17 އޮގަސްޓު 2021 - 08:43 0
މުހައްމަދު ވިޝާމް
ކޮވިޑާހެދި މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ދުވަސްވަރު މަޖިލީހުގެ މާލަން ފަޅަށް. -ފޮޓޯ: މަޖިލިސް
17 އޮގަސްޓު 2021 - 08:43 0
"މިއަދު މި މަޖިލީހަށް ހުށަހެޅިފައި މި އޮތް ބިލާ ބެހޭ ގޮތުން އެއްޗެއް ދަންނަވާލުމުގެ ކުރިން އިއްޒަތްތެރި ރައީސް، އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުން......"
އެއީ ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަޑުއަހާ މީހަކަށް ވަރަށް ފަރިތަ ޖުމްލައަކަށް ވާނެ އެވެ. ގިނަ މެމްބަރުން ބަހުސް ފެށުމަށް ބޭނުންކުރައްވާ ރޭވުންތެރި އުކުޅެކެވެ. އަޑުއަހާ މީހަކަށް ހީވާނީ މައުލޫއިން ބޭރުންވިޔަސް މުހިންމު ނުކުތާއެއް ފާހަގަކޮށްލައްވަން އުޅުއްވާ ކަމަށެވެ.
އެކަމަކު ގިނަ ފަހަރު ބަހުސްކުރެވެމުންދާ ބިލާ ބެހޭ ގޮތުން އެއްޗެއް "ދަންނަވާލާ" ވަގުތެއް ނުޖެހެ އެވެ. ކަނޑައެޅިފައި ވަގުތު ހަމަވެގެން މައިކު ކަނޑާލަންދެން ދައްކަވާނީ ހުށަހެޅިގެން އުޅޭ ބިލަކާ ނޫނީ މައްސަލައަކާ އެއްވެސް ގުޅުމެއް ނެތް ވާހަކަތަކެވެ. އެއިރެއްގައި އެންމެ ހޫނުކޮށް އޮތް ސިޔާސީ ކޯޅުމެއްގެ ތެރެއަށް ތެޔޮކޮޅެއް އޮއްސާލަފާނެ އެވެ. ނޫނީ ހޯއްދަވާނީ އެހެން މެމްބަރަކު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވުމުގެ ފުރުސަތެކެވެ.
އޭގެ ވަރަށް ކުޑަކުޑަ މިސާލެކެވެ. މަސް ދުވަހަށް ވުރެ ދިގު ޗުއްޓީއަކަށްފަހު އިއްޔެ ބޭއްވުނު ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ބަހުސަށް ހުޅުވައިލީ އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާބެހޭ ބިލެވެ. ރައްޔިތުން އޭގެ މައްޗަށް އަމަލުކުރުން ލާޒިމުވާ މުހިންމު ބިލެކެވެ. ނުކޮށްފިނަމަ ބޮޑު ޖޫރިމަނާތަކެއް ވެސް ހިމަނާފައިވާ ބިލެކެވެ.
އެކަމަކު ބަހުސް ދިޔައީ ގާދޫކޮލުން ވެސް ބޭރުން މުޅީން އެހެން ދިމާއަކަށެވެ. ރިޔާސަތަށް އޮޅުވާލުމުގެ ނިޔަތުގައި މައުލޫއިން ބޭރުކޮށްލެއްވީ ވަރަށް ހިކުމަތްތެރިކޮށެވެ. އެ ބިލުގެ އެންމެ މުހިންމު ކަމަކީ "ދިރިހުރުމުގެ ހައްގު" ކަމަށް ވިދާޅުވުމާއެކު ބަހުސް އަނބުރާލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަންދިން ޓެރަރިސްޓު ހަމަލާއާ އެވެ. ޖަލްސާ ފެށުމުގެ ކުރިން އެމަނިކުފާނު މަޖިލީހަށް ފޮނުއްވި ސިޓީއަށެވެ.
