Advertisement

އޭއެފްސީ ކަޕްގައި ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: ބެންގަލޫރު ކޯޗު ޕެޒޯލީ

21 އޮގަސްޓު 2021 - 19:43 0

ބެންގަލޫރުގެ ކޯޗު މާކޯ ޕެޒޯލީ.-- ފޮޓޯ: ބެންގަލޫރު


އޭއެފްސީ ކަޕްގައި ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: ބެންގަލޫރު ކޯޗު ޕެޒޯލީ

21 އޮގަސްޓު 2021 - 19:43 0

އޭއެފްސީ ކަޕްގައި ވާދަކުރާ ކޮންމެ ޓީމެއް ވެސް މުބާރާތަށް ތައްޔާރުވަނީ ބޮޑެތި ހަރަދުތަކެއް ކޮށްގެން ކަމަށާއި އެ ފަދަ އިންވެސްޓްމަންޓް ތަކެއް ކޮށްގެން އޭއެފްސީން މި މުބާރާތުގައި ޓެކްނޮލޮޖީ އެހީ ހޯދައިގެން މެޗުތަކުގައި އިންސާފުވެރި ނިންމުންތަކެއް އަންނަން ޖެހޭ ކަމަށް ބެންގަލޫރުގެ ކޯޗު މާކޯ ޕެޒޯލީ ބުނެފި އެވެ.

ބަަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން ބެންގަލޫރަށް މިއަދު މޮޅެއް ނުލިބި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ބެންގަލޫރުގެ ޑިފެންޑަރު އެލަން ކޮސްޓާ ބޮލުން ޖެހި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ބޭރުވި އެވެ. އެ ބޯޅަ ގޯލު ރޮނގު ހުރަސްކުރި ކަމަށް ބެންގަލޫރުގެ ކުޅުންތެރިންނާއި ބެންޗުން ވަނީ ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބެންގަލޫރުގެ ކޯޗު ޕެޒޯލީ ބުނީ އޭނާގެ ނަޒަރުގައި ކޮސްޓާ ޖެހީ ގޯލެއް ކަމަށާއި އެ ގޯލު ބަލައިނުގަންނަން ނިންމުމަކީ ބެންގަލޫރާ މެދު ބޭއިންސާފުން ނިންމި ނިންމުމެއް ކަމަށެވެ.

"އަހަރެން ވީޑިއޯ ބެލިން. އެއީ ގޯލެއް. އަހަރެމެން ވަރަށް ބޮޑު އިންވެސްޓެއް ކޮށްފައި މި މުބާރާތަށް މި އަންނަނީ. ރާއްޖޭގައި އަނެއްކާ ވެސް މި ގޮތަށް މިވީ. އަހަރެމެން ހިތަށް އަރާ ކީއްވެބާއޭ ދުނިޔޭގެ އެހެން ބައްރުތަކުގައި ގައުމުތަކުގައި ކުރާ ގޮތަށް ޓެކްނޮލޮޖީ (ގޯލް ލައިން ޓެކްނޮލޮޖީ) ބޭނުންކޮށްގެން އޭއެފްސީ މި މުބާރާތް ކުރިއަށް ނުގެންދަނީ. މި ފަހަރު މި ގޮތަށް މި ވީ އަހަރެމެންނާ ދެކޮޅަށް. ދެން ފަހަރަކުން އެހެން ޓީމަކަށް ވެސް ވެދާނެ،" ޕެޒޯލީ ބުންޏެވެ.

"އަހަރެމެން (ބެންގަލޫރު) ވަރަށް ރަނގަޅަށް ކުޅެގެން ވަރަށް ގިނަ ފުރުސަތު ވެސް ހޯދި މެޗެއް މިއީ. ގޯލެއް ވެސް ޖަހާފައި މޮޅުނުވެވި ފޭބުމަކީ ވަރަށް މާޔޫސްވާ ކަމެއް،"

ބަޝުންދަރާއާ ދެކޮޅަށް މިއަދުގެ މެޗުން އެއްވަރުވުމުން ބެންގަލޫރަށް ވަނީ ދެ މެޗުން އެއް ޕޮއިންޓް ލިބިފަ އެވެ. ފަހު މެޗުން އެ ޓީމަށް މާޒިޔާ އަތުން މޮޅުވެގެން ވެސް ގްރޫޕް އެއް ވަނައިގައި ނިންމޭނެ ގޮތެއް ނެތެވެ. އަނެއް ބުރުގެ ފުރުސަތު ލިބެނީ ގްރޫޕްގެ އެއް ވަނަ ޓީމަށް އެކަނި ކަމަށްވާއިރު، މި ނަތީޖާއާ އެކު ބެންގަލޫރު ވަނީ މުބާރާތުން ކަޓައިފަ އެވެ.

މިއަދުގެ މެޗަކީ މިދިޔަ ހަތް ވަރަކަށް ދުވަސް ތެރޭ ބެންގަލޫރުން ކުޅުނު ތިން ވަނަ މެޗެވެ. މިދިޔަ އާދިއްތަ ދުވަހު އީގަލްސްއާ ދެކޮޅަށް ޕްލޭއޮފް މެޗުން މޮޅުވި ބެންގަލޫރު ވަނީ ބުދަ ދުވަހު އޭޓީކޭ މޯހަން ބަގާން އަތުން ބަލިވެފަ އެވެ. އަދި މިއަދު ބަޝުންދަރާއާ ލަނޑެއް ނުޖެހި އެއްވަރުވީ އެވެ.

