Advertisement

ފްރާންސްގައި ވެކްސިން ނުޖަހާ މީހުންނަށް ކެފޭތަކަށް ނުވަދެވޭނެ

29 ޖުލައި 2021 - 11:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފްރާންސްގެ ކެފޭއެއްގައި ކޮވިޑާ ގުޅޭ ނޯޓިސް ބޯޑެއް ބައިންދާފައި.-- ފޮޓޯ: އޭއެފްޕީ


ފްރާންސްގައި ވެކްސިން ނުޖަހާ މީހުންނަށް ކެފޭތަކަށް ނުވަދެވޭނެ

29 ޖުލައި 2021 - 11:59 0

ޕެރިސް، ފްރާންސް (ޖުލައި 29) - ފްރާންސްގެ ކެފޭތަކަށް ވަނުމަށާއި، ދަތުރުފަތުރު ކުރުމަށް ބޭނުން ނަމަ ވެކްސިން ޖެހުން ނުވަތަ ކޮވިޑަށް ޓެސްޓު ކުރުން މަޖުބޫރުވާ އާ ގާނޫނަށް އޯގަސްޓް ނުވަ ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ނިންމައިފި އެވެ.

ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ކެފޭއަކަށް ވަނުމަށް ނުވަތަ ފްލައިޓަށް އަދި ރޭލަށް އެރުމަށް އެ ގާނޫނުގެ ދަށުން "ހެލްތު ޕާސް" ބޭނުންވާނެ ކަމަށެވެ. އެ ގާނޫނު މަޖިލީހުން ފާސްކުރީ ފާއިތުވި ހަފްތާ ބަންދުގަ އެވެ. އެކަމާ ދެކޮޅަށް ބޮޑެތި އެއްވުންތައް ދަނީ ބާއްވަމުންނެވެ.

ނަމަވެސް އެއްވުންތަކަށް ފަރުވާލެއް ނެތި، ސަރުކާރުން ބޭނުން ވަނީ ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައިގައި "ހެލްތު ޕާސް" އަކީ މުހިއްމު ބަޔަކަށް ހެދުމަށެވެ. ސައްހަ "ހެލްތު ޕާސް" ލިބެނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން، ކޮވިޑަށް ނެގެޓިވް ނަތީޖާއެއް ލިބުމުން ނުވަތަ ވަރަށް ފަހުން ބަލި ޖެހި ރަނގަޅުވެފައި ހުރުމުންނެވެ.

އާ ގާނޫނުގެ ދަށުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި މުސްކުޅިންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން އަދި ކުޑަކުދިން ބަލަހައްޓާ ވަޒީފާގައި އުޅޭ ފަރާތްތައް ވެކްސިން ޖެހުން މަޖުބޫރު ވާނެ އެވެ.

މިދިޔަ ޖުލައި 21 އިން ފެށިގެން މިއުޒިއަމްތަކާއި، ސިނަމާ އަދި 50 މީހުންނަށް ވުރެ ގިނަ މީހުން ތިބޭ ސަގާފީ ވެނިއުތަކަށް ދިޔުމަށް "ހެލްތު ޕާސް" ބޭނުން ކުރަން ފެށި އެވެ. ސަރުކާރުގެ ތަރުޖަމާނު ގެބްރިއެލް އަޓަލް ވިދާޅުވީ އޯގަސްޓް ނުވަ ވަނަ ދުވަހުން ފެށިގެން ކެފޭތަކާއި ފްލައިޓް އަދި ރޭލުގެ ހިދުމަތް ލިބޭނީ "ހެލްތު ޕާސް" އޮވެގެން ކަމަށެވެ.

ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ކޭސްތައް މަތިވެ ފްރާންސްގައި ދުވާލަކު 19،000 މީހުން ޕޮޒިޓިވްވަމުން ދާއިރު، މިއީ މީގެ ހަފްތާއެއް ކުރިއާ އަޅާ ބަލާއިރު 97 ޕަސެންޓުގެ އިތުރުވުމެކެވެ. އަޓަލް ވިދާޅުވީ އެކަމުން އަންގައިދެނީ ގައުމުގެ ސިއްހީ ހާލަތު ގޯސްވަމުންދާކަން ކަމަށެވެ.

އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ފްރާންސްގެ އުމުރުން 18 އަހަރުން މަތީގެ މީހުން 50 ޕަސެންޓު މިހާރު ވަނީ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ. ސަރުކާރުގެ "ހެލްތް ޕާސް" ސްޓްރެޓެޖީގެ ސަބަބުން ކޮވިޑާ ދެކޮޅަށް އެންމެ ބޮޑު ހަތިޔާރަކީ ވެކްސިނެވެ.