Advertisement

ކުރީގެ ރައީސް ސޯލިހު ދެން ކުރައްވާނީ ކޮން މަސައްކަތެއް؟

17 ނޮވެންބަރު 2023 - 11:46 4

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ކުރީގެ ރައީސް ސޯލިހު ދެން ކުރައްވާނީ ކޮން މަސައްކަތެއް؟

17 ނޮވެންބަރު 2023 - 11:46 4

"ތިޔައިން ބޭފުޅަކު އަޅުގަނޑަށް ކޮލަމެއް ދެއްވައިފިއްޔާ، އަޅުގަނޑު ދޭތެރެއަކުން ލިޔެލާނަން ކޮންމެވެސް އެއްޗެއް. އެކަންވެސް އަޅުގަނޑަށް ކުރެވޭނެ. އަޅުގަނޑަކީ ފޮޓޯވެސް ނަގާ މީހެއް. ކެމެރާ ހިފައިގެން މަގުމަތީގައި ވެސް އަޅުގަނޑަށް އުޅެލެވޭނެ އިނގޭތޯ."

އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި، އަންނަން އޮތް ޒަމާނުގައި ކުރައްވާނެ މަސައްކަތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރެއްވުމުން އެމަނިކުފާނު ދެއްވި ޖަވާބެވެ.

އެކަމަކު، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ސޯލިހު ކޮނޑުގައި ކެމެރާއެއް އަޅުއްވައިގެން ފޮޓޯ ނަންގަވަން އުޅުއްވާތަން ހިތަކަށް ނުގެނެވެ އެވެ. ރައީސް ސޯލިހުގެ ރިޔާސީ ދައުރު މިއަދަށް ހަމަވެ، އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމާ ހަވާލުވެވަޑައިގަންނަވާއިރު، ގިނަ ބައެއްގެ ހިތުގައި މިހާރު އޮތް ސުވާލަކީ ރައީސް ސޯލިހު ދެން ފެނިވަޑައިގަންނަވާނީ ކޮން މަސައްކަތެއް ކުރައްވަނިކޮންތޯ އެވެ.

އެމަނިކުފާނުގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރައްވާނެ މަސައްކަތާ ގުޅޭ ގޮތުން ކޮންމެވެސް ކަހަލަ އިޝާރާތްތަކެއް ރައީސް ސޯލިހު ދެއްވި އެވެ. ސިޔާސީ މަސައްކަތްތަކުގައި އުޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު ސިޔާސީ ގޮތުން ވެސް އެމަނިކުފާނު ހުންނަވާނެ ހިސާބެއް ޔަގީންކޮށް ވިދާޅެއް ނުވެ އެވެ. އަދި އިޖްތިމާއީ މަސައްކަތްތަކާއި ވޮލަންޓިއާކޮށް މަސައްކަތް ކުރެއްވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ލިޔުމުގައި ލަފާކޮށް، މި ބަލައިލަނީ ރައީސް ސޯލިހަށް ކުރިއަށް އޮތް ދައުރުގައި ކުރެއްވިދާނެ މަސައްކަތްތަކާއި ކުރީގެ ރައީސުން އެބޭފުޅުންގެ ރިޔާސީ ދައުރަށް ފަހު ކުރެއްވި މަސައްކަތްތަކަށެވެ.

ކުރީގެ ރައީސް: މުހިންމު މަގާމެއް، ހާއްސަ ބޭފުޅެއް

ކުރީގެ ރައީސުންނަކީ އިންތިހާއަށް މުހިންމު މަގާމެއް، އެތައް އަހަރަކު އަދާ ކުރެއްވި ބޭފުޅުންނެވެ. މަގާމުގެ ގޮތުން، ގައުމުގެ ހުރިހާ ސިއްރެއް އެނގިވަޑައިގަންނަވަން ޖެހުނު މަގާމެކެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ބޭފުޅުންނަށް ގައުމަށް އެހީތެރިވެދިނުމުގެ ފުރުސަތު އޮވެ އެވެ.

