Advertisement

ދެކުނު އެމެރިކާގެ ކޮލިފައިން މެޗުތައް ރޭވި ގޮތް ކްލަބްތަކަށް ގޯސްވެއްޖެ

17 އޮގަސްޓު 2021 - 08:40 0


ދެކުނު އެމެރިކާގެ ކޮލިފައިން މެޗުތައް ރޭވި ގޮތް ކްލަބްތަކަށް ގޯސްވެއްޖެ

17 އޮގަސްޓު 2021 - 08:40 0

ޕެރިސް (އޮގަސްޓް 17) - ދެކުނު އެމެރިކާގެ ގައުމުތަކުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް އަންނަ މަހާއި އޮކްޓޫބަރު މަހުގައި ކުޅެން ރޭވި ގޮތުން ވޯލްޑް އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް ފުޓްބޯލް ލީގްސް (ޑަބްލިއުއޭޕީއެފްއެލް) އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކަމަށްވާ ކޮންމެބޯލް އިން މާޗް މަހު ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅެން ތާވަލުކުރި ނަމަވެސް އޭރު ކޮވިޑްގެ ސަބަބުން ހާލަތު ހުރި ގޮތުންނާއި ދިމާވި ކަންތައްތަކެއްގެ ސަބަބުން އެންމެ މެޗެއް ވެސް ނުކުޅެވުނެވެ. އެ މެޗުތައް ފަސްކުރަން ކޮންމެބޯލް އަށް މަޖުބޫރުވީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ދެކުނު އެމެރިކާ ގައުމުތަކުން ހަދާފައިވާ ކަރަންޓީނުވުމުގެ އުސޫލުތަކާ ހެދި ޔޫރަޕްގައި ކުޅޭ ދެކުނު އެމެރިކާގެ ގައުމުތަކުގެ ކުޅުންތެރިން ގައުމީ ޓީމުތަކަށް ރިލީސް ކުރަން ކްލަބްތަކުން ދެކޮޅު ހަދާތީ އެވެ.

އޭރު ކޮވިޑްގެ ހާލަތު އޮތްގޮތުން ކްލަބްތަކުން ބޭނުންނުވާ ނަމަ ގައުމީ ޓީމަށް ކުޅުންތެރިން ރިލީސް ނުކުރުމުގެ އިހުތިޔާރު އޮވެ އެވެ. އެއީ ކޮވިޑާ ގުޅިގެން ވަގުތީ ގޮތުން އަމަލުކުރަން ފީފާ އިން ކަނޑައެޅި އުސޫލެއްގެ ދަށުންނެވެ. އެކަމަކު، މިހާރު އެ އުސޫލަށް އަމަލުކުރުން ހުއްޓާލާފައިވާއިރު، އަންނަ މަހާއި އޮކްޓޫބަރު މަހުގައި ކުޅެން އޮތް މެޗުތަކަށް ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ކްލަބްތަކަށް މަޖުބޫރުވާނެ އެވެ.

ކޮންމެބޯލް އިން ހަދާފައިވާ ކޮލިފައިންގެ އާ ޝެޑިއުލްގައިވާ ގޮތުން އަންނަ މަހު ތިން މެޗު އަދި އޮކްޓޫބަރު މަހު ވެސް ތިން މެޗު ކުޅެން ޖެހޭނެ އެވެ. މީގެ ކުރިން ކުޅެން ޖެހޭނީ ކޮލިފައިންގައި އެ ދެ މަހުން ކުރެ ކޮންމެ މަހެއްގައި ދެ މެޗެވެ. އެކަމަކު، މާޗް މަހުގެ މެޗުތައް ނުކުޅެވިގެން ފަސްކުރަން ޖެހުނު މެޗުތައް ލައިގެން އަންނަ މަހާއި އޮކްޓޫބަރުގައި ކޮންމެ މަހަކު ތިން މެޗު ކުޅެން ޖެހޭނެ އެވެ. މިއީ ޔޫރަޕުން ދަތުރު ކުރުމަށް ފަހު މެޗު ކުޅެން ޖެހޭ ކުޅުންތެރިންނަށް ބޮޑު ތަކުލީފެކެވެ.

