Advertisement

އޮންނަ ގޮތް ނޫން އެހެން ކޮންމެ ގޮތެއް ވަރިހަމަ؟

17 ސެޕްޓެންބަރު 2023 - 08:14 5

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އޮންނަ ގޮތް ނޫން އެހެން ކޮންމެ ގޮތެއް ވަރިހަމަ؟

17 ސެޕްޓެންބަރު 2023 - 08:14 5

ނަވާރަސަތޭކަ ފަންސާސް ތިންވަނަ އަހަރުގެ ޖެނުއަރީ، 1 ވީ ބުރާސްފަތި ދުވަހެވެ. ދިވެހީން އިންތިޒާރު ކުރަމުން ދިޔައީ އޭގެ ކުރިން ތަޖުރިބާ ކޮށްފައި ނުވާ ބާވަތުގެ ބަދަލަކަށެވެ. ދަހަރަކަށްވުރެ ގިނަ ދުވަހު ރާއްޖޭގެ ވެރިކަމުގެ ތަހުތު ހުސްކޮށް ހުރުމަށްފަހު ދިވެހީންގެ މައްޗަށް އަމުރުމައުރޫފު ހިންގާނެ ވެރިޔަކު ހުވާކުރާ ރަސްމިއްޔާތަށެވެ. 800 އެތައް އަހަރެއްވީ ވިރާސިއްޔަ ދިވެހި ރަސްކަން ޖުމްހޫރިއްޔަތަކަށް ފުރޮޅާލުމުގެ އުފާވެރި ހަފުލާ އަށެވެ.

އެ ސަބަބުތަކުގެ އިތުރަށް އެދުވަހުގެ މުހިންމުކަމާ ގުޅިފައި އޮތް ވަރަށް ހާއްސަ އެހެން ކަމެއް ވެސް އޮތެވެ. އެއީ ދިވެހީންގެ ތެރެއިން ގިނަ ބައެއްގެ ހިތްތަކުގައި އެހައިތަނަށް ކަންކަން ހިނގަމުން ދިޔަގޮތް ބަދަލު ކުރުމަށް އުފެދިފައި އޮތް ރޫހަށް ކާމިޔާބު ލިބުމުގެ އުއްމީދެވެ. އެ ބަދަލާއެކު ދިވެހީންނަށް ހެޔޮ ވެރިކަމެއް ފެނިދާނެ ކަމަށް ދެކެމުން އައި ހުވަފެނެވެ.

އެ އުއްމީދުތައް އާކޮށްދެއްވަމުން އެދުވަހުގެ ހެނދުނު 10:00 ގައި ފެށި ރަސްމިއްޔާތުގައި އޭރުގެ އުއްތަމަ ފަނޑިޔާރު މަނިކުފާނު، އަބްދުﷲ ޖަލާލުއްދީންގެ ކުރިފުޅުމަތީގައި ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ނައިބު ރައީސްގެ ގޮތުގައި ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ އަދި ރައީސްގެ ގޮތުގައި ސުއްމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ހުވާކުރެއްވުމަށްފަހު ރައީސް އަމީން ދެއްވި ހާއްސަ ތަގުރީރުގައި ވާހަކަފުޅުދެއްކެވި އެވެ. ގައުމެއް ކުރިއަރައިދިއުން އޮތީ ވެރިކަން ކުރުމުގެ ނިޒާމުގެ ސަބަބުން ނޫން ކަމާއި ގައުމުގެ ވެރިކަމާއި ރައްޔިތުންގެ ލާބައާއި މަންފާ އޮތީ އެ ވެރިކަމެއް ހިންގޭ ގޮތެއްގެ މައްޗަށް ކަމުގައި އަމީން ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ މަސްއޫލިއްޔަތާއި ވާޖިބުގެ މަތިން ހަނދާން ނައްތާ ނުލަމާތޯ އެވެ؟ ގައުމެއް ކުރިއަރައި ދިޔުން އޮތީ، އެގައުމެއް ހިންގުމުގައި ބޭނުންކުރެވޭ ވެރިކަމުގެ ނިޒާމެއްގެ ސަބަބުން ނޫންކަން ހަނދާން ނައްތާ ނުލަމާތޯ އެވެ! އަދި ކިއެއްތަ، ގައުމެއްގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާއި މަންފާ އޮތީ، އެވެރިކަމެއް ހިންގޭ ގޮތްތަކެއްގެ މައްޗަށެވެ،" އަމީން ދީދީގެ ތަގުރީރުގައި ވިދާޅުވެފައިވެ އެވެ.

