Advertisement

ބެންގަލޫރު ބަލިކޮށް ފުރަތަމަ މޮޅު އޭޓީކޭ މޯހަން ބަގާން އަށް

18 އޮގަސްޓު 2021 - 17:53 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ލަނޑު ޖެހުމަށް ފަހު އޭޓީކޭގެ ސުބަޝިސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްސީ


ބެންގަލޫރު ބަލިކޮށް ފުރަތަމަ މޮޅު އޭޓީކޭ މޯހަން ބަގާން އަށް

18 އޮގަސްޓު 2021 - 17:53 0

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އިން އެ ގައުމުގެ ބެންގަލޫރު އަތުން 2-0 އިން މޮޅުވެ، ގްރޫޕްގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މިއީ ބެންގަލޫރު އަތުން އޭޓީކޭ އިން ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅެވެ. އެންމެ ފަހުން އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) ގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް އޭޓީކޭ ވަނީ މޮޅުވެފަ އެވެ.

ބެންގަލޫރުން މި މެޗަށް ނެރުނު ފުރަތަމަ އެގާރަ އަކީ މީގެ ދެ ދުވަސް ކުރިން ޕްލޭއޮފްގައި ރާއްޖޭގެ އީގަލްސް ބަލިކުރި މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރަ ކުޅުންތެރިންނެވެ.

ބެންގަލޫރާއި އޭޓީކޭގެ ފުރަތަމަ އެގާރައިގައި ވެސް އިންޑިއާ ގައުމީ ޓީމަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ހިމެނެ އެވެ. އެ ގޮތުން ދެ ޓީމުގެ ގޯލްގައި ހުރީ އިންޑިއާގެ އެއް ވަނަ އަދި ދެ ވަނަ ގޯލްކީޕަރެވެ. ބެންގަލޫރުގެ ގޯލުގައި ގުރްޕްރީތު ސިންހް ސާންދޫ ހުރިއިރު، އޭޓީކޭ ގޯލު ބަލަހައްޓަން ހުރީ އަމްރިންދަރު ސިންހް އެވެ. އަމްރިންދަރަކީ މި މުބާރާތާ ދިމާކޮށް މުމްބާއީ ސިޓީން ގެނައި ކުޅުންތެރިއެކެވެ.

ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ (މ) އޭޓީކޭގެ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްސީ


މެޗު ފަށައިގެން އޭޓީކޭ އިން ކުރިއަށް ޖެހިގެން ޕްރެސްކޮށްގެން ކުޅެން ފެށި ނަމަވެސް ލިބޭ ފުރުސަތުތަކުގައި ޖާގަ ހޯދައިގެން ބެންގަލޫރުން ވެސް ދިޔައީ އެޓޭކްކުރަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މެޗުގެ 11 ވަނަ މިނިޓްގައި އޭރިއާބޭރުން ބެންގަލޫރުގެ މިޑްފީލްޑަރު ޖަޔޭޝް ރާނޭ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ޖަޔޭޝް އަކީ އީގަލްސް ކޮޅަށް ބެންގަލޫރުގެ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

އޭޓީކޭ އިން މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ މެޗުގެ 20 ވަނަ މިނިޓްގަ އެވެ. އޭއެފްސީ ކަޕާ ދިމާކޮށް އޭޓީކޭ އިން ގެނައި ފްރާންސްގެ މިޑްފީލްޑަރު ހޫގޯ ބޯމަސް ބެންގަލޫރުގެ ޑިފެންސް ތެރެއިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ މަތީ ކަނަށް އަމާޒުކޮށްލަން ޖެހި ބޯޅަ ބެންގަލޫރުގެ ކީޕަރު ގުރްޕްރީތު ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން އޭރިއާތެރެއިން އޭޓީކޭގެ ކެޕްޓަން ރޯއީ ކްރިޝްނާ އަށް ދޭން މަތިން ނަގައިދިން ހުރަސް އޭނާ އަށް ލިބޭ ގޮތެއްނުވި އެވެ.

