Advertisement

މަހްލޫފާއި އަކްރަމްގެ ނަން އުނިކޮށް އެމްޑީޕީގެ އިންތިހާބުގެ ލިސްޓު އާއްމުކޮށްފި

17 އޮގަސްޓު 2021 - 00:26 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

މަހްލޫފާއި އަކްރަމް: އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ދެ ބޭފުޅުންނަށް ވަނީ ފުރުސަތު ގެއްލިފައި.


މަހްލޫފާއި އަކްރަމްގެ ނަން އުނިކޮށް އެމްޑީޕީގެ އިންތިހާބުގެ ލިސްޓު އާއްމުކޮށްފި

17 އޮގަސްޓު 2021 - 00:26 0

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ނަން އުނިކޮށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ލިސްޓު އެ ޕާޓީން މިރޭ އާއްމުކޮށްފި އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ކުރިން ނިންމާފައި އޮތީ، މެއި 29 ގަ އެވެ. އެކަމަކު ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން އިންތިހާބު އޮތީ ސެޕްޓެމްބަރު މަހަށް ފަސްކޮށްފަ އެވެ.

އެމްޑީޕީން މިރޭ ވަނީ ދާއިރާތަކުގެ އިންތިހާބަށް މިދިޔަ އެޕްރީލް 24 ގައި ހުޅުވާލުމުން ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާއްމުކޮށްފަ އެވެ.

އެ ލިސްޓުގައި، ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސަށް ވާދަކުރައްވަން ނިންމެވި މަހްލޫފްގެ ނަމެއް ނެތެވެ. މީގެ އިތުރުން މާލެ ދާއިރާގެ ރައީސް ކަމަށް، ކުރީގެ މޭޔަރު ޝިފާ މުހައްމަދާ ވާދަކުރައްވާ އަކްރަމްގެ ނަމެއް ވެސް ނެތެވެ.

ހުޅުމާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރާ މުހައްމަދު ނޫރައްދީން (ނޫރޭ)އަށް ވެސް އިންތިހާބުގެ ފުރުސަތު އޮތީ ގެއްލިފަ އެވެ. އޭނާއަކީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލި ދެ މީހުންގެ ތެރެއިން އެކަކެވެ.

މަހްލޫފާއި އަކްރަމްގެ ނަން ކެންޑިޑޭޓުންގެ ލިސްޓުން އުނިކުރިއިރު، ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން އޮތީ ފާސްކޮށްފަ އެވެ.

އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ވެސް އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

މީގެ އިތުރުން، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދޭން އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުން ވެސް ހިމެނެ އެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލައިދޭން ޕީޖީ އަށް އޮތީ ފޮނުވައިފަ އެވެ. އެ މައްސަލައިގައި އޭނާ ހުންނެވީ މަގާމުން ސަސްޕެންޑް ވެސް ކޮށްފަ އެވެ. އެކަމަކު އެ ތުހުމަތު ދޮގުކުރައްވައި މަހްލޫފް ވިދާޅުވަނީ އެ މައްސަލައަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށެވެ.

ހިޔާނާތުގެ ތުހުމަތުގައި އަކްރަމްގެ މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައި އާއްމުކޮށްފައިވާ ލިސްޓުގައިވެ އެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފައިވާ ގަރާރުގައިވާ ފަދަ ތުހުމަތެއް ކުރެވޭކަން ޕާޓީއަށް ނޭނގި ވަނިކޮށް ގައުމީ މަޖިލީހަށް އެ މީހަކު އިންތިހާބު ފަހުން އެކަން އެނގޭ ހިސާބުން ވެސް އެ މެމްބަރަކު ވަކިކުރަން އޮތީ ނިންމައިފަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ސަރުކާރު ކުންފުނިތަކުގެ ބައެއް އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވާދަ ކުރައްވަ އެވެ. ރައީސް ސޯލިހާއި ޕާޓީގެ ރައީސް ނަޝީދާއި ދެމެދު ހިޔާލު ތަފާތުވުން އުފެދި އެކަން ބޮޑުވެފައިވާތީ މި އިންތިހާބުގެ ވާދަވެރިކަން ބޮޑުވާނެ ކަަމަށް ލަފާކުރެވެ އެވެ.

މި އިންތިހާބުގައި ދާއިރާތަކާއި ޕްރޮވިންސްތަކާއި ސިޓީތަކުގެ ރައީސާއި ނައިބު ރައީސުންނާ އެކު ޖުމްލަ 455 މެމްބަރުން ހޮވާނެ އެވެ.