Advertisement

އަލިމަނިކު ލަންކާގައި ހައްޔަރުކުރުމުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަދަލުވި ގޮތް

14 އޮގަސްޓު 2021 - 09:27 5

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް ނާސިރު (ކ) އަދި ކޮލި އަލިމަނިކު. --ފޮޓޯ: އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)


އަލިމަނިކު ލަންކާގައި ހައްޔަރުކުރުމުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަދަލުވި ގޮތް

14 އޮގަސްޓު 2021 - 09:27 5

ކޮލިގޭ އަލީ އުމަރު މަނިކު (ކޮލި އަލިމަނިކު) ހުންނެވީ އަވައްޓެރި ސްރީ ލަންކާގެ ވެރިރަށް ކޮޅުނބުގެ އެއާޕޯޓުގަ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު އަދި ގައުމީ ތަރައްގީގެ މަޝްރޫއުތަކުގެ އެންމެ ބޮޑު އެއް ކޮންސަލްޓަންޓް މި ވަގުތު އެ ހުންނެވީ ލަންކާގެ ކަސްޓަމްސްގެ އޮފިސަރުންގެ އަތްދަށުގައި ހައްޔަރުކޮށްފަ އެވެ. ދަބަހުގައި ގެންދެވި 6000 ޕައުންޑާއި 800 ޑޮލަރު އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެއީ މީގެ 48 އަހަރު ކުރިން 1973 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އަލިމަނިކު ކޮޅުނބުގައި ހައްޔަރު ކުރި ދުވަހު އިއްތިފާގަކުން ރައީސް އިބްރާހިމް ނާސިރު ކޮޅުނބަށް ވަޑައިގެންނެވި އެވެ. އަދި އަލިމަނިކު ހައްޔަރުކޮށްފައިވާ ހަބަރު ލިބިވަޑައިގަތުމާއެކު ލަންކާ ސަރުކާރުގެ ވެރިންނަށް ގުޅުއްވައިފި އެވެ. އެއާއެކު ހައްޔަރުގައި ހުރި އަލިމަނިކު ދޫކޮށްލައިފި އެވެ. ނަމަވެސް އަތުލި ފައިސާތަކެއް އަނބުރާ ނުދިނެވެ.

"އަލިމަނިކު މައުސޫމް ކަމަށް ދިވެހި ސަރުކާރުން ބުނަމުން ދިޔަ ވާހަކަތައް ގޮސް ޖެހެނީ ބީރު ކަންފަތްތަކެއްގައި. އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުން، އަހަރުމެންނަށް އެނގިފައިވާ ގޮތުގައި، ސިލޯނަށް ބަރޯސާވުން ކުޑަ ކުރުމަށް ދިވެހި ސަރުކާރުން އެކި ދާއިރާތަކުން ތަފާތު މަސައްކަތްތަކެއް ކުރަން ވަނީ ނިންމައިފައި،" އަލިމަނިކު ހައްޔަރު ކުރުމާމެދު އެމެރިކާއިން ރާއްޖެ އަދި ސިލޯނަށް ކަނޑައަޅުއްވާފައި ހުންނެވި އެމްބެސަޑަރު ކްރިސްޓޮފާ ވެން ހޯލެން ލިޔުއްވާފައިވެ އެވެ.

އަލިމަނިކު ސިލޯނުގައި ހައްޔަރު ކުރުން ވެގެންދިޔައީ ރާއްޖެ މިއަދު މި ދެކޭ ހާރިޖީ ސިޔާސަތާއި ގުޅުންތަކުގެ ފެށުމަށެވެ. އެ ދުވަހާ ހަމައަށް ރާއްޖޭގެ ޝިޕިންގެ ކަންކަމާއި ބޭންކިން އަދި ވިޔަފާރިތައް މައިގަނޑު ގޮތެއްގައި ހިންގަނީ ލަންކާއާ ދެމެދުގަ އެވެ. ނަމަވެސް އަލިމަނިކު ކޮޅުނބުގައި ހައްޔަރުކުރުމުން ރާއްޖޭގެ ސަރުކާރުން އިތުރު ވިސްނުންތަކެއް ގެންގުޅެން ޖެހުނެވެ.

