Advertisement

އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ގާނޫނު؛ ޑިޖިޓަލް އިގުތިސޯދަކަށް ފުރަތަމަ ފިޔަވަޅު!

23 އޮގަސްޓު 2021 - 09:40 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ފައިސާގެ މުއާމަލާތެއް ހިންގަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ގާނޫނު؛ ޑިޖިޓަލް އިގުތިސޯދަކަށް ފުރަތަމަ ފިޔަވަޅު!

23 އޮގަސްޓު 2021 - 09:40 0

ރާއްޖޭން އަބަދުވެސް ވަރަށް ފަހުރުވެރިކަމާއެކު ބުނާ އެއް ވާހަކައެއް އޮވެ އެވެ؛ ދެކުނު އޭޝިއާ ސަރަހައްދުގައި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމަކީ ރާއްޖެ ކަމެވެ. އެކަމަށް ހިސާބު ޖަހަން މުޅި ގައުމަށް އިންޓަނެޓާއި އާބާދީގެ ނިސްބަތުން ސްމާޓް ފޯނު ގެންގުޅޭ އަދަދު ވެސް ބޭނުންކުރެ އެވެ.

އެކަމަކު ގާނޫނީ އޮނިގަނޑުން ބަލާއިރު ރާއްޖެ އުޅެނީ ގިނަ ގައުމުތަކަށް ވުރެ ފަހަތުގަ އެވެ.

އެއީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އިންތިޒާމުކޮށްގެން ރޭ ކްލަބްހައުސްގައި ބޭއްވި ފޯރަމްގައި އެކަމުގެ މާހިރުން ވެސް ފާހަގަކުރެއްވި ނުކުތާ އެކެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން އޮންލައިންކޮށް ވިޔަފާރި ކުރުމާއި ހިދުމަތްތައް ދިނުމުގެ މުހިންމުކަން ހާމަވެގެން ގޮސްފައިވާއިރު، އެފަދަ މުއާމަލާތްތަކަށް ހަގީގީ މާނައިގައި ގާނޫނީ ހައިސިއްޔަތު ނޫނީ ރައްކާތެރިކަން ނުލިބޭ ކަމެވެ.

އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު

އެކަން ހައްލުކުރަން ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިލެކްޓްރޯނިކް ޒަރިއްޔާއިން ކުރާ މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދޭން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ވަނީ ހުށަހަޅައިފަ އެވެ.

އެ ބިލު އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރެއްވި މާހިރުން ރޭގެ ފޯރަމްގައި ވިދާޅުވި ގޮތުގައި އެފަދަ ބިލެއްގެ ބޭނުންޖެހިފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ.

ހާއްސަކޮށް ކޮވިޑުގެ ހާލަތުގައި އޮންލައިންކޮށް ގަނެ ވިއްކުމުގެ މުއާމަލާތްތަކާއި ފައިސާ ޓްރާންސްފާ ކުރުން ފަދަ ކަންކަން އިތުރުވެފައިވާއިރު، އެ މުއާމަލާތްތަކަށް ގާނޫނަކުން އިތުބާރާއި ރައްކާތެރިކަން ލިބެންޖެހޭ ކަމަށް އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވި އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގައި އިއްވާފައިވާއިރު، އެ ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމްކޮށް ޓްރަސްޓް ހިދުމަތްތަކުގެ އުސޫލުތައް ކަނޑައެޅުމެވެ.

އެ ބިލުގައި އިލެކްޓްރޯނިކް މުއާމަލާތްތައް ބަޔާންކޮށްފައިވާއިރު، މައުލޫމާތެއް އޮންނަންވާނީ ލިޔުމުންކަމަށް އެއްވެސް ގާނޫނަކުން ލާޒިމުކޮށްފައިވާ ހާލަތެއްގައި، ޑޭޓާ މެސެޖެއްގައިވާ މައުލޫމާތަކީ ފަހުން ބޭނުންކުރުމަށް ވާސިލުވެވޭ މައުލޫމާތެއް ކަމަށްވާ ނަމަ، އެ މައުލޫމާތެއް ލިޔުމުން އޮތުމުގެ ގާނޫނީ ޝަރުތު އެ ޑޭޓާ މެސެޖުގައި ފުރިހަމަވާނެކަމަށް ބުނެފައި ވެ އެވެ.

