއެންސީގައި ކަމަށެވެ. ޑީލެއް ހައްދަވައިގެން އެ ނޫން ޕާޓީއަކާ އެކު މަސައްކަތް ނުކުރައްވާނެ ކަަމަށް ވިދާޅުވި އެވެ.

ނަޝީދުގެ ތާއީދު އޮތް އަދި ވީހާވެސް ގިނަ ބަޔަކު ސޮއިކުރަން އެދިވަޑައިގެންފައިވާ ބަރުލަމާނީ ޕެޓިޝަންގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 13 މެމްބަރަކު އިއްޔެގެ ނިޔަލަށް ވަނީ ސޮއިކުރައްވައިފަ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން އެ ޕެޓިޝަނަށް ސޮއި ހޯދާތީ ޖުމްލަ އަދަދެއް އަދި ނޭނގެ އެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ގިނަ ރައްޔިތުން ވޯޓުދިނީ ރިޔާސީ ނިޒާމަށެވެ. އެއީ ސައްހަ 154،123 ވޯޓުގެ 62 ޕަސެންޓެވެ.

މި ނޫން ނިޒާމަކަށް ރާއްޖެ ބަދަލުކުރެވޭނީ އަނެއްކާވެސް ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ ވިދާޅުވަމުންނެވެ.