އެއީ ހަމަ ހަގީގަތުގައި ވެސް މަޖިލީހުގެ ތަޅުމުގައި ކަން ހިނގާ ގޮތެވެ. ކޮންމެ ބިލެއް ނޫނީ މައްސަލައެއް އެޖެންޑާގައި އޮތަސް، ބަހުސްގައި މެމްބަރުން ދައްކަވަނީ ހިތަށް އެރި ވާހަކައެކެވެ. މަޖިލީހަށް އާންމުކޮށް ބިލުތައް ހުށަހަޅަނީ ސަރުކާރުން ކަމަށްވާއިރު، އެ ބިލުތަކަށް ހަރުދަނާކޮށް ފާޑުކިޔުމުގެ އެންމެ ފުރަތަމަ ޒިންމާ އޮންނާނީ އިދިކޮޅަށެވެ. އެކަމަކު ގިނަ ފަހަރު އެކަން އެ މަގުން ނުހިނގަ އެވެ. އިދިކޮޅު މެމްބަރުން ކުރައްވާ ބަހުސް ގޮސް ގުޅެނީ ސިޔާސީ ކަންކަމާ އެވެ. ނޫނީ އިދިކޮޅު ލީޑަރު ޖަލުން މިނިވަންކުރުމަށް ގޮވާލުމާ އެވެ.
އެކަން ހުއްޓުވުމުގެ ބާރު މަޖިލީހުގެ ގަވައިދުން ލިބިދީފައިވާ ރިޔާސަތުން ވެސް އަޅާލާ ތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި، މައުލޫއާ ނުގުޅުނަސް ރިޔާސަތުން ރުހޭ ވާހަކަތަކަށް ހިތްވަރު ދެއްވައި އެކަމަށް ފޯރި ދެއްވާ މަންޒަރު ވެސް ދަނީ ފެންނަމުންނެވެ.
މެމްބަރުން މައުލޫއިން ބޭރުން ވާހަކަ ދައްކަވާ މައްސަލަ އެންމެ ބޮޑަށް ފާހަގަކުރައްވާ އެއް ބޭފުޅަކީ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަދި މަޖިލީހުގެ ގަވައިދު ކޮމިޓީގެ މުގައްރިރު އަހުމަދު އާމިރެވެ. މަޖިލީހުގެ ގަވައިދާ އެއްގޮތަށް އެކަން ހުއްޓުވައި ދިނުމަށް އޭނާ ތަކުރާރުކޮށް ރިޔާސަތުގައި ޝަކުވާ ކުރައްވަ އެވެ.
އޭނާ ވިދާޅުވާ ގޮތުގައި ގާނޫނުތައް ހެދުމަކީ މަޖިލީހުގެ މައިގަނޑު މަސްއޫލިއްޔަތަށްވާއިރު، އެ ބިލުތައް ފާސްކުރެވޭއިރު، ރަނގަޅަށް ދިރާސާކުރެވި، އިލްމީ ބަހުސްތަކެއް ކުރެވެންޖެހެ އެވެ. އެއީ ގާނޫނުތައް އެންމެ ފުރިހަމަކުރުމުގެ އިތުރުން، އެ ބިލަކާބެހޭ ރަނގަޅާއި ނުބައި ރައްޔިތުންނަށް ތިލަކޮށްދިނުމުގެ ޒިންމާ މެމްބަރުންގެ ކޮނޑުގައި އެޅިފައި އޮތުމުންނެވެ.
ނަމަވެސް މަޖިލީހުގައި ތިން ވަނަ ދައުރެއް ފުރިހަމަކުރައްވަމުން ގެންދަވާ އާމިރު ވިދާޅުވި ގޮތުގައި މިއީ ވަކި 19 ވަނަ މަޖިލީހަށް އެކަނި ހާއްސަ މައްސަލައެއް ނޫން ކަމަށެވެ.
