Advertisement

ބްރިޖުގެ ބިޔަ މަޝްރޫއު ފަށަން އިންޑަސްޓްރިއަލް ވިލެޖުގެ ބިންތަކެއް ހުސްކުރަން އަންގައިފި

6 ޖުލައި 2021 - 19:40 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު: ބްރިޖް އަޅަން ބައެއް ބިންތައް ހުސްކުރަން ވަނީ އަންގާފައި.


ބްރިޖުގެ ބިޔަ މަޝްރޫއު ފަށަން އިންޑަސްޓްރިއަލް ވިލެޖުގެ ބިންތަކެއް ހުސްކުރަން އަންގައިފި

6 ޖުލައި 2021 - 19:40 0

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ ބިޔަ މަޝްރޫއުގެ މަސައްކަތަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބައެއް ބިންތައް ހުސްކުރަން ނެޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

މި މަޝްރޫއުގައި، މާލެ އިން ގުޅީފަޅަށް 67 ކިލޯމީޓަރު ބްރިޖް އަދި ކޯޒްވޭއެއް ގާއިމްކުރާނެ އެވެ. ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު، މާލޭކޮޅުން ގުޅާލަނީ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދަށެވެ.

ވަރަށް އަވަހަށް ބްރިޖުގެ މަސައްކަތް ފަށަން ނިންމާފައިވާ އިރު މާލޭގެ ވޯކްސައިޓެއްގެ ގޮތުގައި ވެސް ބޭނުންކުރަން ހަމަޖައްސާފައިވަނީ އެ ސަރަހައްދުގެ ބޮޑު ބައެކެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އިންޑަސްޓްރިއަލް ވިލެޖުގައި ވަގުތީ ގޮތުން އެކި ކަންކަމަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ސަރަޙައްދުގައި ހިމެނޭ، ވަކި ފަރާތަކާ ހަވާލުކޮށްފައިނުވާ ބިންތަކަކީ ބުރިޖުގެ މަސައްކަތަށް އެކަށައަޅާފައިވާ ބިންތަކެއް ކަމަށް ވެސް ބުންޏެވެ.

ބްރިޖު އޮންނާނެ ގޮތް: މި މަޝްރޫއު ކުރިއަށް ގެންދަން ހަވާލުކުރަން ނިންމާފައި އޮތީ އިންޑިއާގެ އެފްކޮން އިންފްރަސްޓަރަކްޗާ ޕްރައިވެޓް ލިމިޓެޑާ.


އެ ބިންތަކާއި އިންޑަސްޓްރިއަލް ވިލެޖުގެ އެކި ސަރަހައްދުތަކުގެ މަގުތަކުގައި ބައެއް ފަރާތްތަކުން ވެހިކަލް ޕާކުކޮށްފައި ހުންނަކަން ފާހަގަކުރެވޭތީ އެ ވެހިކަލްތައް ނަގައި އެތަން ހުސްކުރަން ވެސް ވަނީ އަންގައިފަ އެވެ. މި ވެހިކަލްތައް ނަގަން ދީފައިވާ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ ނިޔަލެވެ.

އޭގެފަހުން މިނިސްޓްރީން އެތަން ހުސްކުރާއިރު ވެހިކަލަކަށް ލިބިދާނެ ގެއްލުމަކަށް ޒިންމާނުނަގާނެ ކަމަށް މިއަދު އޮތީ އިއުލާންކޮށްފަ އެވެ.

މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ބްރިޖު އަޅަން ހަވާލުކޮށްފައި އޮތީ އިންޑިއާގެ އެފްކޮން އިންފްރަސްޓްރަކްޗާ ލިމިޓެޑާ ކަން "އަދަދު"އަށް ވަނީ ކަށަވަރުވެފަ އެވެ.

އެފްކޮންއަކީ އައްޑޫގެ މަގުތައް ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމްކުރަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ.

ބްރިޖު ޕްރޮޖެކްޓު ހިންގަން ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. މިއީ ޕްރޮޖެކްޓު ނިމޭތާ ފަސް އަހަރު ފަހުން އަނބުރާ ދައްކަން ފަށަންޖެހޭ ލޯނެކެވެ.

އެގްޒިމް ބޭންކުގެ ލޯނާ އެކު މި ބްރިޖަށް ދެން ފަންޑުކުރާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ދީފައިވާ 100 މިލިއަން ޑޮލަރާއި ދިވެހި ދައުލަތުގެ ފައިސާއިންނެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ ތިލަފުށްޓާއި މާލެ ގުޅާލާ ބްރިޖްގެ މަޝްރޫއު އަށް 500 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މި އަހަރަށް ކަނޑައެޅި ބަޖެޓުގައި މި ބްރިޖަށް 411 މިލިއަން ހިމަނާފައިވެ އެވެ.

އެފްކޮން ކުންފުންޏާ ބްރިޖް މަޝްރޫއު ހަވާކުރަން ނިންމީ އެނގިފައިވާ ގޮތުގައި، މި މަޝްރޫއުގައި ވާދަކުރި އިންޑިއާގެ އަނެއް ދެ ކުންފުންޏާ ވާދަކޮށެވެ. އެއީ، އަޝޯކާ ބިލްޑްކޮން އާއި ލާސެން އެންޑް ޓުއަބްރޯ ލިމިޑެޓާ އެވެ.