Advertisement

ފޭވަރިޓަކީ މޯހަން ބަގާން، އޭއެފްސީ ކަޕަކީ އެ މީހުންގެ ޓާގެޓެއް: ބެންގަލޫރު ކޯޗު

18 އޮގަސްޓު 2021 - 06:56 0

ބެންގަލޫރު ކޯޗު މާކޯ ޕެޒޯލީ: އޭނާ ވަނީ ފޭވަރިޓަކީ މޯހަން ބަގާން ކަމަށް ބުނެފައި.


ފޭވަރިޓަކީ މޯހަން ބަގާން، އޭއެފްސީ ކަޕަކީ އެ މީހުންގެ ޓާގެޓެއް: ބެންގަލޫރު ކޯޗު

18 އޮގަސްޓު 2021 - 06:56 0

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާގެ ބެންގަލޫރުން މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރަން ޖެހޭ އެ ގައުމުގެ އޭޓީކޭ މޯހަން ބަގާން އަކީ މެޗުގެ ފޭވަރިޓުން ކަމަށާއި އެ ޓީމުގެ އެއް ޓާގެޓަކީ މި ފަހަރުގެ އޭއެފްސީ ކަޕް ކާމިޔާބު ކުރުން ކަމަށް ބެންގަލޫރުގެ ކޯޗު ޖަރުމަނުގެ މާކޯ ޕެޒޯލީ ބުނެފި އެވެ.

ބެންގަލޫރުން ގްރޫޕް ސްޓޭޖުގެ ޖާގަ ހޯދީ މިދިޔަ އާދިއްތަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި 1-0 އިން ރާއްޖޭގެ ކްލަބް އީގަލްސް ބަލިކުރުމަށް ފަހު އެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕެޒޯލީ ބުނީ އީގަލްސް އަތުން މޮޅުވެ، ގްރޫޕް ސްޓޭޖުގެ ޖާގަ ލިބުމުން ބެންގަލޫރުގެ ރޫހު އޮތީ ވަރަށް ރަނގަޅަށް ކަމަށެވެ.

މިއަދު މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗާއި އީގަލްސް މެޗާ ދެމެދު ލިބުނު ރިކަވަރީ ވަގުތު ވަރަށް ކުރު ނަމަވެސް ޕެޒޯލީ ބުނީ މި ވަގުތު ނެގެޓިވް އެއްވެސް ވިސްނުމެއްގައި ހުންނަން ބޭނުންނުވާ ކަމަށެވެ. އަދި ކުޅުންތެރިންގެ ސިކުނޑީގައި ހަރުލައްވަން މަސައްކަތް ކުރަނީ ވެސް ޕޮޒިޓިވް ވިސްނުން ކަމަށް ޕެޒޯލީ ވަނީ ބުނެފަ އެވެ.

މިދިޔަ ސީޒަނުގެ އިންޑިއަން ސުޕަ ލީގުގައި ބެންގަލޫރު ވަނީ މޯހަން ބަގާނާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. ޕެޒޯލީ ބުނީ ފެންނަން އޮތް ހަގީގަތަށް ބުރަވެ، އެއްޗެއް ބުނާނަމަ މެޗުގެ ފޭވަރިޓަކީ މޯހަން ބަގާން ކަަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕެޒޯލީ ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


"ފޭވަރިޓަކީ އޭޓީކޭ (މޯހަން ބަގާން) އެއީ އެ މީހުން ވަރަށް ފައިސާ ހަރަދުކޮށްފި މި ހިސާބަށް އަންނަން. އެ މީހުން އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގެ އެންމެ މޮޅު ފްރާންސް މިޑްފީލްޑަރު ގެނެސްފި. އެއީ އައިއެސްއެލްގެ އެންމެ ބޮޑު ޓްރާންސްފާ. އެ ކަހަލަ ހަރަދެއް ނުކުރާނެ ބަލިވުން ވަރިހަމަ ވާނެ ޓީމަކުން. އަހަރެން ދެކޭގޮތުގައި އެ މީހުންގެ ޓާގެޓަކީ އޭއެފްސީ ކަޕް. އެއީ ވަރަށް އިންވެސްޓް ކޮށްފި އެ ޓީމުން،" ޕެޒޯލީ ބުންޏެވެ.

ޕެޒޯލީގެ ކޯޗުކަމުގައި މިހާތަނަށް ބެންގަލޫރުން ކުޅުނު ދެ މެޗުގައި ވަނީ މޮޅުވެފަ އެވެ. އެއީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ނޭޕާލްގެ އާމީ ކްލަބް އަތުން 5-0 އިންނާއި ޕްލޭއޮފްގައި އީގަލްސް އަތުންނެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މޯހަން ބަގާންއާ ކުޅޭއިރު އެ ޓީމަށް ވުރެ ޕެޒޯލީ ބޭނުންވަނީ އަމިއްލަ ޓީމަށް ފޯކަސް ކުރާށެވެ.

"އެންމެ ފަހުން އެ މީހުން (މޯހަން ބަގާން) އަތުން ބަލިވިޔަސް މިހާރު މި އޮތީ އާ ޓީމެއް. އާ ކޯޗެއް. ވަރަށް ގިނަ އެހެން ކަންކަން ވެސް ބެންގަލޫރު ޓީމުގައި ބަދަލުވެއްޖެ. އަހަރެމެން ފޯކަސް ކުރަންވީ އަމިއްލަ ޓީމަށް ފުރަަތަމަ މެޗުން ތިން ޕޮއިންޓް ހޯދަން،" ކުރިން ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓްގެ ޓެކްނިކަލް ޑިރެކްޓަރަކަށް މަސައްކަތްކުރި ޕެޒޯލީ ބުންޏެވެ.

ބެންގަލޫރާއި މޯހަން ބަގާންގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ. މި ގްރޫޕުން އަނެއް ބުރަށްދާނީ އެއް ވަނަ ޓީމު އެކަންޏެވެ.

ޕެޒޯލީ ބުނީ އޭނާގެ ނަޒަރުގައި އިންޑިއާގެ ދެ ޓީމުން (މޯހަން ބަގާން އާއި ބެންގަލޫރު) ތެރެއިން ޓީމަކަށް އެއް ވަނަ ހޯދިއްޖެނަމަ އޭގެ މޮޅު ލިބޭނެ އެންމެ ބޮޑު ބަޔަކީ އިންޑިއާގެ ފުޓްބޯޅަ ކަމަށެވެ.

ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ ޕްލޭއޮފްގައި އީގަލްސްއާ ދެކޮޅަށް ކުޅުނީ އަތަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއްވެ ހުރެ ކަމަށާއި އެކަމަކު މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗަށް ޗެތުރީ ފިޓް ކަމަށް ބެންގަލޫރުން ވަނީ ބުނެފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ބެންގަލޫރާއި މޯހަން ބަގާން ކުޅޭ މެޗު ފަށާނީ 16:00 ގަ އެވެ.