Advertisement

ދަނޑު އުނދަގޫވުމުން އޭޓީކޭގެ ގޭމަށް އަސަރުކުރި: އޭޓީކޭ ކޯޗު

18 އޮގަސްޓު 2021 - 19:00 0

އޭޓީކޭގެ ކޯޗު ހާބާސް: ދަނޑު އުނދަގޫވުމުން އެ ޓީމުގެ ގޭމަށް އަސަރުކުރި ކަމަށް ވަނީ ބުނެފައި.


ދަނޑު އުނދަގޫވުމުން އޭޓީކޭގެ ގޭމަށް އަސަރުކުރި: އޭޓީކޭ ކޯޗު

18 އޮގަސްޓު 2021 - 19:00 0

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މިއަދު ކުޅުނު ފުރަތަމަ މެޗުން ބެންގަލޫރާ ދެކޮޅަށް އޭޓީކޭ މޯހަން ބަގާން އިން ބޭނުންވި ގޭމް ނުކުޅެވުނީ ހޫނުގަދަވުމާއި ދަނޑުގެ ހާލަތު އޮތްގޮތުން ކަމަށް އޭޓީކޭގެ ކޯޗު ސްޕެއިންގެ ތަޖުރިބާކާރު ކޯޗު އެންޓޯނިއޯ ލޮޕޭޒް ހަބާސް ބުނެފި އެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅާއި ދެ ވަނަ ހާފްގެ ކުރީކޮޅުގައި ޖެހި ދެ ގޯލުން އޭޓީކޭ އިން ވަނީ 2-0 އިން ބެންގަލޫރު ބަލިކޮށްފަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭޓީކޭގެ ކޯޗު ހާބާސް ބުނީ މިއަދުގެ މެޗު އުނދަގޫވި އެންމެ ބޮޑު ސަބަބަކީ ހަތަރު މަސް ފަހުން ވާދަވެރި މެޗެއްގައި ފުރަތަމަ ފަހަރަށް ކުޅެން ޖެހުނުއިރު، އޭނާގެ ޓީމުން ބޭނުންވާ ގޭމް ކުޅެވޭ ވަރުގެ މާހައުލެއް ނެތުން ކަމަށެެވެ.

"ވަރަށް ގޯސްކޮށް ދަނޑު އޮތީ ހިކިފައި. އެހެންވެ އަހަރެމެންގެ ގޭމަށް އަސަރުކުރި، ދެން ހަތަރެއް ޖަހާއިރު ވަރަށް ހޫނު ގަދަ ވަގުތެއްގައި ފަށަން މި ޖެހުނީ. އަހަރެމެން މި މޮޅު ހޯދީ ރަނގަޅަށް ކުޅެގެން. މި ހާލަތުގައި ވެސް ކުޅުންތެރިން ދެއްކި ކުޅުމާއި ދަނޑުމަތީގައި އުޅުނު ގޮތް ވަރަށް ރަނގަޅު،" ސްޕެއިނުގެ ވެލެންސިއާ އާއި ސެލްޓަ އަށް ކުރިން އިރުޝާދު ދިން ހާބާސް ބުންޏެވެ.

މިއީ ބެންގަލޫރު އަތުން އޭޓީކޭ އިން ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅެވެ. އެންމެ ފަހުން އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) ގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް އޭޓީކޭ ވަނީ މޮޅުވެފަ އެވެ.

ހާބާސް ބުނީ ސުޕަ ލީގުގައި ވެސް ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗުތައް ވަރަށް އުނދަގޫ ކަމަށާއި މި މެޗުގައި ވެސް މޮޅުވެވުނީ ފަސޭހައިން ނޫން ކަމަށެވެ.

