Advertisement

ނަޝީދުގެ ތާއީދު އޮތީ ބަރުލަމާނީއަށް އެއްބާރުލުންދޭ ކެންޑިޑޭޓުންނަށްކަން ހާމަކުރައްވައިފި

22 އޮގަސްޓު 2021 - 11:38 1

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ެއެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެތެރޭގެ އިންތިހާބާ ދިމާކޮށް ފަށާފައިވާ ބަރުލަމާނީ ކެމްޕޭނަށް އެމަނިކުފާނުގެ ތާއީދު އޮތް ކަން މިއަދު ވަނީ ހާމަކުރައްވާފައި. -- ފޮޓޯ/ އަދަދު


ނަޝީދުގެ ތާއީދު އޮތީ ބަރުލަމާނީއަށް އެއްބާރުލުންދޭ ކެންޑިޑޭޓުންނަށްކަން ހާމަކުރައްވައިފި

22 އޮގަސްޓު 2021 - 11:38 1

ސެޕްޓެމްބަރު މަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރައްވާނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އެއްބާރުލުން ދެއްވަން ތިއްބެވި ކެންޑިޑޭޓުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް އެމަނިކުފާނު ތާއީދުކުރައްވާނެ ކަަމަށެވެ. މިކަން މި ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް އިސްވެ ތިއްބަވައި ބަރުލަމާނީ ކެމްޕޭން އިއްޔެ ފަށާފައި ވަނިކޮށެވެ.

އެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއްގައި އަންނަނީ ސޮއިކުރަމުންނެވެ. އަމާޒަކީ ތިން މަސް ދުވަހުން 100،000 ސޮއި ހަމަކޮށް ހުށަހެޅުމެވެ.

ނަޝީދު ބޭނުންފުޅު ވަނީ 2023 ގެ އިންތިހާބު ނުބާއްވައި ބަރުލަމާނީ ނިޒާމަކުން ވެރިކަން ހިންގަން ފެށުމަށެވެ. އެ ނިޒާމުގައި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރަސްމީކޮށް ރައީސް ސޯލިހްގެ އަރިހުން އޮތީ އެދިވަޑައިގެންފަ އެވެ.

ރައީސަށް ފޮނުއްވި މެސެޖުގައި ނަޝީދު އެދިވަޑައިގެންގައި އޮތީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.

ޖެހިގެން އަންނަ 2024ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

އެކަމަކު ރައީސް ސޯލިހް މިހާތަނަށް ތަކުރާރުކޮށް ދެއްވި ޖަވާބަކީ ނިޒާމުގެ ވޯޓުގައި ގޮތް ނިންމާނީ ރައްޔިތުން ކަމެވެ. ބަރުލަމާނީ ނިޒާމު ގެންނެވުމަށް ނަޝީދު ދައްކަވާ ވާހަކައިން ރެކިވަޑައިގަންނަވަމުން ރައީސް ސޯލިހް އެންމެ ފަހުން ވެސް ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ ނިޒާމް ބަދަލު ކުރަން ވިސްނަވާކަށް އެމަނިކުފާނަށް ވަގުތެއް ނެތް ކަމަށެވެ. ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅު ވަނީ ފަސް އަހަރުގެ ދައުރަކަށް ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދެވުމަށް ކަމަށެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ގިނަ ރައްޔިތުން ވޯޓުދިނީ ރިޔާސީ ނިޒާމަށެވެ. އެއީ ސައްހަ 154،123 ވޯޓުގެ 62 ޕަސެންޓެވެ.

އެކަމަކު ނިޒާމުގެ ބަހުސް އަލުން ހުޅުވާލަައި ގޮތެއް ނިންމަން އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން ގެންދަވަނީ ގޮވާލައްވަމުންނެވެ.

ބަރުލަމާނީ ވޯޓެއްގެ ކެމްޕޭން މި ފެށީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތު އޮތީ އެމަނިކުފާނުގެ އަތްޕުޅުގައި ކަަމަށް ރައީސް ސޯލިހް އިއުލާންކުރައްވާފައި ވަނިކޮށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ސަރުކާރު ކުންފުނިތަކުގެ ބައެއް އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވާދަ ކުރައްވަ އެވެ. ރައީސް ސޯލިހާއި ޕާޓީގެ ރައީސް ނަޝީދާއި ދެމެދު ހިޔާލު ތަފާތުވުން އުފެދި އެކަން ބޮޑުވެފައިވާތީ މި އިންތިހާބުގެ ވާދަވެރިކަން ބޮޑުވާނެ ކަަމަށް ލަފާކުރެވެ އެވެ.

މި އިންތިހާބުގައި ދާއިރާތަކާއި ޕްރޮވިންސްތަކާއި ސިޓީތަކުގެ ރައީސާއި ނައިބު ރައީސުންނާ އެކު ޖުމްލަ 455 މެމްބަރުން ހޮވާނެ އެވެ.