11 އޮގަސްޓު 2021 - 23:23 0
މުބާރާތުގެ މެޗަކަށް ނެރުނު ބުރު ޓީމުގެ ފުރަތަމަ އެގާރަ: ބުރަކީ މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމު.-- ފޮޓޯ: ބުރު ސްޕޯޓްސް ކްލަބް
11 އޮގަސްޓު 2021 - 23:23 0
އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ކުއާޓާ ފައިނަލް ދެ މެޗުން މޮޅުވެ، ކްލަބް އޮންލީ ވަން އޮޕޮޗިއުނިޓީ (އޯވަންއޯ) އާއި ބުރު ސްޕޯޓްސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދުމުގެ އިތުރުން ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވެއްޖެ އެވެ.
ތިން ވަނަ ޑިވިޝަންގެ މެޗުތައް ކުރިއަށްދަނީ ޓާފް އެއް ނަމްބަރު ދަނޑުގަ އެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި ޓެންޓް ސްޕޯޓްސް ކްލަބް އަތުން ކްލަބް އޯވަންއޯ މޮޅުވީ 2-0 އިންނެވެ. އަދި މިރޭ ބުރު ވަނީ ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބް 11-0 އިން ބަލިކޮށްފަ އެވެ. ސެމީގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހު ބުރު ކުޅޭނީ އޯވަންއޯއާ އެވެ.
ކުއާޓާގެ ފުރަތަމަ މެޗުގައި ޓެންޓް ކޮޅަށް މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް އޯވަންއޯގެ ގޯލުތައް ޖެހީ ފުރަތަމަ ޑިވިޝަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު ޝަހީމް އަބްދުލް ގާދިރު އާއި ފުރަތަމަ ޑިވިޝަނުގައި ވިކްޓްރީ އާއި ވެލެންސިއާ ޖޯޒީގައި މޮޅު ކުޅުމެއް ދެއްކި އޮމޮދޫ ގޮޑްފްރޭ ވެސްޓް އެވެ.
ރަނގަޅު ސްކޮޑަކާ އެކު އޮތް ކްލަބް އޯވަންއޯގެ ކޯޗަކީ ފުރަތަމަ ޑިވިޝަނުގައި ވެލެންސިއާ އާއި ނިއު ރޭޑިއަންޓް އަދި ކްލަބް ގްރީން ސްޓްރީޓްސް އަށް ކޯޗުކޮށްދިން ކުރީގެ އެއް ވަނަ ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) އެވެ.
ތަޖުރިބާކާރު ކޯޗު އަހުމަދު ނިމާދުު (ނިމާ)ގެ ކޯޗުކަމުގައި ކުޅޭ ބުރުން މިރޭ ވަނީ ކެޕިޓަލް ސިޓީ ކޮޅަށް 11 ގޯލު ޖަހައިފަ އެވެ. މި މެޗުގައި ބުރުގެ އަބްދުﷲ ޝާފިއު ވަނީ ހެޓްރިކެއް ހަދައިފަ އެވެ.
ދެން އެ ޓީމުގެ ގޯލުތައް ޖެހީ ކުރިން އީގަލްސް އަށް މޮޅު ކުޅުމެއް ދެއްކި މުހައްމަދު ތަސްމީން (ތައްތި)، ހުސެއިން ޝަރީފް، ބިދޭސީ ފޯވާޑް ވަޑީމް ޕެޓްރޯވް ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަދި ޑިފެންޑަރު ރޯމަން ކުޑްޗެންކޯ ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ.
ސެމީ ފައިނަލްގެ ބާކީ ދެ ޖާގަ ކަށަވަރުވާނީ ކުއާޓާގެ ފަހު ދެ މެޗު ނިމުމުންނެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ އެލްޓީ ސްޕޯޓްސް ކްލަބާ އެެވެ. އަދި މާދަމާރޭ ކްލަބް ޓީނޭޖް ވާދަކުރާނީ ބިސް ބުރު ސްޕޯޓްސްއާ އެވެ. ދެ ވަނަ ސެމީގައި ކުޅޭނީ މާދަމާ ކުޅޭ ކުއާޓާގެ ދެ މެޗުން މޮޅުވާ ދެ ޓީމެވެ. ފައިނަލް އޮންނާނީ މި މަހު 19 ވަނަ ދުވަހު އެވެ.
Comment