މި ރިޕޯޓުގައި ބިނާކޮށްފައި މި ވަނީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ފަރާތުން އެ ގައުމުގެ ވެރިރަށް ވޮޝިންޓަން ޑީސީއަށް އެކި އަހަރު މަތިން ފޮނުވާފައިވާ ސިއްރު ލިޔުންތަކެއްގެ މައްޗަށް ބިނާކޮށެވެ. އެމެރިކާގެ ގާނޫނުތަކުގެ ދަށުން މިހާރު ޑިކްލެސިފައި ކޮށްފައި ހުރި އެ ރިޕޯޓުތަކާއި މެސެޖުތަކުގައި ރާއްޖެ އާއި ލަންކާގެ ފިނި ހަނގުރާމައިގެ ވާހަކަ ވަރަށް ތަފްސީލުކޮށް ލިޔެފައި އެބަ އޮތެވެ. އަދި އަލިމަނިކު 2012 ވަނަ ޝާއިއު ކުރި އޭނާގެ ބަޔޮގްރަފީއެއް ކަމަށްވާ "އަޅުގަނޑުގެ ދުވަހު ފޮތް" ގައި ހުރި މައުލޫމާތު ވެސް ބޭނުންކޮށްފައިވާނެ އެވެ.

އަލިމަނިކުގެ އަރަމުން އައި ތަރި އަދި ހައްޔަރުވުމުގެ ހާދިސާ

ދިވެހި ކަނޑު ބޯޓު "ފަތުހުުލްބާރީ" ގައި 1947 ވަނަ އަހަރު އޭރުގެ ދާހިލީ ވަޒީރު މުހައްމަދު އަމީނުގެ އަމުރަށް އަލިމަނިކު ސިލޯނަށް ފޮނުވީ ބޭސްކުރުމަށެވެ. އޭނާ އަކީ އޭރު އުމުރަށް ވުރެ ހިކި ކުއްޖެކެވެ. އެހެންވެ ތައުލީމު ހޯދުމަށް ބޭރަށް ދިއުމަށް ވުރެ އޭނާގެ އާއިލާ އަށް ވެސް މުހިއްމުވީ އިހަށް ބޭހަށް ބޭރަށް ފޮނުވުމަށެވެ.

އެކަމަކު، އުމުރުން އަށް އަހަރުގެ ބަލި ކުއްޖެއްގެ ގޮތުގައި ސިލޯނަށް ދިޔަ އަލިމަނިކު ވެގެންދިޔައީ ދިވެހިރާއްޖެ މިދެކޭ ޒަމާންވީ ތަރައްގީގެ ބިންގާ އެޅުމަށް މަަސައްކަތް ކުރި މީހުންގެ ތެރެއިން މުހިންމު މީހަކަށެވެ. އަލިމަނިކު ވެގެންދިޔައީ ރާއްޖެއަށް ބޮޑު އިންގިލާބެއް ގެންނަމުންދިޔަ ރައީސް ނާސިރުގެ އެންމެ އަރިސް އެކަކަށެވެ.

އަލިމަނިކު އެންމެ ފުރަތަމަ ނާސިރާ ބައްދަލުވީ ސޯސަންވިލާގެ ދަރިވަރުން އަދި ރޫމް މޭޓްސްގެ ގޮތުންނެވެ. އެއަށްފަހު ސިލޯނުގައި ރާއްޖޭގެ ޓްރޭޑް ކުންފުނީގައި މަސައްކަތް ކުރިއިރު އަނެއްކާ ވެސް މުއާމަލާތު ކުރެވި، ދުވަސްތައް ވޭތުވަމުންދިޔަ ވަރަކަށް އޭނާގެ މަސައްކަތުގެ ވައްޓަފާޅި ނާސިރަށް ކަމުދިޔައީ އެވެ.

އެ ދުވަސްވަރަކީ ހަގީގަތުގައި ރާއްޖެ ވަރަށް ފަހަތުގައި އޮތް ދުވަސްވަރެކެވެ. ރަސްކަމަކުގެ ނިޒާމަކުން ޖުމްހޫރިއްޔަތަކަށް ކިރިޔާ ބަދަލުވަނީ އެވެ. ރާއްޖޭގައި ކިޔަވައިގެން ތިބި ތަންދޮރު ދަންނަ މާ ގިނަ ބަޔަކު ނެތެވެ. ވެން ހޯލެން ވޮޝިންޓަނަށް ފޮނުއްވި އެއް ކޭބަލުގައި ބުނެފައި ވަނީ "ރައީސް ނާސިރަކީ އާދަޔާ ހިލާފަށް ބިޒީ ބޭފުޅެއް" ކަމަށެވެ. ސަބަބަކީ ކެބިނެޓުގައި ވަޒީރުން ތިއްބެވި ނަމަވެސް އެބޭފުޅުންނަށް މަސައްކަތް ކުރަންވީ ގޮތް އެނގިވަޑައިނުގަތުމެވެ. އެހެންކަމުން ގިނަ ކަންކަމުގައި ވަޑައިގަންނަވަނީ ނާސިރު އަރިހަށެވެ.

