11 ޖޫން 2025 - 12:56 0
ޕެރަގުއޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބްރެޒިލްގެ ވިނީޝިއަސް އުފާ ފާޅުކުރަނީ.
11 ޖޫން 2025 - 12:56 0
ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު ކަމުގައި ކާލޯ އަންޗެލޯޓީ ހޯދި ފުރަތަމަ މޮޅާއެކު ޕެރަގުއޭ 1-0 އިން ބަލިކޮށް އަންނަ އަހަރު އުތުރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް އެ މުބާރާތުގެ އެެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލްއިން ކަށަވަރުކޮށްފި އެވެ.
އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރަނގަޅު ހަމަލާތަކެއް ބްރެޒިލްއިން އުފެއްދި އެވެ. އެ ޓީމު މެޗުން މޮޅުވި ހަމައެކަނި ލަނޑު މެޗުގެ 44 މިނެޓުގައި ޖަހައިދިނީ ރެއާލް މެޑްރިޑްގެ ވިންގަރު ވިނީޝިއަސް ޖޫނިއާ އެވެ.
ދެވަނަ ހާފުގައި ވެސް ބްރެޒިލްއިން ރަނގަޅު އެޓޭކުތަކެއް ކުރި އެވެ. މި ހާފުގައި އެންމެ ނުރައްކާ ފުރުސަތެއް ލިބުނީ ރަފީންޔާ އަށެވެ. އެ ހަމަލާގެ ހުރަހަކަށްވީ ޕެރަގުއޭގެ ކީޕަރު ރޮބާޓޯ ފަނާންޑޭޒް އެވެ.
މިއީ އޭސީ މިލާން އަދި ރެއާލް މެޑްރިޑްގެ ކޯޗު ކަމުގައި ގިނަ ކާމިޔާބުތަކެއް ހޯދި އަންޗެލޯޓީގެ އިރުޝާދުގެ ދަށުން ބްރެޒިލް ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ގައުމުން ބޭރުގައި އިކުއެޑޯއާ 0-0 އިން ވީ އެއްވަރެވެ. ބްރެޒިލްއަކީ ކާލޯ އަންޗެލޯޓީ ކޯޗުކަން ކޮށްދޭ ފުރަތަމަ ނެޝަނަލް ޓީމެވެ.
އުރުގުއޭ އިން 2-0 އިން ވެނެޒުއޭލާ ބަލިކުރުމާ އެކު ބްރެޒިލް އާއި އިކުއެޑޯއަށް ވެސް ވަނީ ވޯލްޑް ކަޕްގެ ޖާގައެއް ޔަގީންވެފަ އެވެ. 1930 އިން ފެށިގެން ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ބްރެޒިލްއިން ވަނީ ކުޅެފަ އެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕަކީ ބްރެޒިލް ދުނިޔޭގެ އެންމެ ބޮޑު ފުޓްްބޯޅަ މުބާރާތުގައި ވާދަކުރާ 23 ވަނަ ފަހަރެވެ.
ދެކުނު އެމެރިކާ ކޮލިފައިންގެ އެއްވަނައިގައި ޑިފެންޑިން ޗެމްޕިއަން އާޖެންޓީނާ 35 ޕޮއިންޓާ އެކު އޮތްއިރު ދެވަނައިގައި 25 ޕޮއިންޓާ އެކު އޮތީ އިކުއޭޑޯ އެވެ. ބްރެޒިލް އަށްވެސް 25 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ތިންވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.
ހަތަރުވަނައިގަ އޮތް އުރުގުއޭ އަދި ފަސްވަނައިގައި އޮތް ޕެރަގުއޭއަށް ވެސް ލިބިފައި ވަނީ 24 ޕޮއިންޓެވެ. ހަވަނައިގައި 22 ޕޮއިންޓާ އެކު ކޮލޮމްބިއާ އޮތްއިރު 18 ޕޮއިންޓާއެކު އޮތީ ވެނެޒުއޭލާ އެވެ.
ދެކުނު އެމެރިކާ ކޮލިފައިންގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަ ޓީމަށް ވޯލްޑް ކަޕްގެ އޮޓެމެޓިކް ޖާގަ ލިބޭނެ އެވެ. ހަތްވަނަ ޓީމު ކުޅެން ޖެހޭނީ އެހެން ބައްރުތަކުގެ ޓީމުތަކާ އެކު ކޮލިފިކޭޝަން ބުރެއްގަ އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕް އޮންނާނީ ކެނެޑާ، އެމެރިކާ އަދި މެކްސިކޯގަ އެެވެ. އެހެން އަހަރުތަކާ ހިލާފަށް އަންނަ އަހަރުގެ މުބާރާތުގައި 48 ގައުމެއް ވާދަކުރާނެ އެވެ.
Comment