Advertisement

ތިން ވަނަ ޑިވިޝަން: ކްލަބް އޯވަންއޯ އާއި ޓެންޓްގެ ކުރިމަތިލުމެއް

10 އޮގަސްޓު 2021 - 13:37 0

ތިން ވަނަ ޑިވިޝަން މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ކްލަބް އޯވަންއޯ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ކްލަބް އޯވަންއޯ


ތިން ވަނަ ޑިވިޝަން: ކްލަބް އޯވަންއޯ އާއި ޓެންޓްގެ ކުރިމަތިލުމެއް

10 އޮގަސްޓު 2021 - 13:37 0

އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ކްލަބް އޮންލީ ވަން އޮޕޮޗިއުނިޓީ (އޯވަންއޯ) އާއި ޓެންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރަން ޖެހިއްޖެ އެެވެ.

ކްލަބް އޯވަންއޯ އަށް ކުއާޓާގެ ފަހު ޖާގަ ކަށަވަރުވީ ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅެން އޮތް ފަހު މެޗު ނުކުޅެ މެޗު ލިބުމުންނެވެ. އޯވަންއޯއާ ދެކޮޅަށް އާދީއްތަ ދުވަހުގެރޭ ރޭޖް ސްޕޯޓްސް ކްލަބު ކުޅެން އޮތް މެޗުގައި އެ ޓީމުގެ ކުޅުންތެރިން ހަމަ ނުވުމުން ކްލަބް އޯވަންއޯ އަށް މެޗު ލިބުނީ އެވެ. އެ މެޗު ކުޅެގެން މޮޅުވި ނަމަ ރޭޖަށް ވެސް ކުއާޓާގެ ޖާގަ ހޯދުމުގެ ފުރުސަތު ފަހިވެފައި އޮތެވެ.

ކުއާޓާގައި ކްލަބް އޯވަންއޯއާ ދެކޮޅަށް ކުޅޭ ޓެންޓަކީ މި ފަހަރުގެ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޓީމެކެވެ. އެ ޓީމުން ވަނީ ގްރޫޕް އޭގެ އެއް ވަނަ ހޯދައިފަ އެވެ. ޓެންޓަކީ މި ފަހަރުގެ ތިން ވަނަ ޑިވިޝަނަށް އެންމެ ދުރާލާ ތައްޔާރުވި ޓީމުތަކުގެ ތެރެއިން ޓީމެކެވެ.

ކުއާޓާ ފައިނަލްގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ މި ފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަކޮށް ފެންނަ ބުރު ސްޕޯޓްސް ކްލަބާއި ގްރޫބީގެ ރަނަރަޕް ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބް އެވެ. މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބުރުން ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ހޯދުމުގެ އިތުރުން ގިނަ އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅެފައިވެ އެވެ. ބުރާއި ކެޕިޓަލް ސިޓީ ކުޅޭ މެޗު އޮންނާނީ މާދަމާރޭ އެވެ.

ތިން ވަނަ ކުއާޓާ ފައިނަލުގައި ބުރާސްފަތި ދުވަހު ހަވީރު ގްރޫޕް ބީގެ އެއް ވަނަ ހޯދި ލޮރެންޒޯ ސްޕޯޓްސް ކްލަބް ކުޅޭނީ ގްރޫޕް ސީގެ ރަނަރަޕް އެލްޓީ ސްޕޯޓްސް ކްލަބާ އެވެ. އަދި ކުއާޓާގެ ފަހު މެޗުގައި ގްރޫޕް ޑީގެ އެއް ވަނަ ކްލަބް ޓީނޭޖް ބައްދަލުކުރާނީ ގްރޫޕް އޭގެ ދެ ވަނަ ހޯދި ބިސް ބުރު ސްޕޯޓްސް ކްލަބާ އެވެ. އެ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެރޭގަ އެވެ.

ކޮވިޑް-19ގެ ހާލަތު ގޯސްވާތީ މެއި މަހު އެފްއޭއެމުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަަވަހަށް ނިންމާލަން ނިންމިއިރު، ތިން ވަނަ ޑިވިޝަން ކުރިއަށް ގެންދަން ނިންމި އެންމެ ބޮޑު ސަބަބަކީ މި ފަހަރުގެ މުބާރާތަކީ ދެން ބާއްވާ ދެ ވަނަ ޑިވިޝަނަށް ޓީމުތައް ހޮވަން ފުރިހަމަކުރަން ޖެހޭ މުބާރާތަކަަށްވާތީ އެވެ.

ތިން ވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ، ސެމީ ފައިނަލްގެ ޖާގަ ހޯދާ ކޮންމެ ޓީމަކަށް ވެސް ދެ ވަނަ ޑިވިޝަނުގެ ޖާގައެއް ވެސް ކަށަވަރުވާނެ އެވެ.

ތިން ވަނަ ޑިވިޝަނުގެ މެޗުތައް ކުޅެނީ ޓާފް އެއް ނަމްބަރު ދަނޑުގަ އެވެ.