އެހެން ގައުމުތަކަށް ބަލާއިރު، ގައުމުގެ ހާރިޖީ ސިޔާސަތު ކުރި އެރުވުމަށް ކުރީގެ ރައީސުންގެ އެހީތެރިކަން ލިބެ އެވެ. އަދި ކުރީގެ ރައީސުންގެ ފަރާތުން، އެއިރު ހުންނަވާ ރައީސަކަށް ލަފާ ވެސް އަރުވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން. މި ފޮޓޯ ނެންގެވީ، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަސްލަމް ޖޭއެސްސީގެ މެމްބަރަކަށް އައްޔަންކޮށް ހުވައިލައި ދިނުމަށްޓަކައި ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަށް ފަހު. -- ފޮޓޯ: މަޖިލީހުގެ އިދާރާ


އެމެރިކާއަށް ބަލާ ނަމަ، މަގާމުގައި ހުންނަވާ ރައީސްގެ އިތުރުން ކުރީގެ ރައީސުންނަށް ވެސް ސަރުކާރުގެ ފަރާތުން ސެކިއުރިޓީ ބްރީފިންއެއް ދެ އެވެ. ރާއްޖޭގައި އެފަދަ ސިޔާސަތެއް ނޯވެ އެވެ. އެކަމަކު މަގާމުގައި ހުންނަވާއިރު، ލަފާ ލިބުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހެއް އޮވެ އެވެ.

އެ މަޖިލީހުން، "ގައުމީ ސަލާމަތާ ގުޅޭ އެންމެހާ ކަންތައްތަކުގައި" ރައީސްއަށް ލަފާ އަރުވަންޖެހެ އެވެ. އެހެންކަމުން، މަގާމުން ވަކިވި ނަމަވެސް ކުރީގެ ރައީސުން ވާނީ މުހިންމު އަދި ސިއްރު ކިތަންމެ މައުލޫމާތުތަކެއް އެނގިވަޑައިގަންނަވާނެ ބޭފުޅަކަށެވެ.

ވެރިކަމުން ފައިބައިވަޑައިގަތުމަށްފަހު ވެސް ކުރީގެ ރައީސުން ގައުމުގައި މުހިންމު ރޯލެއް އަދާ ކުރެއްވުމަށް ރާއްޖޭގެ ގާނޫނުތަކުން ވެސް ތަސައްވުރު ކުރެ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގައި އެފަދަ ބައެއް ތަފުސީލުތައް ލިޔެފައި އެބަ އޮތެވެ.

ގާނޫނުގެ ފުރަތަމަ މާއްދާގައި ވެސް ބުނަނީ ކުރީގެ ރައީސުން ހިމެނޭނީ "ދައުލަތުގެ އެންމެ އިސް އިއްޒަތްތެރީންގެ" ތެރޭގައި ކަމަށެވެ. ކުރީގެ ރައީސުންނަށް ދެތިން އިނާޔަތެއް އެ ގާނޫނުގެ ދަށުން ލިބިދެ އެވެ. ފުރަތަމަ ކަމަކަށް، އެފަދަ ބޭފުޅެއްގެ ސަލާމަތާއި ރައްކާތެރިކަން، އުމުރު ދުވަހަށް ސިފައިން ބަލަހައްޓަންޖެހެ އެވެ. ސެކިއުރިޓީ ލިބޭ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސުންގެ އަނބިކަނބަލުން ނުވަތަ ފިރިކަނލުން ވެސް ހިމެނެ އެވެ.

ކުރީގެ ރައީސުންނަށް މާލީ އިނާޔަތެއްގެ ގޮތުން މަހަކު 50،000ރ. ގާނޫނުގެ ދަށުން ދޭންޖެހެ އެވެ. ދިރިއުޅުމުގެ ހަރަދުބަރަދުގެ ގޮތުގައި 50،000ރ. އާ ހަމައަށް އިނާޔަތެއް ނެންގެވިދާނެ އެވެ. އަދި ސިއްހީ ހަރަދުގެ އިތުރުން ދަތުރުފަތުރުގެ ހަރަދު ވެސް ބަލަހައްޓަންޖެހެނީ ދައުލަތުންނެވެ.