ރައީސް ނާސިރުގެ އަމުރަށް މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުން އަލިމަނިކު ވަރަށް އުހަށް އަރައިގެން ގޮސްފި އެވެ. އަދި ނާސިރު ހިންގެވި ޕްރޮޖެކްތަކުގައި އަލިމަނިކު އިސް ދައުރެއް އަދާ ކުރެއްވި އެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ އެއާޕޯޓް އެޅުމުގައި އިސްކޮށް އުޅުއްވީ އޭނާ އެވެ. ފުރަތަމަ ފަހަރަށް ރޭޑިއޯގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރީ އޭނާ އެވެ. ދެކުނުގެ ބަގާވާތް ހުއްޓުވުން ރާއްޖެއަށް ހަތިޔާރު ގަތީ އަލިމަނިކެވެ. ޓެލެފޯނުގެ ހިދުމަތް ތައާރަފް ކުރުމުގައި މަސައްކަތް ކުރެއްވި އެވެ. ޖަޕާނަށް މަސް ބޭރު ކުރަން ފަށައި މަސްވެރިކަން ފުޅާ ކުރުމުގައި ވެސް ދައުރެއް އަދާ ކުރި އެވެ.

އެހެންކަމުން އަލިމަނިކު ހައްޔަރުވުން ވެގެންދިޔައީ ރައީސް ނާސިރަށް ކުޑަ ކަމަކަށް ނޫނެވެ. އަލިމަނިކު މިނިވަންކުރުމުގެ މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ނާސިރު ގުޅުއްވީ ލަންކާގެ ގަވަރުނަރު ވިލިއަމް ގޯޕައްލަވާއަށެވެ. އޭނާ ގުޅީ ބޮޑުވަޒީރު ބަންޑާރަނަޔަކައަށެވެ. އެއިރު އަލިމަނިކު ހުރީ ލަންކާގެ ސީއައިޑީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެކަމަކު އެ އިދާރާގެ ވެރިޔާއަށް އައި އެއް ފޯނު ކޯލުން އަލިމަނިކު ދޫކޮށްލަންޖެހުނެވެ.

އަނެއް ދުވަހު ރައީސް ނާސިރާއެކު ސިންގަޕޫރަށް އޭނާ ގެންދެވި އެވެ. އަދި ހަޔަޓް ހޮޓެލުގައި ހުންނަވާ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ހަވާލުކޮށްލުމަށްފަހު "ސްރީ ލަންކާގެ ކަމާބެހޭ ފަރާތްތަކާ ކަލޭ ހަވާލެއް ނުކުރާނަން" ކަމުގައި ނާސިރު ވިދާޅުވި އެވެ.

ޖެހިގެން އައި ދުވަހު ކެބިނެޓުގެ ދެ ވަޒީރުން ކަމަށްވާ އަބްދުއްސައްތާރު މޫސާ ދީދީ އާއި އަހުމަދު ހިލްމީ ދީދީ ސިންގަޕޫރުގެ ހަޔަޓް ހޮޓެލަށް ނާސިރު ހާޒިރު ކުރި އެވެ. އެތަނުގައި އެމަނިކުފާނު ހުންނެވި ސުއިޓުގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި މިނިސްޓަރުންނަށް ނާސިރު އެންގެވީ އަލިމަނިކަށް މިނިވަންކަމާއެކު ސިލޯނުގައި އުޅެވޭނެ ގޮތް ހެދުމަށް އެ ސަރުކާރުގެ ވެރިންނަށް އެންގުމަށެވެ.

"ސްރީ ލަންކާގެ ފަރާތުން މިކަމަށް އެއްބަސްނުވެއްޖެ ނަމަ އަހަރެން މިހުރީ ސްރީ ލަންކާއާ ހުރިހާ ގުޅުމެއް ކަނޑާލުމަށް ތައްޔާރަށް،" އެ ބައްދަލުވުމުގައި ނާސިރު ވިދާޅުވި ކަމަށް އަލިމަނިކު ލިޔުއްވާފައިވެ އެވެ.

ސިލޯނަށް ބަރޯސާވުން ކުޑަ ކުރުމުގެ ހަގީގީ މަސައްކަތްތައް ފެށުނީ އެ ހިސާބުންނެވެ.

