Advertisement

އިންތިހާބުން އަޅުގަނޑު ކަޓުވައެއް ނުލެވޭނެ: އަކްރަމް

21 އޮގަސްޓު 2021 - 10:47 1

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

އިންތިހާބުގައި ވާދަކުރަން އަކްރަމް ފޯމު ހުށަހަޅުއްވަނީ: އޭނާ ވިދާޅުވަނީ އިންތިހާބުން އޭނާއަށް ފުރުސަތު ގެއްލުވައެއް ނުލެވޭނެ ކަމަށް. -- ފޮޓޯ/ އެމްޑީޕީ


އިންތިހާބުން އަޅުގަނޑު ކަޓުވައެއް ނުލެވޭނެ: އަކްރަމް

21 އޮގަސްޓު 2021 - 10:47 1

ސެޕްޓެމްބަރުގައި އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އޭނާއަށް ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމާފައި އޮތަސް ވޯޓު ކަރުދާސްކޮޅުގައި އޭނާގެ ނަން އޮންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް މިދިޔަ އެޕްރީލް 24 ގައި ހުޅުވާލުމުން ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާއްމުކުރީ އަކްރަމްގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ނަން އުނިކުރުމަށް ފަހު އެވެ.

އެއީ، ކުށުގެ ތުހުމަތުވާ މީހުންނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމައި ފާސްކުރި ގަރާރާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެމްޑީޕީގެ ނިންމުން ބަލައިނުގަނެ އަކްރަމް ވަނީ ޕާޓީއަށް މައްސަލަ ހުށަހަޅުއްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުން އޭނާ ކަޓުވާލަން ބަޔަކު ބޭނުންވިޔަސް އެކަން ނުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ. އެއީ، އެމްޑީޕީން ފާސްކޮށްފައިވާ ގަރާރާ ހަވާލާދީ އޭނާއަށް ވާދަނުކުރެވޭނެ ކަމަށް ނިންމެން ނެތުމުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނަން ނެތި އެމްޑީޕީގެ ގައުމީ މަޖިލިސްގެ މާލެ ސިޓީގެ ރައީސް ހޮވުމުގެ އިންތިހާބައެއް ނުބާއްވާނެ. ވޯޓު ކަރުދާސްކޮޅުގައި އަޅުގަނޑުގެ ނަން އޮންނާނެ،" އަކްރަމް ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ނިންމުމަކީ ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވުމެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ހިމެނެ އެވެ.

ތަހުގީގީ އިދާރާތަކުން ހޯދައި މަޖިލީހުން އާއްމުކުރި ލިސްޓުގައި އަކްރަމްގެ ނަން އޮތްއިރު، އޭގައި ބުނެފައި ވަނީ ޖިނާއީ މައްސަލަ ހިންގޭ ވަރަށް ހެކި ނެތުމުން، މަދަނީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

އިންތިހާބުގައި ވާދަނުކުރެވޭނެ ކަަމަށް ނިންމައި އަކްރަމަށް އެމްޑީޕީން ފޮނުވި ސިޓީގައި ބުނެފައި ވަނީ ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އޭނާގެ ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ، ކަމާގުޅުން ހުރި މުއައްސަސާތަކުން ހޯދި މައުލޫމާތުގައި، އަކްރަމްގެ މައްސަލައެއް އޭސީސީން ބަލާ ކަމަށް އަންގާފައިވާތީ ކަމަށް ވެސް ސިޓީގައި އޮތެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އެސެޓް ރިކަވަރީން މައްސަލަ ނުބަލަނީ އޭނާ ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅިގެން ޖިނާއީ ކަމެއް ނެތް ކަން ސާފުވާތީ އެވެ. މަދަނީ ދައުވާއެއް އެކަމުގައި ކުރިއަށް ގެންދަން އޮތަސް އެކަން ކުރެވޭނެ ކަމަަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

އަކްރަމް ތުހުމަތު ކުރައްވާ ގޮތުގައި އެމްޑީޕީގެ އެ ނިންމުމަކީ މާލެ ދާއިރާ ރައީސްކަން ކުރީގެ މޭޔަރު ޝިފާ މުހައްމަދަށް ތަބަބަކަށް ލާފައި ދިނުމެވެ.

"ހަމަ ޓާގެޓްކޮށްގެން ގަރާރު ފާސްކޮށްފައި އޮތީ ޝިފާ ހޮވަންވެގެން،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ޕާޓީއަށް މައްސަލަ ހުށަހެޅުމަށް ފަހު ގާނޫނީ ގޮތުން ވެސް މި މައްސަލައިގައި ކުރަން ޖެހޭ ހުރިހާ ކަމެއް އޭނާ ކުރައްވާނެ އެވެ.

އެމްޑީޕީން ފާސްކުރި ގަރާރުގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބަޔާންކުރާ މީހުން އިތުރުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ޖިނާއީ ބޮޑެތި ކުށްތަކަށް ތުހުމަތުވާ މީހުންނަށް އިންތިހާބުގައި ވާދަނުކުރެވޭނެ އެވެ. އޭގެ ތެރޭގައި މީހަކު މެރުމާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި ޑްރަގް ޓްރެފިކް ކުރުމުގެ ކުށާއި އެންޓި ޓޯޗާގެ ގާނޫނުގައި ބަޔާންކުރާ ކުށްތަކާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއްގައި ހިމެނޭ މީހުން ހިމެނެ އެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފައިވާ ގަރާރުގައިވާ ފަދަ ތުހުމަތެއް ކުރެވޭކަން ޕާޓީއަށް ނޭނގި ވަނިކޮށް، ގައުމީ މަޖިލީހަށް އެ މީހަކު އިންތިހާބު ފަހުން އެކަން އެނގޭ ހިސާބުން ވެސް އެ މެމްބަރަކު ވަކިކުރަން އޮތީ ނިންމައިފަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ސަރުކާރު ކުންފުނިތަކުގެ ބައެއް އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވާދަ ކުރައްވަ އެވެ. ރައީސް ސޯލިހާއި ޕާޓީގެ ރައީސް ނަޝީދާއި ދެމެދު ހިޔާލު ތަފާތުވުން އުފެދި އެކަން ބޮޑުވެފައިވާތީ މި އިންތިހާބުގެ ވާދަވެރިކަން ބޮޑުވާނެ ކަަމަށް ލަފާކުރެވެ އެވެ.

މި އިންތިހާބުގައި ދާއިރާތަކާއި ޕްރޮވިންސްތަކާއި ސިޓީތަކުގެ ރައީސާއި ނައިބު ރައީސުންނާ އެކު ޖުމްލަ 455 މެމްބަރުން ހޮވާނެ އެވެ.