ގާނޫނުން ލިބިދޭ އެންމެ މުހިންމު އިނާޔަތެއް ކަމަށް ފެންނަނީ ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދޭންޖެހޭ ހަރަދެވެ. ގާނޫނުގައިވާ ގޮތުން "މުޖުތަމައުއަށް ފައިދާހުރި އިޖްތިމާއީ މަސައްކަތްތައް ކުރުމަށް އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި" އެ ބޭފުޅަކަށް 175،000ރ. މަހަކު ދޭންޖެހެ އެވެ.

ދިވެހިރާއްޖޭގެ ކުރީގެ ރައީސުން

މުހައްމަދު އަމީން

ދިވެހި ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސް މުހައްމަދު އަމީން އަވަހާރަވީ ބަގާވާތަކުން ވެރިކަން ވައްޓާލުމަށްފަހު، އެ ހަމަނުޖެހުމުގައި އެމަނިކުފާނަށް ލިބުނު އަނިޔާތަކުގެ ސަބަބުން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އޭގެ ފަސް މަސް ދުވަސް ފަހުންނެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށްފަހު ގައުމަށް އެއްވެސް ރޮނގަކުން ހިދުމަތް ކުރުމުގެ ފުރުސަތެއް ރައީސް އަމީނަކަށް ލިބިވަޑައެއްނުގަންނަވަ އެވެ. އެމަނިކުފާނު އަވަހާރަވީ އުމުރުން 43 އަހަރުގައި ޖެނުއަރީ 19، 1954 ވަނަ އަހަރެވެ.

އިބްރާހިމް ނާސިރު

ރައީސް ނާސިރު ދިވެހިރާއްޖޭގެ ވެރިކަން ދެ ދައުރުގައި ކުރެއްވި އެވެ. އިސްތިއުފާ ދެއްވީ ވެރިކަމުގެ ފަހު ދުވަސްކޮޅު ޑިސެމްބަރު 7، 1978 ގަ އެވެ.

ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު ނާސިރު ފުރާވަޑައިގަތީ ސިންގަޕޫރަށެވެ. އޭގެ ފަހުން އެމަނިކުފާނު އަވަހާރަވުމާ ހަމައަށް ވެސް ދިރިއުޅުއްވީ އެ ގައުމުގަ އެވެ. ނާސިރު އިސްތިއުފާ ދެއްވިތާ ތިން އަހަރު ފަހުން 1981 ވަނަ އަހަރު އެމަނިކުފާނުގެ މައްޗަށް ޖިނާއީ ހުކުމެއް އިއްވި އެވެ. ނަމަވެސް ފަހުން ޖުލައި، 1990، ގައި ރައީސް މައުމޫން އަބްދުލްގައްޔޫމް، ނާސިރަށް މައާފު ދެއްވި އެވެ.

އޭގެ ފަހުން ވެސް ނާސިރު ރާއްޖެ ވަޑައެއްނުގަންނަވަ އެވެ. އަދި ސިންގަޕޫރުގައި ވެސް އުޅުއްވީ "ޕަބްލިކް ލައިފް" އެއް ނޫންކަން އެނގިފައިވެ އެވެ. ރައީސް ނާސިރު އަވަހާރަވީ ނޮވެމްބަރު 22، 2008 ގައި އުމުރުން 82 އަހަރުގަ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުތެރޭގައި ސަންގު ޓީވީން ގެނެސްދިން ރިޔާސީ ބަހުސްއަށް ފަހު ރައީސް ސޯލިހު އަދި ކުރީގެ ރައީސް މައުމޫން ސަލާމްކުރައްވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މައުމޫން އަބްދުލްގައްޔޫމް

ނޮވެމްބަރު 11، 2008 ގައި ރައީސް މައުމޫންގެ ވެރިކަން ނިމުނު ފަހުން މިއަދާ ހަމައަށް ވެސް އެމަނިކުފާނު ގެންދަވަނީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ. ވެރިކަން ނިމުނުއިރު އެމަނިކުފާނަކީ އޭރު އޮތް ދިވެހި ރައްޔިތުންގެ ޕާޓީގެ ޒައީމެވެ.