ސިލޯނަށް ބަރޯސާވެފައި އޮތް ރާއްޖެއެއް

އަލިމަނިކު ކޮޅުނބުގައި ހައްޔަރުކުރި ދުވަސްވަރު ދިވެހިރާއްޖެ އޮތީ ވަރަށް ބޮޑަށް ލަންކާ އަށް ބަރޯސާވެފަ އެވެ. ރާއްޖޭގައި އެއާޕޯޓެއް އޮތް ނަމަވެސް ގަވާއިދުން ދަތުރު ކުރަނީ ލަންކާ އަށް އެކަންޏެވެ. ކަނޑު ބޯޓުތައް ވެސް ހަމަ އެފަދަ އެވެ. މަސް ވިއްކަނީ ވެސް ލަންކާ އަށެވެ. އޭގެ އަހަރެއްހާ ދުވަސް ކުރިން ފަށައިގެން އުޅުނު ޓުއަރިޒަމް އިންޑަސްޓްރީއަށް ފަތުރުވެރިން ގެންނަނީ ވެސް އެ ގައުމުންނެވެ. އަދި ރާއްޖޭގެ މަރުކަޒީ ބޭންކެއް ނެތުމާއެކު ލަންކާ ބޭންކު ހަރަކާތްތެރިވަމުން ދިޔައީ ރާއްޖޭގެ މަރުކަޒީ ބޭންކުގެ ވެސް ގޮތުގަ އެވެ.

ކަންދިމާވި ގޮތުން އަލިމަނިކު ހައްޔަރު ކުރި ދުވަސްވަރަކީ ރާއްޖެ އާއި ލަންކާގެ ގުޅުން މަޑުމަޑުން ނަމަވެސް ކިލަނބުވަމުން އައި ދުވަސްކޮޅެކެވެ. ސަބަބަކީ ލަންކާގެ އަމިއްލަ އިގްތިސާދީ ހާލަތު ދަށްވަމުން ދިޔުމުން ރާއްޖެއިން ބޭނުންވާ ހިދުމަތްތައް ނުލިބުމެވެ.

ރާއްޖޭގެ ވިޔަފާރިވެރިންގެ އަތުން ލަންކާ އަށް އައީ ވަރަށް ބޮޑު މަންފާއެއްވަމުންނެވެ. ކޮޅުނބަށް ދަތުރު ކުރާ ބޯޓުތައް އެހެލައި މަރާމާތު ކުރުމުގެ ހަރަދާއި ޕޯޓު ހަރަދާއި ވިޔަފާރި މުދާ ބަހައްޓާ ގުދަން ކުއްޔާއި ބޭންކު ޗާޖުތަކަކީ ރާއްޖޭގެ މީހުންގެ ފަރާތުން ލަންކާ އަށް ލިބެމުންދިޔަ ފައިދާ އެވެ. ނަމަވެސް އެއާ އެއްވަރުގެ ހިދުމަތެއް ރާއްޖެއަކަށް ލިބެމުންނުދެ އެވެ.

"ދިވެހިރާއްޖެ އާއި ސިލޯނާ ދެމެދު މިފަހުން ހިނގައިދިޔަ އަޑުގަދަ ތަޅާފޮޅުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއިން ދަނީ ސިލޯނަށް އެ ގައުމުން ބަރޯސާވެފައި އޮތް މިންވަރު ކުޑަ ކުރުމަށް މަސައްކަތް ކުރަމުން. އެގޮތުން ގައުމީ އެއާލައިނެއް ގާއިމް ކުރުމާއި އިންޑިއާއިން ކޮޅުނބަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ވަފުދެއް، ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި އިންޑިއަން އެއާލައިންސް އާއި އިންޑިއަން އޯވާސީސް ކޮމިއުނިކޭޝަން ޓީމަކާއެކު މިދިޔަ މަހު ރާއްޖެ ޒިޔާރަތް ކުރުމަކީ، ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށް ކުރާ މަސައްކަތުގެ ހެއްކެއް،" ޑިސެމްބަރު، 1973 ގައި ވެން ހޯލެން ލިޔުއްވާފައިވެ އެވެ.