"މި ގާނޫނަކީ ހަގީގަތުގައި ޑިޖިޓަލް އިގުތިސޯދެއްގެ ބިންގާ. އެނގިގެން އަދި ނޭނގި ވިޔަސް އަޅުގަނޑުމެން ވަރަށް ގިނައިން ޑިޖިޓަލްކޮށް މުއާމަލާތްތަކެއް އެބަކުރޭ. މި ގާނޫނުގެ ދަށުން ކަރުދާހުގައި އޮންނަ އެއްބަސްވުމަކުން ލިބިދޭ ރައްކާތެރިކަން ޑިޖިޓަލް މުއާމަލާތްތަކަށް ވެސް ލިބިގެން އެބަދޭ،" އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ރޭގެ ފޯރަމްގައި ވިދާޅުވި އެވެ.

އެ ބިލުގައި ބުނާ ގޮތުން ކޮންޓްރެކްޓާބެހޭ ގާނޫނުގެ ދަށުން ފުރިހަމަވާންޖެހޭ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެ ފަރާތުން އެއްބަސްވާ ނަމަ، އިލެކްޓްރޯނިކް މުއާސަލާތުގެ ޒަރިއްޔާއިން އެއްބަސްވުންތައް އެކުލަވާލެވިދާނެ އެވެ.

އެފަދަ އެއްބަސްވުންތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް ސޮއި ބަލައިގަނެވޭނެ ހާލަތްތަކާއި އުސޫލުތައް ވެސް އެ ބިލުގައި ކަނޑައަޅާފައި ވެ އެވެ. އެގޮތުން ސޮއިގެ ކްރިއޭޝަން ޑޭޓާއަކީ ހަމައެކަނި އެ ސޮއިކުރި ފަރާތާ ގުޅުވައިދޭ ޑޭޓާއަކަށް ވާންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

އޭގެ އިތުރުން އިލެކްޓްރޯނިކް ސޮޔާ ގުޅޭ ސެޓްފިކެޓް ދޫކޮށް އަދި ބެލެހެއްޓުމަށް ޓްރަސްޓުގެ ހިދުމަތެއް ބޭނުންކުރެވޭނެ އެވެ.

އެ ބިލުގައި އާންމު ރައްޔިތުންނާ ވަރަށް ބީރައްޓެހި އިނގިރޭސި ބަސްތައް ގިނަކަން އެ ފޯރަމް މޮޑަރޭޓުކޮށްދެއްވި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ފާހަގަކުރެއްވި އެވެ.

ޑިޖިޓަލް މުއާމަލާތްތަކާއި ޓްރަސްޓުގެ ހިދުމަތް ތިލަކޮށް

ބައިނަލްއަގުވާމީ ވިޔަފާރިއާއި ކޮމާޝަލް އާބިޓްރޭޝަންއާ ގުޅޭ މޮޑެލް ލޯގެ މައްޗަށް ފަރުމާކޮށްފައިވާ މި ބިލުގެ ސަބަބުން ބޭރުގެ އެކި ފަރާތްތަކާ ކުރެވޭ ވިޔަފާރި މުއާމަލާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ އައިޓީ ތަޖުރިބާކާރު މުސްތަފާ ތަމްޔީޒް ވިދާޅުވި އެވެ.

"މިއީ އީ-ކޮމާސްއަށް އެންމެ ބޭނުން އެއް ބިލު. އެއީ ކަރުދާހުން ކުރާ މުއާމަލާތްތަކާއި ލިބޭ ސައްހަކަމާއި އިތުބާރު ޑިޖިޓަލް މުއާމަލާތްތަކަށް ވެސް ހޯދައި ދިނުން،" މުސްތަފާ ފާހަގަކުރެއްވި އެވެ.

ވިޔަފާރިތަކުގެ އިތުރުން އާންމު ފަރުދުންގެ މެދުގައި ކުރެވޭ މުއާމަލާތްތަކަށް ވެސް އެ ގާނޫނުގެ ދަށުން ހިމާޔަތް ލިބޭނެ އެވެ.