އަދި ދިވެހި ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރަށް ޝުކުރު އަދާ ކުރައްވައި ވަލިއްޔުލްއަމްރުގެ މަގާމާ ހަވާލުވެވަޑައިގަންނަވަނީ އެއްވެސް ޖެހިލުމެއް ނެތި، ވަރަށް މަތިވެރި އުއްމީދެއްގައި ކަމަށް އެ ތަގުރީރުގައި އަމީން ވިދާޅުވި އެވެ. އެއަށްފަހު މާތްﷲ ގެ ހަޒުރަތަށް ފުރިހަމައަށް ވަކީލު ކުރާ ހާލު، ދިވެހި ގައުމުގެ އެންމެހައި ދަރިންގެ ކިބައިން އިހުލާސްތެރިކަމާ އެކު ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ނަމަވެސް އެ ދުވަހުގެ އެ ރަން ތާރީހާ ގުޅިފައިވި އެ ވާހަކަތައް ދިވެހީންގެ ސިކުނޑިތަކުގައި ހަރުލާފައި ހުރި ކަމަށްވީ އެންމެ ހަތް މަސްދުވަސް ވަންދެނެވެ. އެދުވަހު ބަދަލު ކުރި ގޮތަކީ އެއީ ރަނގަޅު، ކަމުދާގޮތެއް ނޫންކަމަށް ގަބޫލުކޮށް އިތުރު ގޮތެއް ހޯދަންޖެހޭކަން ހަމަ އެ އަހަރުގެ އޯގަސްޓުގައި ދިވެހީންނަށް ގަބޫލު ކުރެވުނީ އެވެ. އެ ވިސްނުމުގައި ދިވެހީންގެ އަތުން އެ ވެރިކަމާއެކު ދިވެހި ފުރަތަމަ ޖުމްހޫރިއްޔާ ކަފުން ކުރީ އޮތް ގޮތަށްވުރެ މާމޮޅު އެހެން ގޮތެއް އޮވެގެނެއް ނޫންކަން ތާރީހުން އެނގެ އެވެ. އެ ނިންމުން ނިންމީ އޭރު އޮތްގޮތް ނޫން އެހެން ކޮންމެ ގޮތެއް ވެސް ދިވެހީންނަށް ވަރިހަމަ ވެގެންކަން އޭގެފަހުން ހިނގައިދިޔަ ކަންކަމުން އެނގި ސާބިތުވެ އެވެ.

އެއީ ދިވެހިންގެ ވިސްނުން ހަމައެކަނި އޭރު ހުރި ގޮތެއް ނޫނެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް މިކުރި ދަތުރުގެ މޯހިރަށް ބަލައިލުމުން ވެސް ފެންނާން އޮތީ ހަމަ އެއް ކަމެއް، ހަމަ އެގޮތަށް ތަކުރާރުވެފައިވާ މަންޒަރެވެ. އަބަދުވެސް، އަބަދުވެސް ދިވެހީންނަށް އެ އޮންނަ ގޮތް ނޫން އެހެން ކޮންމެ ގޮތެއް ވަރިހަމަ ވާކަމެވެ.

ރަސްކަމާއި ޖުމްހޫރިއްޔަތުގެ ގަޑުބަޑު

ފުރަތަމަ ޖުމްހޫރިއްޔާ ނިމުމަކަށް ގެނެސް އަނިޔާވެރިކޮށް ރައީސް އަމީން އަވަހާރަކޮށްލުމުގެ ފަހަތުގައި ތަފާތު އެކި ސަބަބުތައް ހުރި ކަމަށް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ. އެގޮތުން 1943 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި ހިނގަމުންދިޔަ ބޮޑު ހަނގުރާމައިގެ ކޮޅިގަނޑުގައި ޖެހި ދިވެހި އިގުތިސާދު ވަރަށް ބޮޑަށް އަޑިއަޅާލުމާއި ދިވެހީން ތަހައްމަލު ކުރާން ޖެހުނު ބޮޑުތަދު ހިމެނެ އެވެ.