އޭގެ ފަހުން ވެސް އެމަނިކުފާނު ހުންނެވީ ޕާޓީގެ ޒައީމްގެ މަގާމުގަ އެވެ. އެހެންކަމުން ވެރިކަން ބަދަލުވުމާއެކު އެމަނިކުފާނުވެވަޑައިގެންނެވީ އިދިކޮޅު ޕާޓީގެ ލީޑަރަށެވެ. ނަމަވެސް އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުންނާއި ޕާޓީގެ އެތެރެއިން ކުރިމަތިވި ޕްރެޝަރުތަކާއެކު ޖެނުއަރީ 25، 2010 ގައި ސިޔާސީ ދާއިރާއިން ރިޓަޔާ ކުރައްވަން މައުމޫން ނިންމެވި އެވެ.

"އަޅުގަނޑު މިހާރު އާއިލާއާ އެކު ވަގުތު ހޭދަކުރަން ބޭނުންވަނީ. އަދި ސިޔާސީ މާހައުލުން ދުރަށް ޖެހިލައި ޒުވާން ޖީލުތަކަކަށް ފުރުސަތު ދޭން ބޭނުންވަނީ. އަޅުގަނޑު ދެކޭ ގޮތުގައި ޑީއާރުޕީގެ ކުރިއެރުން އޮތީ ޒުވާން ޖީލުތަކުގެ އަތް މަތީގައި. އެހެންވީމަ އެ ފުރުސަތު ދޭން އަޅުގަނޑު ބޭނުންވަނީ. ރީތިކޮށް ވަކިވާން އަޅުގަނޑު ބޭނުންވަނީ. އަދި އަޅުގަނޑު ބޭނުންވަނީ ޑިމޮކްރެޓިކް މިސާލެއް ދައްކަން. އަޅުގަނޑު ޕާޓީގެ ލީޑަރު ކަމުގައި ހުރެގެން ޑިމޮކްރެޓިކް އުސޫލުން ޕާޓީގެ ޒައާމަތު އެހެން ޖީލަކަށް ބަދަލުވުން އެއީ އަޅުގަނޑު ފަހުރުވެރިވާނެ ކަމެއް. އަޅުގަނޑަށް ކުރެވުނު ރަނގަޅު ކަމެއް ކަމުގައި އަޅުގަނޑު ބަލައިގަންނާނަން،" މައުމޫން ވިދާޅުވި އެވެ.

ނަމަވެސް ފަހުން އަނެއްކާ ވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން މައުމޫން ނިންމެވި އެވެ. ޑީއާރްޕީގެ ލީޑާޝިޕުން ވެސް މައުމޫން ވަރަށް ބޮޑަށް އެއް ފަރާތްކޮށްލުމުން އެ ޕާޓީން ވަކިވެވަޑައިގެން، އާ ޕާޓީއެއް އުފައްދަވާނެކަން ޖެނުއަރީ ސެޕްޓެމްބަރު، 2011 ގައި އިއުލާނު ކުރެއްވި އެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އުފެއްދީ އެ މަސައްކަތުގެ ތެރެއިންނެވެ.

ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީގެ ޓިކެޓުގައި ވެރިކަމަށް ވަޑައިގަތުމަށްފަހު އަނެއްކާ ވެސް މައުމޫން ބާކީވި އެވެ. އޭގެ ފަހުން ފެބްރުއަަރީ، 2019 ގައި މައުމޫން ޕީޕީއެމުން ވަކިވެވަޑައިގެންނެވި އެވެ. އޭގެ ކުރިން ޖެނުއަރީ، 2019 ގައި އެމަނިކުފާނު ވަނީ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފަ އެވެ. މިފަހަރު އުފެދުނީ މޯލްޑިވްސް ރިފޯމް މޫވްމަންޓެވެ.

އެކަމަކު، ލާޒިމުވާ އަދަދަށް މެމްބަރުން ހަމަނުވެގެން މެއި، 2023 ގައި އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އުވާލި އެވެ. ނަމަވެސް އަދިވެސް އެ ކުޑައިގެ ދަށުގައި މައުމޫން ގެންދަނީ ސިޔާސީ މައިދާނުގައި ކޮންމެވެސް ވަރަކަށް މަސައްކަތް ކުރައްވަމުންނެވެ. މި ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވާދަ ކުރެއްވިއިރު އެންމެ ގާތުގައި ހުންނެވީ އެމަނިކުފާނެވެ. ނަމަވެސް މާ ބޮޑު ސަޕޯޓެއް ލިބުނު ތަނެއް ނުފެނުނެވެ.

މުހައްމަދު ނަޝީދު

ނަޝީދުގެ ވެރިކަމަށް ތިން އަހަރާއި މަދު ދުވަސްކޮޅެއް ފަހުން ފުލުހުންނާއި ސިފައިން ހިންގި މިއުޓިނީއެއްގެ ތެރެއިން އެމަނިކުފާނު ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވި އެވެ.

އިސްތިއުފާއަށްފަހު ސިޔާސީ މަސައްކަތުގައި ނަޝީދު އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިގެންނެވިތަނެއް ނުފެނެ އެވެ. އެއަށްފަހު އެ މަނިކުފާނު ގެންދެވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ލީޑު ކުރައްވަމުންނެވެ. އަދި އެ ޕާޓީގެ ފަރާތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރެއްވި އެވެ. ނަމަވެސް އެ ފަހަރު ނާކާމިޔާބުވެވަޑައިގަތީ އެވެ.

އޭގެ ފަހުން މާޗް، 2015 ގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖިނާއީ ހުކުމެއް އިއްވި އެވެ. ނަމަވެސް 2016 ގައި ނަޝީދު އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެ ގައުމަށް ފުރާވަޑައިގަތެވެ.

ޖިނާއީ ހުކުމެއްގައި ހުންނެވުމުން ޖެހިގެން އައި ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދައެއް ނުކުރެވުނެވެ. އެމްޑީޕީގެ ޕްރައިމަރީން ހޮވިވަޑައިގެންނެވި ކެންޑިޑޭޓަކީ ނަޝީދު ނަމަވެސް އެމަނިކުފާނުގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވީ ރައީސް ސޯލިހެވެ.

ރައީސް ސޯލިހު 2018 ގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން 2018 ވަނަ އަހަރު ނަޝީދު އެނބުރި ދިވެހިރާއްޖެއަށް ވަޑައިގެންނެވި އެވެ. އެނބުރި މާލެއަށް ވަޑައިގަތުމަށްފަހު ނަޝީދު ނިންމެވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށެވެ. މައްޗަންގޮޅީ މެދު ދާއިރާއިން ނަޝީދު މަޖިލީހަށް ވަދެވަޑައިގެންނެވުމަށްފަހު އެ މަޖިލީހުގެ ރައީސްގެ މަގާމަށް ވެސް އިންތިހާބުވި އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ދައުރުގެ ކުރީކޮޅު، ބަރުލަމާނީ ނިޒާމެއް ގާއިމް ކުރުމަށް ނަޝީދު ގޮވާލައްވަމުން ގެންދެވި އެވެ. ނަމަވެސް ދެ ރައީސުންނަށް އެކަމަށް އެއްގަލަކަށް ނޭރުއްވުނެވެ. އަދި ދާދި އަވަހަށް ދެ ބޭފުޅުންގެ މެދުގައި މައްސަލަ ޖެހި، އާންމުންނާ ހަމައަށް ވެސް އެ މައްސަލަތައް ހާމަވި އެވެ.