މިސާލެއްގެ ގޮތުން، މިހާރު އާންމުކޮށް އޮންލައިންކޮށް ކުރެވޭ ގަނެ ވިއްކުމުގެ މުއާމަލާތަކަށް ބަލަމާ ހިނގާށެވެ. ވައިބާ ނޫނީ އިންސްޓަގްރާމް މެދުވެރިކޮށް މުދަލެއް ގަންނަން އެއްބަސްވަނީ އެވެ. ދެ ފަރާތުގެ މެދުގައި ވިއްކާ އަގާއި ޑެލިވަރީ ކުރުމާއި ފައިސާ ދެއްކުމާ ގުޅޭ ވާހަކަތަކެއް މެސެޖުން ދެކެވެ އެވެ. އޭގެ ފަހުން މުދާ ލިބި، އޮންލައިން ޓްރާންސްފާއެއްގެ ޒަރިއްޔާއިން ފައިސާ ދެއްކުމަށްފަހު، އެ މެސެޖިން އެޕްލިކޭޝަނެއް މެދުވެރިކޮށް ސްލިޕް ފޮނުވަނީ އެވެ.

މުސްތަފާ ވެސް ފާހަގަކުރެއްވި ފަދައިން މި ގާނޫނު ވުޖޫދަށް އައުމާއެކު އެ މުއާމަލާތަށް ގާނޫނީ ހައިސިއްޔަތު ލިބުނީ އެވެ. އޭގެ މާނައަކީ އެ މުދަލެއް ގަންނަން ކަރުދާހުގައި އެއްބަސްވުމެއް ހަދައި، ސޮއިކޮށް، އިނގިލީގެ ނިޝާން ޖެހުމާ އެއް ހަމަ ކުރެވުނީ ކަމެވެ.

ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ކާޑު. -


އަދި މެސެޖުގެ ޒަރިއްޔާއިން ދެ ފަރާތުން ދެއްކި ވާހަކައާއި، ފޮނުވި ޓްރާންސްފާ ސްލިޕަކީ ޑޭޓާ މެސެޖު ކަމަށް ބަލައި، އެއީ އެ މުއާމަލާތްކުރުމަށް ދެ ފަރާތުން ވި އެއްބަސްވުމުގެ ގޮތުގައި ބެލުމަށް ދެން ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެ ކަމެވެ. ކަރުދާހުގައި އޮތް އެއްބަސްވުމަކާއި ޑޭޓާ މެސެޖެއްގައި އޮތް އެއްބަސްވުމަކާ ޝަރުއީ ކޯޓެއްގައި ދެން ތަފާތެއް ނުކުރެވޭނެ އެވެ.

ދެން އޮތީ ޓްރަސްޓު ހިދުމަތުގެ ވާހަކަ އެވެ.

އެ ހިދުމަތް ތިލަކޮށް ދެއްވަމުން، މުސްތަފާ ރޭ މިސާލެއް ނެންގެވި އެވެ. އިލެކްޓްރޯނިކް މުއާމަލާތެއްގައި ހިމެނޭ ޑިޖިޓަލް ސޮއިއަކީ ހަމައެކަނި އަތުން ކުރަހަލައި، ކުރަހާލުމެއް އެކަންޏެއް ނޫނެވެ. ފޯނަށް ނޫނީ އީމެއިލް މެދުވެރިކޮށް، އެ މީހަކަށް ހާއްސަކޮށް ފޮނުވޭ އޯޓީޕީ ކޯޑަކީ ވެސް އެ މީހެއްގެ ޑިޖިޓަލް ސިގްނެޗާ އެކެވެ.

"މިސާލަކަށް މީގެ ކުރިން ބޭންކް މޯލްޑިވްސް އިން ދޫކުރި އޯޓީޕީއަށް ހާއްސަ ވަކި ޑިވައިސެއް. އެއީ ޓްރަސްޓް ހިދުމަތެއް،" މުސްތަފާ ސާފުކޮށްދެއްވި އެވެ.