ހަގީގީ މައްސަލަ ނުކުންނަނީ، އާމިރު ގަބޫލުކުރައްވާ ގޮތުގައި މަލްޓި ޕާޓީ ރިޔާސީ ނިޒާމެއްގެ ތެރެއިން މަޖިލީހުގެ މަސައްކަތްތައް ޕާޓީ ފިކުރާ އެއްގޮތަށް ކުރިއަށް ގެންދަންޖެހޭތީ އެވެ.
"ވަރަށް ގިނަ ފަހަރު މެމްބަރުން ބޭނުންވެގެންވެސް އެބަހުރި ބިލްތަކަށް ވާހަކަ ނުދެއްކި. ޕާޓީން ވަކި ގޮތަކަށް ލައިން އަޅާފައިވާތީ. އަޅުގަނޑު ގާތުގައި ވެސް ބައެއް މެމްބަރުން އެބަހުރި ވިދާޅުވެފަ ތިމަންނާ ވަރަށް ބޮޑަށް ބޭނުންވިޔޭ އެ ބިލަށް ވާހަކަ ދައްކަން. އެކަމަކު ކީއްހޭ ކުރާނީ؟،" އާމިރު ވިދާޅުވި އެވެ.
އެއީ ހައްލެއް ހޯދަންޖެހޭ މައްސަލައެއްކަމަށް އޭނާ ވިދާޅުވެ އެވެ. ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތަށް ބިލަކާބެހޭ ގޮތުން ކޮންމެ މެމްބަރަކަށް ވެސް މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުސަތު އޮންނަންޖެހޭނެ އެވެ.
ދެން އާމިރު ފާހަގަކުރައްވާ އަނެއް ނުކުތާއަކީ މަޖިލީހުގެ މެމްބަރުންނަށް ދެއްކޭ ވާހަކަތަކާ ގުޅިގެން ގާނޫނުއަސާސީގެ ދެ މާއްދާއެއްގައި އޮތް ފުށުއެރުމެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރަންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެމްބަރަކު އެ މީހެއްގެ ނުވަތަ އެމީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ އެވެ. އަދި އެ ބައި މީހުން، އެ ބައި މީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލު ކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާއަތްކުރަންވާނެ އެވެ.
މަޖިލީހުގެ މެމްބަރުން އަމަލުކުރަންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށް ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެކަން ގިނަ މެމްބަރުން ހަނދާން ނައްތާލާކަމަށް އާމިރު ވެސް ވިދާޅުވެ އެވެ.
އޭގެ ބަދަލުގައި، ގިނަ މެމްބަރުން ބަހުސްގައި ބޭނުންކުރައްވަނީ ގާނޫނުއަސާސީން ލިބިދީފައިވާ އިމްތިޔާޒް ކަމެވެ.
ަރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެމްބަރަކު ނުވަތަ އެ ނޫންވެސް މީހަކު، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅު ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެ މީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދައުވާއެއްކޮށް ހަދައިގެން ނުވާނެ އެވެ.
އާމިރު ވިދާޅުވާ ގޮތުގައި، މެމްބަރުންނަށް ލިބޭ އިމްތިޔާޒްތަކުގެ މަފްހޫމް ކަމުގައި ބަލަންވާނީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ފުށުނާރާ ގޮތަށެވެ. އެގޮތުން، ރައްޔިތުންގެ މައްޗަށް އަމަލުކުރުން ލާޒިމުވާ ގާނޫނުތައް ފާސްކުރާއިރު، މެމްބަރުން އެންމެ އިސްކަމެއް ދޭންޖެހޭނީ އެ މާއްދާއަށް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ. ބަހުސްގައި ވާހަކަ ދައްކަންޖެހޭނީ އެ މާއްދާގެ ރޫހާ އެއް ގޮތަށް ކަމަށް އާމިރު ގަބޫލުކުރައްވަ އެވެ.