ޕެޒޯލީ ބުނީ ހަގީގަތުގައި ޕްލޭއޮފް މެޗު އޮންނަން ޖެހޭނީ ގްރޫޕް ސްޓޭޖަށް ވުރެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށާއި މުބާރާތާ އެހާ ކައިރި ކޮށްފައި އެ މެޗު ކުޅުމުން ހުރިހާ ގެއްލުމެއް މި ވަގުތު އޮތީ ބެންގަލޫރަށް ކަމަށެެވެ. މި ފަހަރުގެ ޕްލޭއޮފް މެޗު ކުޅުނީ ގްރޫޕް ސްޓޭޖުގެ ތިން ދުވަސް ކުރިންނެވެ.

ބެންގަލޫރާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ތެރެއިން ބަޝުންދަރާގެ ކޯޗު އޮސްކާ.-- ފޮޓޯ: އޭއެފްސީ


އޮސްކާގެ ނަޒަރުގައި މިއީ ބަޝުންދަރާ އަށް ގޯސް ނަތީޖާއެއް ނޫން

މިއަދުގެ މެޗުން މޮޅުވެގެން ބަޝުންދަރާ އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އޮތެވެ. އެކަމަކު، އެއްވަރުވުމުން އެ ޓީމު އޮތީ އެއް ވަނައިގައި އެންމެ ޕޮއިންޓެއްގެ ލީޑަކާ އެކު އެވެ.

ބަޝުންދަރާ އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭޓީކޭ މޯހަން ބަގާން އަށް އެއް މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެ ޓީމު މިރޭ މާޒިޔާ ބަލިކޮށްފިނަމަ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ. އަނެއް ބުރަށް ހޮވޭނީ ގްރޫޕްގެ އެއް ވަނަ ހޯދާ ޓީމު އެކަންޏެވެ. ގްރޫޕްގައި ބަޝުންދަރާ ކުޅޭ ފަހު މެޗުގައި ނުކުންނާނީ އޭޓީކޭއާ ދެކޮޅަށެވެ. ބަޝުންދަރާ އަށް ދެން ފުރުސަތެއް އޮތީ އެ މެޗުން އޭޓީކޭ ކައިރިން ނަތީޖާއެއް ނެރެގެންނެވެ.

އޮސްކާ ބުނީ ފުރަތަމަ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައި ފަހު މެޗަށްދާއިރު ވެސް އަނެއް ބުރުގެ ފުރުސަތު ހުޅުވިފައި އޮތުމަކީ މި މެޗުގެ ނަތީޖާއާ މެދު ހިތްހަމަޖެހެން ޖެހޭ ސަބަބެއް ކަމަށެވެ.

"މެޗުގެ 60 ވަނަ މިނިޓާ ހަމައަށް ކޮންޓްރޯލްގައި އޮތީ އަހަރެމެން. ދެން އެ މީހުން ގެނައި ބަދަލުތަކަށް ފަހު އެ ޓީމު ވަރުގަދަވެ ވަރަށް ގިނަ ފުރުސަތުތަކެއް ހޯދަން ފެށި. ދެން ފަހު 20 މިނިޓަށް ދިޔައިރު އަހަރެމެންނަށް ގަބޫލުކުރެވުނީ ހާލަތު ދިޔަ ގޮތުން މި މެޗުގެ ޕޮއިންޓެއް ވެސް ރަނގަޅުވާނެ ކަމަށް. މިއީ އަހަރެމެންގެ ނަސީބުން ނުކުތް ނަތީޖާއެކޭ ނުބުނާނަން،" އޮސްކާ ބުންޏެވެ.

"މި މެޗު ނިމުމުން ބެންގަލޫރު މި އޮތީ ކަޓާފައި. ބަޝުންދަރާ އަށް ފަހު މެޗުން ފުރުސަތެއް އެބައޮތް އަނެއް ބުރުގެ. އެހެންވީމަ މިއީ މާޔޫސްވާން ޖެހޭ ނަތީޖާއެއް ކަމަށް ނުދެކެން،"

އޮސްކާ ބުނީ މެޗުގެ ފަހު ކޮޅުގައި ބަޝުންދަރާ ޓީމު ވަރުބަަލިކޮށް ފެނުނު ސަބަބަކީ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ރަނގަޅަށް ޕްރެސް ކޮށްގެން ކުޅުން ކަމަށާއި ފަހު ގޭމް މެނޭޖް ކުރަން ޖެހުމުން ކުޅުންތެރިން ޕްރެސް ކުރުން މަޑުޖައްސާލީ ފަހު 20 މިނިޓަށް ދިޔައިރު ޕޮއިންޓަކަށް ކުޅެން ބޭނުންވާތީ ކަމަށެވެ.

ގްރޫޕްގެ ފަހު މެޗުތައް އޮންނާނީ އަންގާރަ ދުވަހު އެވެ. އެ ދުވަހު ހަވީރު ބަޝުންދަރާ އާއި އޭޓީކޭ މޯހަން ބަގާން ކުޅޭއިރު، އެރޭ ބެންގަލޫރު ކުޅޭނީ މާޒިޔާއާ އެވެ. އޭގެ ކުރިން މިރޭ 9 ޖަހާއިރު، އޭޓީކޭ އާއި މާޒިޔާ މެޗު އޮންނާނެ އެވެ.