އޭގެ އިތުރުން އެ ސަބަބުތަކުގެ ތެރޭގައި އެ ކަންކަމާ ގުޅިގެން ރައީސް އަމީން އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކާއި ނާއިންސާފުން އެމަނިކުފާނު ރައްޔިތުންގެ ތެރެއިން ބަޔަކަށް ދެއްވި އަނިޔާ ވެސް ހިމެނެ އެވެ. އެ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައި ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހީންގެ ތެރެއިން ބަޔަކު ވެރިކަމާ މެދު އުފައްދަމުން ދިޔަ ނަފުރަތު އެއީ އަނިޔާވެރި ކަމުގެ ހުޅު ރޯވާން މެދުވެރިވި މައިގަނޑު ސަބަބު ކަމުގައި ތާރީހު އިލްމުވެރިން ބަޔާން ކުރައްވަ އެވެ.

ކޮންމެއަކަސް އެ ސަބަބުތަކާ އެކު ދިވެހީންގެ ހިތްތައް ޖުމްހޫރީ ވެރިކަމުގެ މައްޗަށް ކަޅުވެ، އަމީން ދީދީ ބޭސްކޮޅަކަށް ބޭރަށް ވަޑައިގެން ހުންނަވަނިކޮށް ފުރަތަމަ ޖުމްހޫރިއްޔާ ވައްޓާލި އެވެ. އެއަށްފަހު ވެރިކަން ހިންގަވަމުން ގެންދެވީ ވެލާނާގޭ އިބްރާހިމް ދީދީގެ އިތުރުން އެއްގަމުގޭ އިބްރާހިމް ފާމުލަދޭރި ކިލެގެފާނުން އިސްވެ ތިއްބަވަ އެވެ.

ރައީސް އަމީނުގެ އެ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން މާލޭގެ ހާލަތު ވަރަށް ގޯސްކަމަށް ވިދާޅުވެ ދޫނިދޫއަށް ގެންދެވުނެވެ. އެއަށްފަހު އަނެއްކާވެސް އެމަނުކުފާނަށް ތާއީދު ކުރާ ބައެއްގެ އެދުމުގެ މަތީން މާލެއަށް ގެނެވި، "ހަވަރަށް" ދެވުނެވެ. އަވަހާރަވީ އެދުވަހު ލިބިވަޑައިގެންނެވި އަނިިޔާތަކުގަ އެވެ.

އެ ހައިޖާނަށްފަހު ރާއްޖޭގައި އޮންނަން ބޭނުންވަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ނެގުނު ވޯޓުން ރާއްޖޭގެ ވެރިކަން އަލުން ރަސްކަމަކަށް ބަދަލު ކުރެވުނެވެ. އެއާއެކު ދިގު މުއްދަތެއް ވަންދެން ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވި އަލްއަމީރު މުހައްމަދު ފަރީދު ފާށަނާ ކިލެގެފާނާ ފެބްރުއަރީ 21، 1954 ގައި ރަސްކަން ހަވާލު ކުރެވުނެވެ. ވެރިކަމުގެ ތަހުތަށް އިސްވެވަޑައިތުމަށްފަހު ނަންފުޅުގެ ގޮތުގައި ބޭނުން ކުރެވުނީ ޖަލާލަތުލްމަލިކު މުހައްމަދު ފަރީދުލްއައްވަލް ކީރިތި މަހާރަދުން އެވެ.

ރާއްޖޭގެ ރަސްކަމުގެ ތަހުތުގައި އެންމެފަހުން ރެދަލި ކުރެއްވި އެ މަހާރަދުންގެ ރަސްކަމުގައި ފުރަތަމަ ބޮޑު ވަޒީރެއްގެ ގޮތުގައި ހުންނެވީ އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. ނަމަވެސް އެ މަގާމުގައި އެމަނިކުފާނަށް ހުންނެވުނީ އެންމެ ތިން އަހަރުގެ މުއްދަތެއް ވަންދެނެވެ. މަޖުބޫރު ކުރުވައިގެން އެ މަގާމުން ފާމުލަދޭރި ކިލެގެފާނު އިސްތިއުފާދެއްވުމުން ދެން ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނީ ވެލާނާގޭ އިބްރާހިމް ނާސިރު އެވެ. އޮތްގޮތް ނޫން އެހެން ގޮތެއް ދިވެހިން ބޭނުންވީ އެވެ.