ސިލޯނަށް ބަރޯސާވުން ކުޑަކުރުމުގެ ވިސްނުން އައީ އަލިމަނިކު ހައްޔަރު ކުރި ހިސާބަކުން ނޫނެވެ. ރާއްޖޭގެ އިގްތިސާދު އެކި ދިމަ ދިމާލަށް ފުޅާކުރަންޖެހިފައިވާކަން ރައީސް ނާސިރަށް އެއިރު އޮތީ ވިސްނިވަޑައިގެންފަ އެވެ. އެމްބެސަޑަރު ވެން ހޯލަންގެ ބަހުން ނަމަ "އަލިމަނިކުގެ ހާދިސާއަށްފަހު ދިވެހި ސަރުކާރުން އެކަމަށް އަވަސްވެގަތީ" އެވެ.

ސިލޯނަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމުގެ މަސައްކަތް ފެށީ "ނާސިރުގެ ސްޕީޑުގަ" އެވެ. އެގޮތުން އަލިމަނިކު ކޮޅުނބުގައި ހައްޔަރު ކުރިތާ ދެތިން މަހެއްގެ ތެރޭގައި ލަންކާގައި ހުރި ސަރުކާރުގެ ޝިޕިން ކުންފުނި ސިންގަޕޫރަށް ބަދަލު ކުރި އެވެ. އަދި ސަރުކާރުން ބޭރުގެ ފަރާތްތަކާއެކު ހިންގާ މުއާމަލަތްތަކަށް ބޭނުންވާ ޓްރާންސެކްޝަންތައް ވެސް (ސިލޯނާއެކު ހިންގާ ބައިލެޓަރަލް ޓްރާންސެކްޝަންތައް ފިޔަވައި) ބަދަލު ކުރީ ސިންގަޕޫރަށެވެ.

އިންޑިޔާއާއެކު ގުޅުން ގާއިމް ކުރުން

ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމުގެ އިތުރުން ސިޔާސީ ގުޅުންތައް ވަރުގަދަ ކުރަން ވެސް ރައީސް ނާސިރު ބޭނުންވެވަޑައިގަތެވެ. ސިޔާސީ ގުޅުންތައް ގާއިމް ކުރުމަށް މަޝްރަހު ރާއްޖެއިން "އެކްސްޕްލޯ" ކުރަން ފެށުމުން ވަރަށް ގިނަ ދޮރުތައް ރާއްޖެއަށް ހުޅުވުނެވެ.

އެގޮތުން ޕާކިސްތާން، ސިންގަޕޫރު، ޖަޕާން، ޗައިނާ އަދި ބައެއް މެދުއިރުމަތީގެ ގައުމުތަކާ ވެސް ވާހަކަ ދެކެވުނެވެ. އެކަމަކު ރާއްޖެއިން ހުރިހާ ގައުމަކާ ވެސް ގުޅުން ބަދަހި ކުރަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއެކު އެވެ.

"ބޮޑުވަޒީރުގެ ބަހުން ނަމަ އެއްވެސް ގައުމަކަށް މާ ބޮޑަށް ބަރޯސާވާކަށް ރާއްޖެ ބޭނުމެއް ނޫން. އެހެންވެ ރާއްޖޭގެ ސަރުކާރުން ހުރިހާ ކަމަކާ ވެސް ކުރިމަތިލަނީ ވަރަށް ފަރުވާތެރިކަމާއެކު،" ވެން ހޯލަން ލިޔުއްވާފައިވެ އެވެ.

ރާއްޖެ އާއި ސިލޯނާ ދެމެދު ގޯސްވަމުންދިޔަ ގުޅުމަށް އެންމެ ބޮޑަށް ކަަޅި އެއްލައިގެން ތިބީ އިންޑިއާ އެވެ. ފޮރިން މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި ބޮޑުވަޒީރު އަހުމަދު ޒަކީ މާޗް، 1974، ގައި އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެންނެވުމުން އެ ފުރުސަތުގެ ފުރިހަމަ ބޭނުން ހިފަން އެ ގައުމުން ބޭނުންވި އެވެ.

ބޮޑުވަޒީރު ޒަކީ އިންޑިއާއަށް ވަޑައިގެންނެވިއިރު ރާއްޖެ އާއި އިންޑިއާގެ ގުޅުމުގެ މުހިންމު ބައެއް އޮތީ ގާއިމުވެފަ އެވެ. ޑިސެމްބަރު، 1973 ގައި އިންޑިޔާގެ ވަފުދު ރާއްޖެއިން ފުރުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ގޮތްޕެއް، 40 މުވައްޒަފުންނާއެކު މާލޭގައި ހުޅުވި އެވެ. އަދި ބޮމްބޭ އާއި މާލެއާ ދެމެދު ޓެލެޓައިޕް ލިންކެއް ގާއިމްކޮށް ވަގުތުން މެސެޖު ފޮނުވޭނެ ގޮތް ވެސް އޮތީ ހަމަޖައްސައިފަ އެވެ.