ފެބްރުއަރީ، 2023 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ނަޝީދު ވާދަ ކުރެއްވި އެވެ. ނަމަވެސް އެ އިންތިހާބުން ނަޝީދަށް ކުރިމަތިލާންޖެހިވަޑައިގަތީ ނާކާމިޔާބީއާ އެވެ. އަދި އޭގެ ފަހުން ޖޫން 21، 2023 ގައި އެމްޑީޕީން އެމަނިކުފާނު އިސްތިއުފާ ދެއްވި އެވެ. އެއިރު، އެމަނިކުފާނުގެ ލީޑާޝިޕުގެ ދަށުން އާ ޕާޓީއެއް ހެދުމުގެ މަސައްކަތް އޮތީ ފަށައިފަ އެވެ.

އާ ޕާޓީ، ދަ ޑިމޮކްރެޓްސްއަށް ނަޝީދު ސޮއި ކުރެއްވީ ޖުލައި 14، 2023 ގަ އެވެ. އެ ޕާޓީގެ ފަރާތުން ނަޝީދުގެ ތާއީދާއެކު ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ކެންޑިޑޭޓަކު ވާދަ ކުރެއްވި އެވެ. އެ އިންތިހާބުގައި ތިން ވަނައަށް ވަޑައިގެންނެވީ ޑިމޮކްރެޓްސް އެވެ.

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން އެ ދައުރުގެ ބާކީ ބައި ވެރިކަން ކުރެއްވީ އެމަނިކުފާނުގެ ނައިބަކަށް ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެ ދައުރު ހަމަވުމުން 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވަހީދު ވާދަ ކުރެއްވި އެވެ. ނަމަވެސް އިންތިހާބުގެ އެ ބުރު ސުޕްރީމް ކޯޓުން ކެންސަލް ކުރުމުން ވަހީދު އަނބުރާ ނަން ގެންދެވި އެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައި އޮތީ ފަސް ޕަސެންޓު ވޯޓެވެ.

ޑރ. ވަހީދުގެ ވެރިކަން ނިމުމުން އެމަނިކުފާނު ހިޔާރު ކުރެއްވީ މުޅިން ތަފާތު ދާއިރާއެއްގައި މަސައްކަތް ކުރައްވާށެވެ. އެގޮތުން އެމަނިކުފާނު ވަޑައިގެންނެވީ ނެޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޫރުގެ ލީ ކުއާން ޔިއު ސްކޫލް އޮފް ޕަބްލިކް ޕޮލިސީގެ ލެކްޗަރާއަކަށެވެ. އެމަނިކުފާނަކީ އެ ކޮލެޖުގެ ޑިސްޓިންގުއިޝްޑް ފެލޯއެކެވެ. ސެޕްޓެމްބަރު، 2023 އާ ހަމައަށް ވިޒިޓިން ފެލޯއެއްގެ ގޮތުގައި ވަހީދު މަސައްކަތް ކުރެއްވި އެވެ.