ސޮއި ކުރުމުގެ ބަދަލުގައި ޑިޖިޓަލްކޮށް، މިސާލަކަށް އޮފީހަށް ވަންނަން ބޭނުންކުރާ ކާޑަކީ ވެސް އެ މީހަކަށް ހާއްސަ ޑިޖިޓަލް ސިގްނެޗާ އެއް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ދުވަހެއް ދުވަހަކުން ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ޒަމާނެއްގައި، ވަކި ޓެކްނޮލޮޖީއެއް އަތް ގަދަ ކުރުމަށް ފުރުސަތު ހަނިކޮށްފައިވާ އެ ބިލުގައި ރާއްޖޭން ބޭރުގެ ޓްރަސްޓް ހިދުމަތްދޭ ފަރާތްތައް ވެސް ބޭނުންކުރެވެ އެވެ.

އެގޮތުން، ރާއްޖޭގައި އެ ހިދުމަތްތައްދޭ ފަރާތްތައް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެކްރެޑިޓްކޮށް، 10 މަސް ދުވަހު ތެރޭގައި އާންމުކުރަންޖެހޭނެ ކަމަށް އެ ބިލުގައި ވަނީ ލާޒިމުކޮށްފަ އެވެ.

މި ގާނޫނަކީ ފެށުމެއް

އިލެކްޓްރޯނިކް މުއާސަލާތްތައް ކަރުދާހުގައި އޮންނަ އެއްބަސްވުންތަކާއި މުއާމަލާތަކާ އެއް ހަމަ ކުރުމަކީ، އީ-ކޮމާސްގެ ވެއްޓަށް ރާއްޖެ ތައާރަފުވެގެން ދިޔުމަށް އެޅޭ މުހިންމު ފިޔަވަޅެއް ނަމަވެސް، އެ އޮނިގަނޑަށް އިތުރު ގާނޫނުތައް އަންނަންޖެހޭކަމަށް ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މާހިރުން ވެސް ފާހަގަކުރެއްވި އެވެ.

އެގޮތުން، ސައިބާ ކްރައިމްގެ އިތުރުން ޑޭޓާ ޕްރައިވަސީގެ ގާނޫނެއް ވެސް ވުޖޫދަށް އައުމަކީ، ވަށައިޖެހޭ ގޮތެއްގައި ރާއްޖޭގައި އީ-ކޮމާސް ގާއިމުކުރަން ކޮންމެހެން މުހިންމު ކަމެކެވެ.

ޓެކްނޮލޮޖީގެ ޒަމާނެއްގައި، ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ނުހިންގޭ ކަމީ އަބަދުވެސް ކުރެވޭ ޝަކުވާއެކެވެ. ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތް ކުރެވޭ ޕޭޕާލް ފަދަ ހިދުމަތްތައް ރާއްޖޭގައި ލިބެންނެތުމަކީ، ފަންނުވެރި ދިވެހި ޒުވާނުންނަށް އާމްދަނީ ހޯދެން އޮތް މަގެއް ބަންދުވެފައި އޮތުމެވެ.

ރޭގެ ބައްދަލުވުމުގައި ވެސް ތަކުރާރުކޮށް އެ ސުވާލު ކުރެވުނެވެ.

ޕޭޕާލް ފަދަ ހިދުމަތަކުން ދެ ކޮޅުން ފައިސާ މުއާމަލާތެއް ހިންގުމުގެ މަގު ތަނަވަސްވުމުގައި ހަމައެކަނި ބަލަނީ ގާނޫނީ އޮނިގަނޑަކަށް ނޫންކަން މާހިރުން ރޭ ފާހަގަކުރެއްވި އެވެ.

ނަމަވެސް، ޑިޖިޓަލް މުއާމަލާތް ކުރުމުގެ ގާނޫނީ އޮނިގަނޑު ފުރިހަމަ ވުމަކީ، އެކަން ކުރުމުގެ ފުރަތަމަ ފިޔަވަޅެއްކަން އެ ބޭފުޅުންވެސް ގަބޫލުކުރައްވަ އެވެ.

އެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވި ފަދައިން، އީ-މުއާމަލާތްތަކުގެ ގާނޫނެއް ވުޖޫދުވުމަކީ، އީ-ކޮމާސްގެ ވެއްޓަށް ރާއްޖެ ތައާރަފްވެ، ޑިޖިޓިލް އިގުތިސޯދެއްގެ މިސްރާބަށް ވާސިލުވުމަށް އެޅުނު ބިންގަލެކެވެ.