ޔޫރަޕްގެ 40 އަށް ވުރެ ގިނަ ގައުމުތަކުގެ ލީގު ތަމްސީލްކުރާ ޑަބްލިއުއޭޕީއެފްއެލް އިން ބުނީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ވެސް ފީފާ އިން ދެކުނު އެމެރިކާގެ ކޮލިފައިންގެ މި މެޗުތައް ކުޅެން މި ކަނޑައެޅި ތާރީހުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ.

"ކުޅުންތެރިންގެ ސިއްހަތަށް ބަލަން ޖެހޭ ކަމަށް ފީފާ އިން ބުނާއިރު މި ޝެޑިއުލް މި އޮތީ އެހެނެއް ނޫން. ސެޕްޓެމްބަރާއި އޮކްޓޫބަރުގައި ކޮންމެ މަހެއްގައި ކުރު މުއްދަތެއްގެ ތެރޭ ތިން މެޗު ކުޅެފައި ދަތުރުކުރަން ޖެހޭ ގޮތަށް މި އޮތީ. އިތުރަށް ތިން ދުވަސް ދީފައި އޮތް ނަމަވެސް އެއީ އެކަށީގެންވާ ވަގުތު ކަމަށް ނުފެނޭ. މިއީ ކުޅުންތެރިންގެ ސިއްހީ ކަންކަމަށް އެންމެ އެކަށޭނެ ގޮތަކަށް އޮތް ޝެޑިއުލެއް ނޫން،" ޑަބްލިއުއޭޕީއެފްއެލްގެ އޮފިޝަލަކު މީޑިއާ އަށް ބުނެފައިވެ އެވެ.

ޑަބްލިއުއޭޕީއެފްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓީނުވާން ޖެހޭ ގޮތަށް އޮންނަ އުސޫލާ މެދު ފީފާ އިން ރަނގަޅު ހައްލެއް ނުހޯދައިދީފިނަމަ ކްލަބްތަކުން ކުޅުންތެރިން ދޫކުރަން ދެކޮޅު ހަދާނެ ކަމަށެވެ. އެ ގޮތަށް ދިމާވާ ކަމެއްގައި ޑަބްލިއުއޭޕީއެފްއެލް އިން އެ ކްލަބްގެ ހައްގުގައި ކުރަން ޖެހުނު ކަމެއް ކުރާނެ ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.

ކޮވިޑް-19ގެ ހާލަތާއި އެކި ސަބަބުތަކާ ހުރެ މިދިޔަ ޖޫން މަހު އާޖެންޓީނާ އާއި ކޮލަމްބިއާގައި ބާއްވަން މަސައްކަތްކުރި ކޮޕަ އެމެރިކާ ކުރިއަށް ގެންދިޔައީ ފަހު ވަގުތު ބްރެޒިލްގަ އެވެ. ފައިނަލުގައި ބްރެޒިލް ބަލިކޮށް އާޖެންޓީނާ އިން ވަނީ ގިނަ އަހަރުތަކެއް ފަހުން ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގެ އެއް ވަނައިގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެގެން 18 ޕޮއިންޓާ އެކު އޮތީ ބްރެޒިލް އެވެ. ދެ ވަނައިގައި އޮތް އާޖެންޓީނާ އަށް ހަ މެޗުން ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.

ދިހަ ޓީމު ވާދަކުރާ ދެކުނު އެެެމެރިކާގެ ކޮލިފައިން ބުރުގައި ވޯލްޑް ކަޕަށް ކޮލިފައިވާނީ ގަދަ ހަތަރެކެވެ. ފަސް ވަނަ އަށް ނިންމާ ޓީމެއް ޖެހޭނީ ކޮލިފައިން ޕްލޭއޮފެއް ކުޅޭށެވެ. މި ވަގުތު ތިން ވަނައިގައި އޮތީ އެކުއެޑޯ އެވެ. އަދި ހަތަރެއްގައި އުރުގުއޭ އޮތްއިރު، ޕްލޭއޮފްގެ މަގާމުގައި އޮތީ ކޮލަމްބިއާ އެވެ.