އިލްމީ އަދި ހަރުދަނާ ބަހުސްތައް ތަޅުމުގައި އަޑުއިވިގެންނުދާ އަނެއް މައްސަލައަކީ އާމިރު ވިދާޅުވާ ގޮތުގައި، ބަހުސްގައި ދައްކާ ވާހަކަތަކަށް ކޮމިޓީ މަރުހަލާގައި ރިއާއަތްނުކުރުމެވެ. ހާއްސަކޮށް ވަކި މެމްބަރަކު ނޫނީ ވަކި ޕާޓީއަކަށް ނިސްބަތްވާތީ ކިތަންމެ ރަނގަޅު ވާހަކައެއް ބަހުސްގައި ދެއްކިޔަސް، އެކަމަށް ބިލު ދިރާސާކޮށް، އިސްލާހުކުރާއިރު ކޮމިޓީތަކުން ރިއާއަތްނުކުރާތީ އޭނާ ކަންބޮޑުވުންފާޅުކުރެއްވި އެވެ.
"މަޖިލީހުގެ ގަވައިދުގައި ވެސް އެބަ ބުނޭ ބަހުސްގައި ދައްކާ ވާހަކަތަކަށް ކޮމިޓީން ރިއާއަތްކުރަންޖެހޭނެ ކަމަށް. އެކަމަކު އެހެނެއް ނުވޭ. ގިނަ ފަހަރު ވަކި މީހަކު ދެއްކީތީ އެ ކަމަށް އަޅާނުލާ އެބަހުރި. މަޖިލީހަށް ހުށަހެޅޭ ބިލުތަކުގައި ވެސް ހަމަ އެގޮތަށް ވެފައި އެބަހުރި،" އާމިރު ވިދާޅުވި އެވެ.
މި މައުލޫގައި ގިނަ ބަޔަކު ބުނާނީ މިހެންނެވެ. ސިޔާސީ މީހުން ދައްކާނީ ސިޔާސީ ވާހަކަ އެވެ. އޭގައި މައްސަލައަކީ ކޮބާ ހެއްޔެވެ؟
އެ ސުވާލަށް ޖަވާބު ދެއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.
އުޝާމް ވިދާޅުވި ގޮތުގައި މަޖިލީހުން ފާސްކުރުމުން، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ގާނޫނަކަށްވާ ހިސާބުން އެ ގާނޫނުތައް ދަނީ ޝަރުއީ ކޯޓުތަކެވެ.
އެ ގާނޫނުތަކުގެ ދަށުން ހުކުމްތައް ކުރާއިރު، ގާނޫނުތައް މާނަކުރުމުގައި މަޖިލީހުގެ މެމްބަރުން ޖަލްސާ އާއި ކޮމިޓީގައި ދައްކާ ވާހަކަތަކަށް ކޯޓުތަކުން ރިއާއަތްކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ކޯޓުތަކުން ގާނޫނުތައް މާނަކުރާއިރު އެބަ ބުނޭ މެމްބަރުން މަޖިލީހުގައި ދައްކާ ވާހަކަތަކަށް ރިއާއަތްކުރަންޖެހޭނެ ކަމަށް. އޭގެ މައްޗަށް ބިނާކޮށް މި ބުނަނީ މިވެނި ގާނޫނެއްގެ މަފްހޫމަކީ ނޫނީ ރޫހަކީ މިއީ އޭ،" އޭނާ ވިދާޅުވި އެވެ.
އުޝާމް ވެސް ފާހަގަކުރެއްވި ފަދައިން، ގާނޫނުތައް މާނަކުރުމުގައި މީގެ ކުރިން ސުޕްރީމް ކޯޓުން ވެސް ބިލު ފާސްކުރުމުގެ ކުރިން މެމްބަރުން ދެއްކި ވާހަކަތަކަށް ރިއާއަތްކޮށްފައި އެބަހުއްޓެވެ.
ކަން މިހެން އޮތް އިރު، މަޖިލީހަށް ހުށަހެޅޭ ބިލަކާ ބެހޭގޮތުން އިލްމީ ގޮތުން ދައްކާ ވާހަކަތަކަށް މުހިންމު ވަނީ އެ ސަބަބާ ހެދި އެވެ.