އޭގެ އިތުރުން، ޖެނުއަރީ، 2021، އިން ފެށިގެން ޑރ. ވަހީދަކީ ރެޑް ސީ ގްލޯބަލްގެ އެޑްވައިޒަރީ ގްރޫޕުގެ ބޯޑު މެމްބަރެކެވެ. ރެޑް ސީ ގްރޫޕަކީ، ސައުދީ އަރަބިއްޔާ ތަރައްގީ ކުރަން ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒުގެ ލީޑާޝިޕުގެ ދަށުން އުފެއްދި ކުންފުންޏެކެވެ. އެ ކުންފުންޏަކީ ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓު ފަންޑުގެ ދަށުން ހިންގާ ކުންފުންޏެކެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ކޮންމެވެސް ވަރަކަށް ޑރ. ވަހީދު ސިޔާސީ މަސައްކަތުގައި އުޅުއްވި އެވެ. ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ހާލަތެއްގައި ޕީޕީއެމްގެ ޓިކެޓު ހޯދުމަށް ވެސް އެމަނިކުފާނު މަސައްކަތް ކުރެއްވި އެވެ. އެގޮތުން، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ހުށަހަޅަންޖެހޭ ކުށުގެ ރިކޯޑު ސާފު ކުރެއްވުމަށް ކޯޓަށް ވެސް ހުށަހެޅުއްވި އެވެ. ވަހީދު ޕީޕީއެމްއަށް ސޮއި ކުރައްވާފައި ވަަނީ ޖޫން 22، 2020 ގަ އެވެ.

ޕީޕީއެމުން ވަހީދު ވަކިވެވަޑައިގަތީ އޯގަސްޓު، 2023 ގައި ރިޔާސީ ޓިކެޓުގެ މައްސަލައިގަ އެވެ. އޭގެ ފަހުން އެމަނިކުފާނު ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާ އެވެ.

އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ރިޔާސީ ދައުރު 2018 ގައި ނިމުމުން އެމަނިކުފާނު ހުންނެވީ އިދިކޮޅު ޕީޕީއެމްގެ ރައީސްގެ މަގާމުގަ އެވެ. ވެރިކަމަށްފަހު ވެސް ޕީޕީއެމް ލީޑު ކުރެއްވުމަށް އެމަނިކުފާނު ހުންނެވި އެވެ.

ވެރިކަމުން ފައިބައިވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވެ، ފެބްރުއަރީ 6، 2019 ގައި އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާއެއް ދައުލަތުން އުފުލި އެވެ. އަދި ނޮވެމްބަރު 8، 2019 ގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.

ނަމަވެސް އެެ ހުކުމުގައި ދެ އަހަރަށްވުރެ ގިނަ ދުވަސް ހޭދަ ކުރެއްވި ފަހުން ނޮވެމްބަރު، 2021 ގައި ޔާމީންގެ މައްޗަށް ކޮށްފައި އޮތް ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރި އެވެ. އެކަމަކު، ޑިސެމްބަރު 25، 2022 ގައި އަނެއްކާ ވެސް އެމަނިކުފާނުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، 11 އަހަރަށް ޖަލަށްލުމަށް ދަށު ކޯޓުން ހުކުމް ކުރި އެވެ.

އެ ހުކުމުގައި ހުންނަވައިގެން ވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭތޯ ޔާމީން މަސައްކަތް ކުރެއްވި އެވެ. އެގޮތުން، އިންތިހާބުގައި ވާދަ ކުރެއްވޭނެކަން ކަނޑައަޅައިދިނުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. ނަމަވެސް މައްސަލަ ނިމުނީ ޔާމީންއާ ދެކޮޅަށެވެ.

ޔާމީންގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ޑރ. މުއިއްޒު މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު ސަރުކާރުން ޔާމީން ގެއަށް ބަދަލު ކުރި އެވެ. އަދި ދާދިފަހުން އެމަނިކުފާނުގެ ބަންދަށް އިތުރު ލުއިތަކެއް ދީ، މިނިވަންކަމާއެކު ގެއިން ބޭރަށް ނުކުމެ އުޅެވޭ ގޮތަށް ހަމަޖެއްސި އެވެ.