ޒަކީގެ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެންނެވިއިރު ރާއްޖެއާ ލަންކާއާ ދެމެދު ދަތުރުތައް ފެށިއްޖެ އެވެ. އެއާ ސިލޯނުގެ ބޯޓުތަކާއި ސްރީ ލަންކާ އެއާ ފޯސްއާ ގުޅިގެން ކޮލަމްބޯ އާއި ހުޅުލެއާ ދެމެދު ކޮންމެ ހަފްތާއަކު ހަ ފްލައިޓު ދަތުރު ކުރެ އެވެ.

ރާއްޖެއާ ދެމެދު މަތިންދާ ބޯޓު ދުއްވުމަކީ މާލީ ގޮތުން އަދި ސިޔާސީ ގޮތުން ވެސް ފައިދާވާނެ މަސައްކަތަކަށްވާތީ އިންޑިއާއިން ވެސް ހުރީ މި ރާއްޖެއަށް ދަތުރު ކުރެވޭނެ ކަމުގެ އުއްމީދުގަ އެވެ. އަދި ޒަކީ އިންޑިއާއަށް ވަޑައިގެންނެވުމުން އެ ގައުމުން ވަރަށް ގިނަ ހުށަހެޅުން ހުށަހެޅި އެވެ.

އެގޮތުން ހުޅުލެ އާއި ބޮމްބޭއާ ދެމެދު ޑައިރެކްޓް ފްލައިޓު ދަތުރު ކުރެވޭނެ ގޮތަކާމެދު މަޝްވަރާ ކުރި އެވެ. ނަމަވެސް ހުޅުލޭ ރަންވޭ ކުޑަކަމުން ބޮމްބޭ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ދަތުރު ކުރުމުގެ ހުއްދައެއް ނުލިބުނެވެ. ދެން ވިސްނީ ޓްރިވެންޑްރަމް އެއާޕޯޓުން މާލެއަށް ބޯޓު ފޮނުވުމަށެވެ. އެކަމަކު ޓްރިވެންޑްރަމް އެއާޕޯޓަކީ އެއިރު ޑޮމެސްޓިކް އެއާޕޯޓަކަށްވެފައި މުޅި ދުވަހު ވަަރަށް ބިޒީ އެއާޕޯޓަކަށް ވާތީ އެއީ ވެސް ފަސޭހަ ކަމަކަށްނުވި އެވެ.

މި ދަތުރުގެ ބޭނުން ރާއްޖޭން ވެސް ފުރިހަމައަށް ހިފި އެވެ. ލަންކާ އަށް ބަރޯސާވުން ކުޑަ ކުރުމުގެ ވިސްނުމުގައި ބޮމްބޭގައި މޯލްޑިވްސް ޓްރޭޑިން ކޯޕަރޭޝަންގެ އޮފީހެއް ހުޅުވި އެވެ. އަދި ރާއްޖޭގެ ކޮންސިއުލޭޓެއް އިންޑިއާގައި ހުޅުވުމަށް ޝައުގުވެރިވާ ވާހަކަ އެ ގައުމުގެ ޑިޕްލޮމޭޓުންނާ ހިއްސާ ކުރި އެވެ.

"ވާހަކަ ދެކެވެނީ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ ހޮނަރަރީ ކޮންސިއުލް ޖެނެރަލަކަށް އަދި ޓްރޭޑް ކޯޕަރޭޝަންގެ އިސްވެރިއަކަށް ވެސް ކަނޑައަޅަނީ އަލިމަނިކު ކަމަށް،" ޒަކީގެ ދަތުރުގެ ވާހަކަ ވެން ހޯލަން އެމެރިކާއާ ހިއްސާ ކުރަމުން ކިޔައިދީފައިވެ އެވެ.

ރާއްޖެއާ ގޯސްވެފައި އޮތް ގުޅުން ރަނގަޅު ކުރުމަށް ލަންކާއިން ވަރަށް މަސައްކަތް ކުރި އެވެ. ފަހުން އެ ގުޅުން ދިޔައީ މަޑުމަޑުން ރަނގަޅުވަމުންނެވެ. އެކަމަކު އެ ގުޅުން، އެ ވަގުތު ގޯސްވެގެންދިޔުން މެދުވެރިވީ ރާއްޖެ މިއަދު މިދެކޭ ހާރިޖީ ސިޔާސަތުގެ ފެށުމަށެވެ.