ނަމަވެސް، މައުލޫއިން ބޭރުން މެމްބަރުން ވާހަކަ ދައްކަމުން ގެންދަނީ، އުޝާމް ތުހުމަތު ކުރައްވާ ގޮތުގައި ރިޔާސަތުން އެ ޖާގަ ދޭތީ އެވެ.
1. އިސްލާމްދީނުގެ އަސްލަކާ ހިލާފުވާގޮތަށްް ދައްކާ ވާހަކައަކަށް ވުން. ް2. މަޖިލީހުގައި ވާހަކަ ދެއްކުމުގެ އަދަބުތައްް ކަމަށްް މި ގަވާއިދުގައި ބަޔާންކުރާ ކަމަކާ ތައާރުޒުވާ ގޮތަށް ދައްކާ ވާހަކައަކަށް ވުން. ް3. އެޖެންޑާގައި ހިމެނިގެންވާ ކަމަކާ ގުޅުމެއްނެތްް ގޮތަށްް ދައްކާ ވާހަކައަކަށް ވުން.
މަޖިލީހުގެ ގަވައިދުގައި އެ ޖާގަ ނުދެވޭ މާއްދާ ފުރިހަމައަށް ތަންފީޒުކޮށްގެން މެނުވީ، މި މައްސަލައަށް ހައްލެއް ނާންނާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
މަޖިލީހުގައި މެމްބަރުން ދައްކާ ވާހަކަތަކަކީ ގިނަ ބަޔަކަށް ބޮޑު ޖޯކަކަށް އޮންނަނީ ވެފަ އެވެ. ބައެއް ފަހަރު އެއީ ސިޔާސީ ޕޮއިންޓު އެއްކުރަން އޮންނަ ޖަގަހައަކަށްވެ އެވެ.
އެކަމަކު ދެއުޅިއެއް ނުވާ ވާހަކަތަކަކަށް ވުރެ، ބިލްތަކާ ގުޅޭގޮތުން މަޖިލީހުގައި ކުރިއަށްދާ ބަހުސްތައް މިހާރަށް ވުރެ އެތައް ގުނައެއް ހަރުދަނާވާންޖެހެ އެވެ. އިލްމީ ގޮތުން އެ ބިލުތައް ދިރާސާކުރެވެންޖެހެ އެވެ. ކޯޓުތަކުން މާނަކުރުން އެކަންޏެއް ނޫނެވެ. މަޖިލީހުން ހަދާ ގާނޫނުތަކަށް ރައްޔިތުން އަމަލުކުރަން ލާޒިމުވާއިރު، ރައްޔިތުން ވޯޓުދީގެން ހޮވާފައި ތިބޭ މެމްބަރުން އެ ގާނޫނުތަކުގައި ހުރި އެއްޗެއް ތިލަކޮށްދޭންޖެހެ އެވެ.
ގާނޫނުއަސާސީގައި މަތިކޮށްފައިވާ ޒިންމާއާ އެއްގޮތަށެވެ. ހަމައެކަނި ޕާޓީގެ މަސްލަހަތަކަށް ނޫނެވެ. ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކަ އެވެ.
"ބިލާ ބެހޭ ގޮތުން އެއްޗެއް ދަންނަވާލުމުގެ ކުރިން" ޕާޓީ ވިޔަސް ނޫނީ ލީޑަރު ރުއްސާ ގޮޅީގައި ފާހަގަ ޖެއްސުވުމަށްފަހު، އެ މެމްބަރެއްގެ ގާބިލިއްޔަތު ހުރި މިންވަރަކުން އެ ބިލަކަށް ކޮންމެވެސް އެއްޗެއް ވިދާޅުވުމަކީ މުސާރަ ހަލާލުވެއްޖެކަމުގެ އިހުސާސް ވެސް ކުރެއްވޭނެކަމެއް ކަމުގައި ޔަގީނެވެ.
Comment