ރައީސް ސޯލިހު


ރައީސް ސޯލިހުގެ ކުރިމަގަކީ ކޮބާ؟

ރައީސް ސޯލިހުގެ މަސައްކަތް ކުރައްވާނެ މިސްރާބެއްގެ އިޝާރާތްތަކެއް އެމަނިކުފާނުގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވި އެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ކުރިން 24 އަހަރު ހުންނެވި ނަމަވެސް، ވެރިކަމުން ފައިބައިވަޑައިގަތުމަށްފަހު މަޖިލީހަށް ވާދަ ކުރެއްވުމުގެ ޝައުގެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ނެތިން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާކަށެއް ދެނެއް. ވަރަށް ސާފު. އަޅުގަނޑު މި ދެންނެވިހެން، މިވަގުތު އަޅުގަނޑުގެ ފޯކަސް މިހުރީ ޕާޓީ ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް. ޕާޓީ ބައިބައިވެގެންދާނެ އެއްވެސް ކަމެއް އަޅުގަނޑު ނުކުރާނަން،" އޮކްޓޯބަރު 2، 2023 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ގަސްދު ކުރައްވަނީ ޕާޓީ ހަރުދަނާ ކުރެއްވުމުގެ މަސައްކަތުގައި ދެމިހުންނެވުމަށް ކަމަށެވެ.

"އެމްޑީޕީއަކީ ފައްކާ، ވަރުގަދަ ޕާޓީއަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އެމްޑީޕީ ހަލާކުވެގެން، ބަލިކަށިވެގެންދާ ތަން ބަލާކަށް އަޅުގަނޑު ނުހުންނާނަން. އޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީގެ އެތެރޭގެ މަގާމަކަށް ކުރިމަތިލެއްވުމާމެދު މިހާތަނަށް ގޮތެއް ނުނިންމަވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ޕާޓީގެ އެތެރޭގައި ހުރި މަގާމުތަކަށް ކުރިމަތިލުމާއި ނުލުން، އެކަމާ އަދި އަޅުގަނޑު ވަކިގޮތެއް ނުނިންމަން. މި ވަގުތު އަޅުގަނޑުގެ މަސައްކަތަކަށްވެފައި މިއޮތީ، ޕާޓީ ޔުނައިޓްކޮށް ހިފެހެއްޓުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތުގެ ދަށުން އިޖްތިމާއީ މަސައްކަތް ކުރެއްވުމަށް އޮފީހެއް ހިންގަވާނެ ކަމުގެ އިޝާރާތެއް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ދެއްވި އެވެ.

"މިކަހަލަ ކިތަންމެ ކަމެއް. އެކަހަލަ ވޮލަންޓިއަރ ކިތަންމެ ކަމެއް، މާބުރަ މަސައްކަތެއް ނޫން އަޅުގަނޑު ކުރަން ނިންމާފައި އޮތީކީ. އަޅުގަނޑު ހިތުން މިކަހަލަ ކަންތައްތައް ކުރެވޭނެ. ތިޔަބޭފުޅުން ދެއްވަންވާނެ އަޅުގަނޑަށް ކޮލަމެއް އިނގޭތޯ. އަޅުގަނޑު އޭރަށް ކޮންޓްރިބިއުޓް ކުރާނަން އަޅުގަނޑަށް ފެންނަ ހިޔާލުތައް،" އެމަނިކުފާނު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ކުރީގެ ރައީސުން ތެރެއިން އާންމު ދިރިއުޅުމުގައި ނުފެނުނު ހަމައެކަނި ބޭފުޅަކީ ރައީސް ނާސިރެވެ. ދެން ތިއްބެވި ހުރިހާ ރައީސުން ފަހުން ވެސް ސިޔާސީ މަސައްކަތުގައި އުޅުއްވި އެވެ. ތަފާތު މަސައްކަތްތަކެއް ކުރެއްވިތަން ފެނުނީ ހަމައެކަނި ޑރ. ވަހީދެވެ. ރައީސް ސޯލިހަށް އޮތް ފުރުސަތުތައް ވަރަށް ބޮޑެވެ. މިވަގުތު ފެންނަ ފެނުމުން އެމަނިކުފާނު ވާނީ އިދިކޮޅު ޕާޓީގެ ލީޑަރަށެވެ.