Advertisement

ފްރާންސްގެ ވެކްސިން ޕާސްޕޯޓް ގާނޫނު ފާސްކޮށްފި

26 ޖުލައި 2021 - 12:17 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮވިޑުގެ ފިޔަވަޅުތަކާ ދެކޮޅަށް ފްރާންސްގައި ބޭއްވި އެއްވުމެއް.-- ފޮޓޯ: ރޮއިޓާޒް


ފްރާންސްގެ ވެކްސިން ޕާސްޕޯޓް ގާނޫނު ފާސްކޮށްފި

26 ޖުލައި 2021 - 12:17 0

ޕެރިސް، ފްރާންސް (ޖުލައި 26) - ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި ފްރާންސްގެ އާއްމު ދިރިއުޅުމުގެ މުހިއްމު ބަޔަކަށް ވެކްސިން ޕާސްޕޯޓް ހެދުމަށް އެ ގައުމުގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކޮށްފައި ވަނީ އެކަމާ ދެކޮޅަށް 160،000 އަށް ވުރެ ގިނަ މީހުން އާދީއްތަ ދުވަހު މުޒާހަރާކޮށްފައި ވަނިކޮށެވެ. އެއްވުންތަކުން ގިނަ ބަޔަކު ހައްޔަރު ވެސް ކުރި އެވެ.

މިދިޔަ ހަފްތާގައި ރައީސް އިމޭނުއެލް މެކްރޯން ވިދާޅުވީ ސިނަމާތަކާއި ނައިޓްކްލަބުތައް ފަދަ ތަންތަނަށް ދިޔުމަށް ވެކްސިން ފުރިހަމަ ކުރި ކަމުގެ ހެކި ނުވަތަ ކޮވިޑަށް ނެގެޓިވް ކަމުގެ ހެކި ދައްކަން ޖެހޭނެ ކަމަށެވެ.

އޭގެ ބޭނުމަކީ ކޮވިޑް ކޮންޓްރޯލް ކުރަން އެންމެ މުހިއްމު ހަތިޔާރަކީ ވެކްސިނަށް ވާތީ ވެކްސިން ޖެހުމަށް ގިނަ މީހުންނަށް ބާރު އެޅުމެވެ. އެގޮތަށް އަމަލު ކުރަން ފެށުމުން ވެކްސިން ނުޖަހާ މީހުންނަށް އާއްމު ދިރިއުޅުމުގައި ގިނަ ދަތިތަކާ ކުރިމަތިވާނެ އެވެ.

އެ ބަދަލު ގެނައީ ރިޔާސީ ގަރާރުން ނަމަވެސް، މިދިޔަ އަންގާރަ ދުވަހުން ފެށިގެން މަޖިލީހުން ދިޔެއީ އެ ބަދަލު ދެމެހެއްޓުމާ މެދު ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުންނެވެ.

ވެކްސިން ޕާސްޕޯޓަކީ މަދަނީ އެތައް ހައްގެއް ގެއްލޭ ކަމެއްގެ ގޮތުގައި ބަޔެއް މީހުން ދެކެ އެވެ. އެހެންވެ އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަ އެވެ.

މަޖިލީހުން އެ ނިންމުން ގާނޫނެއްގެ ގޮތުގައި ފާސްކުރަން ވެސް ވެރިކަން ކުރާ ޕާޓީއަށް ގޮންޖެހުންތަކާ ދިމާވި އެވެ. ނަމަވެސް އާދީއްތަ ދުވަހުގެ ރޭ ތިން ގަޑިއިރުގެ މަޝްވަރާއަށް ފަހު އެ ގާނޫނު ވަނީ ފާސްކޮށްފަ އެވެ.

އެހެން ނަމަވެސް ގާނޫނަށް އަމަލު ކުރަން ފެށޭނީ އެންމެ މަތީ އިދާރާ، ކޮންސްޓިޓިއުޝަނަލް ކައުންސިލުން ފާސްވެގެންނެވެ. އެ ތަނުގެ ހުއްދަ ހޯދަން އެދުނީ ބޮޑު ވަޒީރު ޖޯން ކެސްޓެކް އެވެ.