ރާއްޖޭގެ ބޮޑުވަޒީރު ކަމުގައި ނާސިރު 11 އަހަރު ހުންނެވި އެވެ. އެ މުއްދަތުގައި ރާއްޖެއަށް ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ އަދި ބައިނަލްއަގުވާމީ ދާއިރާގައި ލިބުނު ކުރިއެރުންތަކުގެ ސަބަބުން އަނެއްކާވެސް ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކާ ގުޅޭގޮތުން ބޮޑުންގެ މެދުގައި ވާހަކަތައް ދެކެވެން ފެށުނެވެ. އޮތްގޮތް ރަނގަޅުތޯ ދިވެހިންގެ ތެރެއިން ބަޔަކު ސުވާލު އުފައްދަން ފައްޓައިފި އެވެ. އެއަށްވުރެ މޮޅު ގޮތެއް ފެނިދާނެތޯ ފިކުރު ހިންގާން ފަށައިފި އެވެ.

ނަތީޖާއެއްގެ ގޮތުން ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުން ރާއްޖޭގައި އޮންނަން ފެންނަނީ ޖުމްހޫރީ ވެރިކަމެއް ކަމަށް ފާސްކުރުމާ އެކު ފުރަތަމަ ޖުމްހޫރިއްޔާ ވައްޓާލި ތާރީހުން ފެށިގެން ބަރާބަރު 14 އަހަރު ފަހުން މާޗު 15، 1968 ގައި ރައްޔިތުންގެ މެދުގައި ނެގުނު 'ސިއްރު ވޯޓު'ގައި ރާއްޖޭގައި އޮންނަނީ ޖުމްހޫރީ ވެރިކަމެއް ކަމަށް ދިވެހީން އަނެއްކާވެސް ނިންމި އެވެ.

އެ ނިންމުމުގެ ދަށުން ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި ނޮވެމްބަރު 11، 1968 ގެ 00:00 ގައި އޭރުގެ ރައްޔިތުންގެ މަޖިލިސް ކުރާ ގެ، ނާދީ ތަމައްދުންގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އިބްރާހިމް ނާސިރު ވެރިކަމުގެ ހުވާ ކުރެއްވި އެވެ. މިއަދާ ހަމައަށް ދެމި އޮތް ޖުމްހޫރިއްޔަތަށް އަލިވިލުނު ދުވަހަކީ އެއީ އެވެ.

ޑިމޮކުރެސީއާއެކު ބަދަލުގެ ވިސްނުމަށް އިތުރު ދިރުމެއް

އިބްރާހިމް ނާސިރުގެ ފަސް އަހަރުގެ ދެ ދައުރަށްފަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް އެވެ. އެ ވެރިކަމަކީ ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި އެންމެ ގިނަ ދުވަސް ވަންދެން އިތުރު ގޮތެއް ބޭނުން ވިޔަ ނުދީ ދިވެހީންގެ މައްޗަށް ހިންގި ވެރިކަމެވެ. ނަމަވެސް ވެރިކަމުގެ ފަހުކޮޅު، 1990 ގެ ތެރޭގައި އެ ވެރިކަމާ މެދު ވެސް ދިވެހީންގެ ހިތްތަކުގައި ދެކޮޅުވެރިކަން އުފެދި އެ އުދާސްތައް ކެކި އުތުރު އަރާން ފެށި އެވެ. އެ އިހުސާސްތަކުގެ ތެރެއިން ރާއްޖެއަށް ޑިމޮކުރެސީ ތައާރަފުވެ 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބެއް ބޭއްވުނެވެ.

އެ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ފަސް ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް 2008 ވަނަ އަހަރު ފާސް ކުރި އާ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިންވަރަށް ތާއީދު ނުހޯއްދެވުމުން ނަތީޖާ ނެރުމަށް އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ދެވަނަ ބުރެއްގައި ވާދަ ކުރައްވަން ޖެހިވަޑައިގަތެވެ.

އެއްފަރާތުގައި ހުންނެވީ ވެރިކަމުގައި ހުންނަވާތާ 30 ވަނަ އަހަރު ގުނުއްވަމުން ގެންދެވި، އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމެވެ. އަނެއް ފަޅީގައި ތިއްބެވީ އޭރު ސިޔާސީ މައިދާނުގައި އެންމެ އަޑު ހަރުކޮށް އުޅުއްވި ޕާޓީތަކާއި ސިޔާސީ ބޭފުޅުންނެވެ.

ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ފެށުމާ ހަމައަށް ވެސް އެއްވެސް ބަޔަކާ ނުގުޅި ވެރިކަން ހޯއްދެވޭނެ ކަމަށް ވިދާޅުވަމުން ގެންދެވި، އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓު، މުހައްމަދު ނަޝީދުއާ، އޭރު ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވަމުންދިޔަ ޕާޓީތަކުގެ ތެރެއިން އުމަރު ނަސީރުގެ އައިޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓިތަކެއްގެ ފިކުރު އެއްތަން ކުރުވި މުހިންމު ސަބަބެއް އޮތެވެ.

އެއީ 1978 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުމެވެ. އޭރުގެ ސިޔާސީ ބޭފުޅުންގެ ބަހުރުވައިން ނަމަ، "އަނިޔާވެރި 30 އަހަރުގެ ވެރިކަން" ނިމުމަކަށް ގެނައުމެވެ. އެހެންގޮތަކަށް ދަންނަވާނަމަ އޮތްގޮތް ނޫން އެހެން ގޮތެއް ބޭނުން ވުމެވެ. އެ ދުވަހުގެ ހާލަތު ނިޔާ ކުރި ގޮތުން އެ ގޮތަކަށްވީ ރައީސް ނަޝީދު އެވެ.

ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި ގައުމީ އިއްތިހާދުގެ އިތުރުން އެމްޑީޕީގެ ފުރަތަމަ ރައީސް، އިބްރާހިމް އިސްމާއިލް (އިބްރާ) ގެ ސޯޝަލް ލިބަރަލް ޕާޓީއާއި މޯލްޑިވްސް ނެޝަނަލް ކޮންގްރެސް އަދި އަމިއްލަ ގޮތުން އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރެއްވި ކުރީގެ އެޓާނީ ޖެނެރަލް، ޑރ. ހަސަން ސައީދުގެ ތާއީދާއެކު ގިނަ ބައެއްގެ ހިޔާލުގައި ވެސް ކުރެހިފައި ނުވި ތަސްވީރެއްގައި "ވަތަން އެދޭ ގޮތަށް" އެ ކޯލިޝަނުން ކުލަޖައްސައި ނިންމާލީ ދެވަނަ ބުރުގައި ވޯޓުލީ 181,204 މީހުންގެ 54.21 އިންސައްތަ ވޯޓު ހޯދައިގެންނެވެ.

ތާރީހީ އެ ކާމިޔާބަށްފަހު އުފެދުނު ވެރިކަމުގައި މާގިނަ ދުވަހު ކޯލިޝަނުގެ ގުޅުން ދެމެހެއްޓޭ ގޮތް ނުވި ނަމަވެސް އެ ކޯލިޝަނުން ދިވެހިންނަށް، ހާއްސަކޮށް ސިޔާސީވެރިންނަށް ދިން ފިލާވަޅެއް އޮތެވެ. ވެރިކަން ފުރޮޅައި، ބަދަލު ކުރުމުގައި ކޯލިޝަނެއްގެ ހުންނަ އާރާއި ބާރެވެ. އޮންނަ ގޮތް ބަދަލު ކުރުމަށް އެފަދަ ހަރަކާތްތަކުން ކުރަހައިދޭ ފަސޭހަ މަގުޗާޓެވެ.

އޭގެފަހުން، ފާއިތުވި ފަނަރަ އަހަރު ތެރޭގައި ވެސް އެއިރެއްގައި އެ އޮންނަ ސަރުކާރަކާ ދެކޮޅަށް ނަތީޖާ ނެރެފައި ހުރީ ހަތިޔާރެއްގެ ގޮތުގައި އެފަދަ ބިޔަ ބޮޑެތި ކޯލިޝަންތައް އުފައްދައިގެންނެވެ. އިންތިހާބުތަކުން ނާކާމިޔާބުވާ ޕާޓީތަކާއި ވެރިކަމުގެ ފޮނި މީރުކަމާއި ލައްޒަތު ނުލިބޭ ފަރާތްތަކުން ސަރުކާރުތަކާ އިދިކޮޅުވެ، ސިޔާސީ ގޮތުން ކާމިޔާބު ހޯދުމަށްޓަކައި ކޮށާ މަގަކީ ކޯލިޝަނެއް ހެދުމަށް ރައްޔިތުންނަށް ދައްކާންޖެހޭ ސަބަބެއް ހޯދުމެވެ.