"މީގެ މުހިއްމީ ފުޓްބޯޅައިގައި މި ބުނާ ރަނގަޅު ވަގުުތުގައި ހުރިހާ ކަމެއް ކުރުން. އަހަރެމެން މި މެޗުގައި ފެނުނީ އެޓޭކާއި ޑިފެންސްގެ ބެލެންސް ރަނގަޅު ކުރިތަން. އަހަރެމެންގެ ޓީމުން ޓެކްޓިކަލް ޑިސިޕްލިން ހިފެހެއްޓި. އަހަރެމެން ޖެހޭ ބެންގަލޫރަށް އިހުތިރާމް ކުރަން. ފުޓްބޯޅައިގައި ގޯސް ދުވަސް ވެސް އަންނާނެ،" ހާބާސް ބުންޏެވެ.

މެޗަށް ފަހު ބެންގަލޫރުގެ ކޯޗު ޕެޒޯލީ (ކ) އާއި އޭޓީކޭގެ ކްރިޝްނާ ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްސީ


މިއީ ބެންގަލޫރުގެ ކޯޗުކަމާ ހަވާލުވި ޖަރުމަނުގެ މާކޯ ޕެޒޯލީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު މެޗެއްގައި ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޅުނު ދެ މެޗުން ވަނީ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ނޭޕާލްގެ އާމީ ކްލަބާއި ރާއްޖޭގެ އީގަލްސް ބަލިކޮށްފަ އެވެ.

ޕެޒޯލީ ބުނީ އޭނާގެ ނަޒަރުގައި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ބެންގަލޫރުން ކަމަށާއި މައްސަލަ ދިމާވީ ގޯލާ ހަމައަށް ގޮސްފައި ދެން ބެންގަލޫރުގެ ހަމަލާއެއް ވެސް ނުފެނި ގޯލެއް ވެސް ނުޖެހުން ކަމަށެވެ.

"އަހަރެމެން 90 މިނިޓް ޑޮމިނޭޓް ކުރިއިރު ވެސް އެއްވެސް ފުރުސަތެއް ނުލިބޭ ބޭނުންވާ ކަހަލަ. ގޯލާ ހަމައަށް ގޮސްފައި އަހަރެމެންގެ މުޅި ގޭމް މި ގެއްލެނީ. އެހެންވީމަ ދެން ހުރި މެޗުތަކަށް އެބަޖެހޭ ގޯލު ޖެހުމުގެ ކަންކަން ރަނގަޅު ކުރަން،" ޕެޒޯލީ ބުންޏެވެ.

"އެ މީހުން (އޭޓީކޭ އިން) ކުޅުނީ ދިގު ބޯޅަތަކެއް، ދެން އުޅުނީ އަހަރެމެން ލައްވައި ގޯސްތަކެއް ހަދުވަން. އެކަން އަހަރެމެންނަށް ކުރެވުނު. ދެ ވަނަ ހާފްގެ ކުރީކޮޅުގައި އަހަރެމެން ކޮޅަށް ގޯލެއް ވަނުމުން އަހަރެެމެންނަށް ވަރަށް އުނދަގޫވި،"

ފުރަތަމަ މެޗުން ބަލިވުމުން މުބާރާތުގެ އަނެއް ބުރުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ޕެޒޯލީ ދެން ވިސްނާނީ އެ ޓީމަށް ކުރިއަށް އޮތް ބަޝުންދަރާ ކިންގްސް މެޗަށް ކަމަށް ވަނީ ބުނެފަ އެވެ.

ބެންގަލޫރުގައި އޮތް ޒުވާން ޓީމަށް ހަގީގަތުގައި މިއަދު އޭޓީކޭއާ ދެކޮޅަށް ކުޅުނު މެޗުން ޕޮޒިޓިވް ކަންތައްތަކެއް ފާހަގަކުރެވި މުސްތަގުބަލުގައި އޭގެ ބޭނުން ހިފުން މުހިއްމުވާނެ ކަން ޕެޒޯލީ ވަނީ ފާހަގަކޮށްފަ އެވެ.

މުބާރާތުގައި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ކުޅޭނީ ބަޝުންދަރާއާ ދެކޮޅަށެވެ.