Advertisement

ބެންގަލޫރު ކޯޗަށް ޝެޑިއުލް ކަމަކު ނުދިޔަ

21 އޮގަސްޓު 2021 - 07:49 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ހެންވޭރު ދަނޑުގައި ކުރިއަށް ދިޔަ ޕްރެކްޓިސް ސެޝަނެއްގެ ތެރެއިން ބެންގަލޫރު ކޯޗު މާކޯ ޕެޒޯލީ.-


ބެންގަލޫރު ކޯޗަށް ޝެޑިއުލް ކަމަކު ނުދިޔަ

21 އޮގަސްޓު 2021 - 07:49 0

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް (ގްރޫޕް ޑީ)ގެ މެޗުތައް ސެންޓްރަލައިޒްކޮށް މާލޭގައި ކުރިއަށް ގެންދަން ހަދާފައިވާ ޝެޑިއުލް އޮތީ އެންމެ އިންސާފުވެރި ގޮތަކަށް ނޫން ކަމަށް ބެންގަލޫރުގެ ކޯޗު ޖަރުމަނުގެ މާކޯ ޕެޒޯލީ ބުނެފި އެވެ.

ބެންގަލޫރުން މިއަދު ހަވީރު ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭ އެ ޓީމުން ކުޅޭނެ އޭއެފްސީ ކަޕްގެ ތިން ވަނަ މެޗެވެ. މިއަދުގެ މެޗުގެ ކުރިން ބެންގަލޫރުން ކުޅުނު ދެ މެޗަކީ ގްރޫޕް ސްޓޭޖަށް ވަންނަން މި މަހު 15 ވަނަ ދުވަހު ރާއްޖޭގެ އީގަލްސް އަތުން މޮޅުވި ޕްލޭއޮފް މެޗާއި އޭގެ ތިން ދުވަސް ފަހުން މި މަހު 18 ގައި ގްރޫޕް ސްޓޭޖުގެ ފުރަަތަމަ މެޗުގައި އޭޓީކޭ މޯހަން ބަގާން އަތުން ބަލިވި މެޗެވެ.

މިދިޔަ ބުދަ ދުވަހު އޭޓީކޭ އަތުން ބަލިވި މެޗު ބެންގަލޫރުން ކުޅުނީ ހަވީރު ވަގުތުގަ އެވެ. ހޫނު ގަދަ ވަގުތެއް ކަމަށް ވުމުން އެ ޓީމުގެ ކުޅުމަށް އަސަރުކުރި އެވެ. ގްރޫޕްގެ ދެ ވަނަ މެޗުގައި މިއަދު ބަޝުންދަރާއާ ދެކޮޅަށް ކުޅޭ މެޗު ވެސް ހަވީރު ކުޅެން އޮތުމުން ދެކެނީ ކިހިނެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޕެޒޯލީ ބުނީ މިއީ އެންމެ ރަނގަޅަށް ރޭވިފައި އޮތް ކަމެއް ނޫން ކަމަށެެވެ.

"ހަތަރެއް ޖަހާއިރު މި މެޗުތައް ކުޅުމަކީ އަހަރެން ނިންމި ނިންމުމެއް ނޫން. އޭއެފްސީން އެބަޖެހޭ މި (ޝެޑިއުލް) ހަމަހަމަ ކުރަން. މާޒިޔާ އެ މީހުންގެ ހުރިހާ މެޗެއް ކުޅެނީ ރޭގަނޑު. އަަހަންނަށް އެކަމެއް ބަދަލެއް ނުކުރެވޭނެ. އަހަރެމެން އަނެއްކާ ވެސް މި ޖެެހެނީ ހޫނުގައި ކުޅެން،" ޕެޒޯލީ ބުންޏެވެ.

ބަޝުންދަރާ އިން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ބަންގްލަދޭޝްގެ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ޓީމުން ލީގުގައި ޖުމްލަ 55 ގޯލު ޖެހިއިރު، ބައިކޮޅަށް ވަނީ ވަރަށް މަދު ގޯލެކެވެ. ބަޝުންދަރާ އިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވަނީ މާޒިޔާ 2-0 އިން ބަލިކޮށްފަ އެވެ. އެ ޓީމުން ރަނގަޅު މެޗުތަކެއް ކުޅެފައި ފިޓްކޮށް އޮތަސް މި މެޗުން ބެންގަލޫރަށް ހާސިލްކުރެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށް ޕެޒޯލީ ވަނީ ބުނެފަ އެވެ.

"އެ މީހުން ވަރުގަދަކަން ގަބޫލުކުރަން ޖެހޭ. އެކަމަކު ރަނގަޅަށް ކުޅެގެން ޖާގަ ހޯދައިގެން އަހަރެމެންނަށް ލަނޑު ޖެހިދާނެ. ފުރަތަމަ މެޗުގައި އަހަރެމެންނަށް ނުކުރެވުނު ކަމަކީ ފުރުސަތު ތަނަވަސްކޮށްގެން ގޯލު ޖެހުން. މި މެޗުގައި އެންމެ މުހިއްމު ކަމަކަށް ދެކިގެން އެކަން ކުރެވޭތޯ ބަލާނަން،" ޕެޒޯލީ ބުންޏެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި އަނެއް ބުރަށް ދެވޭނީ ކޮންމެ ގްރޫޕަކުން ވެސް އެއް ޓީމަކަށެވެ. ފުރަތަމަ މެޗުން ބަލިވުމުން އަމިއްލަ ބާރުގައި އަނެއް ބުރަށް ދިއުމުގެ ފުރުސަތު މިހާރު ބެންގަލޫރަށް ނެތެވެ. އެކަމަކު، އޮތް މެތަމެޓިކަލް ފުރުސަތުގެ ބޭނުން ހިފައިގެން އަނެއް ބުރަށްދާން މަސައްކަތްކުރާނަމަ މިއަދު ހަވީރު ބެންގަލޫރުން ބަޝުންދަރާ ބަލިކުރުން މަޖުބޫރެވެ.

ނަތީޖާ ނެރެން ޖެހޭ މެޗަކަށް ނުކުންނައިރު ޕްރެޝަރެއް އޮތްތޯ ސުވާލުކުރުމުން ޕެޒޯލީ ބުނީ އޭނާ ކޮންމެ ކަމެއް ވެސް ދެކެނީ ޕޮޒިޓިވްކޮށް ކަމަށެވެ. އެ ގޮތުން ފުޓްބޯޅަ އަކީ ޕްރެޝަރުތަކެއްގެ ތެރެއަށް ދިއުމަށް ވުރެ ހަމަޖެހިގެން ކުޅޭ ކުޅިވަރެއްކަން ޕެޒޯލީ ވަނީ ފާހަގަކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި ބަޝުންދަރާ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.