ދެހާސް ބާރަ ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ނޫން ގޮތެއް ހޯދަންޖެހޭކަން ރައްޔިތުންނަށް ވިސްނެން މެދުވެރިވި މައިގަނޑު ސަބަބަކަށްވީ އަބްދުﷲ ގާޒީގެ ބަންދެވެ. 2013 ވަނަ އަހަރު ރައީސް ޔާމީނު ވެރިކަމަށް ހޮވީ ރައީސް ނަޝީދަށް ވެރިކަން ލިބުނަ ނުދޭން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމުގައި ވީތީ، އެ އިންތިހާބުގައި ދެވަނަ ހޯއްދެވި ގާސިމް އިބްރާހިމްގެ ތާއީދާ އެކު އެވެ. 2018 ވަނަ އަހަރުގެ އިންތިހާބުގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ދިނީ އޭރުގެ އިދިކޮޅު ހުރިހާ އަނގަތަކެއްގައި ކަސްތޮޅު އަޅުވައި ބަންދުކޮށްފައިވުމުން އެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށް ވީތީ އެވެ.

ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ހުންގާނު ހަވާލު ކުރާނެ ވެރިޔަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ދެވަނަ ބުރު ބޯމަތިވެފައިވާއިރު، ސިޔާސީ ކޮށިގަނޑުގަނޑުން އިވެނީ ހަމަ އެ ރާގުގައި ވިދާޅުވާ އެހެން ވާހަކަތަކެކެވެ. ފިލި ބަދަލުކޮށްލާފައި އިދިކޮޅު ހުރިހާ ޕާޓީތަކުން ވެސް ދައްކަމުން ގެންދަނީ މިހާރު އޮތްގޮތް ނޫން އިތުރު ގޮތެއް ހޯދަންޖެހޭ ވާހަކަ އެވެ. ގައުމަށް ހަމަޖެހުމެއް އަންނާން އޮތީ "އިބޫ ނޫން ގޮތެއް" ހޯދައިގެން ކަމެވެ. އެގޮތަކީ އެއީ ކޮންމެ މީހެއް ކަމުގައިވިޔަސް ނުވަތަ ކޮންމެ ޕާޓީއެއް ކަމުގައިވިޔަސް އެންމެ ރަނގަޅެވެ.

މާޒީގެ ސަފުހާތަކަށް ދިވެހީން އަޅާ ކަރުނަ

ކުރުގޮތަކަށް ނަޒަރު ހިންގައި މިލެވުނު ބައި ގަރުނުގެ މާޒީގައި ނިންމި ހުރިހާ ނިންމުމަކީ ވެސް ދިވެހީން އެދިގެން ދިވެހީންގެ ތެރޭގައި އެއިރެއްގައި އެ އޮންނަ ވިންދާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ނަމަވެސް އޭގެ ތެރެއިން ގިނަ ބަދަލުތަކުގެ ނަތީޖާގެ މައްޗަށް ދިވެހީން ކަރުނައަޅައި ތެންމައިނުލައި ނެތެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ހަނދާނުން ފެށިގެން އައިސް މިއަދުގެ މިވަގުތާ ހަމައަށް ވެސް ކަން ހިނގަމުން އަންނަނީ އެ މަގުންނެވެ.

ބަދަލު ބޭނުންވެގެން އެކަމަށް އެއްބަޔަކު ޖޯޝާއެކު މަސައްކަތްކުރާއިރު، އެގޮތް ބޭނުން ނުވާ މީހުން ތިބެނީ ހަނެވެ. އެމީހުން ތެދުވަނީ އެ ބަދަލެއް ގެނެވޭ ފަހުން އޭގެ ހިތިކަން ފެނުނީމަ އެވެ.

ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަމީން ދީދީއަށް ދިން އަނިޔާތަކާއި، އެ ވެރިކަން ނިމުމުގެ ހިތިކަން ދިވެހިން ތަހައްމަލުކުރީ ވަގުތު ފާއިތުވި ފަހުންނެވެ. ބަޔަކު މީހުން އޭރު އަމީން ދީދީއަށް ދިން އަނިޔާއަކީ އިންސާފުން ބޭރުން ދިން އަނިޔާއެއް ކަމަށް ދިވެހިންގެ ގިނަ ބަޔަކު ފަހުން ގަބޫލު ކުރި އެވެ.