މެޗުގެ 31 ވަަނަ މިނިޓްގައި ބެންގަލޫރުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ގޮސް ކްރިޝްނާ ހުރަސްކޮށްލި ބޯޅަ އޭރިއާތެރެއިން ބޯމަސް ފޮނުވާލި ނަމަވެސް ކީޕަރު ގުރްޕްރީތު ވަނީ ފައިން އެ ބޯޅަ މަތަކޮށްފަ އެވެ. އޭގެ ފަހުން ކައުންޓަ އެޓޭކުގައި ބެންގަލޫރުގެ އުދަންތާ ސިންގް އަށް ލިބުނު ބޯޅަ ރަނގަޅު ވަގުތުގައި ޕާސް ނުދެވިގެން ފުރުސަތު ގެއްލުނީ އެވެ.

އޭޓީކޭގެ ބެންޗުން ވަނީ މެޗުގެ ފުރަތަމަ ބައިގަނޑިއިރު ނިމުމުން ވޯޓާ ބްރޭކެއް ނުދޭތީ އެކަމާ ވަރަށް ބޮޑަށް ޝަކުވާކޮށްފަ އެވެ. ވޯޓާ ބްރޭކް ނުދޭތީ އެޓީކޭ ކުޅުންތެރިއަކަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާދިން ވަގުތު ވަނީ ވޯޓާ ބްރޭކެއްގެ ގޮތުގައި ބޭނުންކޮށްފަ އެވެ.

އޭޓީކޭގެ ރޯއީ ކްރިޝްނާ (މ) އަތުން ބޯޅަ ހޯދަން ބެންގަލޫރުގެ ދާނިޝް (ކ) އާއި ކިންގް މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްސީ


މެޗުގައި ލަނޑު ޖަހަން އޭޓީކޭ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 39 ވަަނަ މިނިޓްގަ އެވެ. ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅަ އޭޓީކޭގެ އަޔަލެންޑް ކުޅުންތެރިޔާ ކާލް މެކްހިއު ބޮލުން ޖައްސާލުމުން ގޯލު ކުރިމަތީގައި ހުރި ކްރިޝްނާ ވަނީ ބޮލުން ގޯލުގެ ތެރެއަށް އެ ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މިނިޓެއް ވެސް ނުވަނިސް އޭޓީކޭ އިން ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ސުބަޝިސް ބޯސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އޭނާ އަކީ ކުރިން އޭއެފްސީ ކަޕްގައި ބެންގަލޫރަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. ސުބަޝިން ފޮނުވާލި ބޯޅަ ހުއްޓުވަން ކީޕަރު ގުރްޕްރީތު ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ބެންގަލޫރުގެ ކުރިއަށް ކުޅެމުންދިޔަ ބްރެޒިލްގެ ފޯވާޑް ކްލޭޓަން ސިލްވާ އާއި ކެޕްޓަން ސުނިލް ޗެތުރީ އަށް ލިބޭ ބޯޅަތަކުގައި އޭޓީކޭ ޑިފެންޑަރުން ދިޔައީ ވަރަށް ރަނގަޅަށް އެ ކުޅުންތެރިން މާކް ކުރަމުންނެވެ. ދެ ވަނަ ހާފް ފެށިގެން ކުޅުން އަވަސްކޮށް ބެންގަލޫރުން ވެސް ލަނޑެއް ޖެހޭތޯ ބަލަމުންދިޔަ އެވެ. އެ ގޮތުން މެޗުގެ 53 ވަނަ މިނިޓްގައި ކްލޭޓަން ޖެހި ބާރު ބޯޅައެއް ކީޕަރު އަމްރިންދަރު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފަހު 25 މިނިޓަށް ބެންގަލޫރުން ގިނަ ބަދަލުތަކެއް ކުރިއިރު، ސުނިލް ޗެތުރީގެ ބަދަލުގައި ލެއޯން އޮގަސްޓިން ވަނީ ކުޅެން އަރުވައިފަ އެވެ. އޭގެ ފަހުން ވެސް ގިނަ ބަދަލުތަކެއް ކޮށްގެން ބެންގަލޫރުން ލަނޑެއް ޖަހަން ކުރަމުންދިޔަ މަސައްކަތަށް އޭޓީކޭ އިން ވަނީ ހުރަސް އަޅައިފަ އެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.