އެއަށްފަހު އިނގިރޭސިންގެ އަތްދަށުން ދިވެހީން މިނިވަން ކޮށްދެއްވި ބަތަލު، އިބްރާހިމް ނާސިރުއަށް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރި މަލާމާތާއި ފުރައްސާރައަކީ ހައްގު ފުރައްސާރައެއް ނޫންކަމަށް ގަބޫލު ކުރާ އެތައް ދިވެހީންނެއް މި ހިނދުގައި ވެސް ދުނިޔޭގައި އެބަތިއްބެވެ.

ދެހާސްއަށް ވަނަ އަހަރު ފުރޮޅާލި ވެރިކަމާ މެދު ދިވެހީންގެ ވިސްނުން އެނބުރުނު ގޮތް ފެބްރުއަރީ 7، 2012 ގައި ޖުމްހޫރީ މައިދާނުން އެކަނި ވެސް ސާފުވެގެންދިޔަ އެވެ. އެއަށްފަހު އިދިކޮޅުގެ ގޮތުގައި އެމްޑީޕީ އިސްވެ އޮވެ ހަތް އަހަރު ވަންދެން މަގުމަތީގައި ކުރި، މޭޑޭ މުޒާހަރާއާއި 27 ފެބްރުއަރީ ފަދަ ބޮޑެތި އެއްވުންތަކުގައި އިއްވި އުދާސްތަކުން ފެބްރުއަރީ 7 ގައި ގެނައި އިންގިލާބާ މެދު ކުރި ހިތާމަ ކިތަންމެހައި ވެސް ރަނގަޅަކަށް ހާމަވެގެންދިޔަ އެވެ.

އޭގެފަހުން 2018 ވަނަ އަހަރު އުފެދުނު އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ހަމަވާން މިހާރު ކުޑަ ދުވަސްކޮޅަކަށްވެފައި ވާއިރު، އިންތިހާބުގެ ފުރަތަމަ ބުރުގައި ދިވެހީން ވަނީ މީގެ ފަސް އަހަރު ކުރިން ނޫނެކޭ ބުނި ފިކުރުގެ ބޭފުޅަކަށް އާނ ބަސް ބުނެފަ އެވެ. ނަމަވެސް އެ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަން ޔަގީން ކުރެވޭނީ މިމަހުގެ 30 ގައި އޮންނަ ދެވަނަ ބުރުގެ ވޯޓުންނެވެ.

އެދުވަހު ނިންމާ ނިންމުމާމެދު ފަހުން ހިތާމަ ކުރާނީތޯ ނުވަތަ 2018 ގައި ނިންމި ނިންމުމަކީ ގޯސް ނިންމުމެއްކަމަށް ކަނޑައަޅާނީތޯ އެއީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެކެވެ. މާޒީގައި ކަން ހިނގާފައިވާ ގޮތަކީ ކުރިމަގުގެ މޫނު ބަލާ ލޯގަނޑެވެ. މާޒީ ދައްކާފައިވާ ހަގީގަތަކީ މިއީ އެވެ.

އޮންނަ ގޮތް ނޫން އެހެން ގޮތެއް ވަރިހަމަވުން އެއީ އަބަދުވެސް ފަހުން އެކަމާ މެދު ދިވެހީން ހިތާމަ ކޮށްފައިވާ ކަމެކެވެ. އޮތްގޮތް ނޫން އެހެން ގޮތެއް ހޯދަންވާނީ އެގޮތަކުން ގައުމެއް ލިބޭން އޮތް މޮޅުތަކެއް ކަށަވަރަށް ފެންނާން އޮވެގެންނެވެ. ހަމައެކަނި ހެޔޮ އުއްމީދެއްގައި ތިބެ، މާޒީގެ ސަފުހާތަކަށް ބެލުމެއްނެތި ނިންމާ ނިންމުމުގެ ހިތިރަހަ އަރުބުޑުގައި ލުމަކީ ދިވެހިންގެ ހަމަ އެކަކުވެސް އެދޭނޭ ގޮތެއް ނޫނެވެ.