Advertisement

ވަޒީފާއިން ވަކިކުރި މައްސަލަ އިޔާޒް ޓްރައިބިޔުނަލަށް ހުށަހަޅަނީ

4 ޖުލައި 2021 - 22:34 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. އިޔާޒް ވަނީ އެ މަގާމުން ވަކިކޮށްފައި. --


ވަޒީފާއިން ވަކިކުރި މައްސަލަ އިޔާޒް ޓްރައިބިޔުނަލަށް ހުށަހަޅަނީ

4 ޖުލައި 2021 - 22:34 0

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ (އެމްއެންޔޫ) އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވަޒީފާއިން ވަކި ކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިޔުނަލަށް ހުށަހަޅަން އޭނާ ނިންމަވައިފި އެވެ.

އިޔާޒް ވަޒީފާ އިން ވަކިކުރީ، އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނުމަށް ފަހު އެވެ. މި މައްސަލައިގެ ކުރިން ވެސް އިޔާޒަށް ނަސޭހަތްދީފައިވެ އެވެ.

ސޯޝަލް މީޑިއާގައި އިޔާޒު ލިއުނު ޕޯސްޓްތަކަކާ ގުޅިގެން އެމްއެންޔޫއިން މިދިޔަ މާޗް މަހުގެ ތެރޭގައި އިޔާޒް 14 ދުވަހަށް ސަސްޕެންޑް ކުރި އެވެ. އެފަހަރު ސަސްޕެންޝަން އުވާލީ އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރު އިޔާޒަށްދިނުމަށް ފަހު އެވެ.

ނަމަވެސް، އިޔާޒް ވަނީ އޭނާ ވަޒީފާއިން ވަކިކުރުމުގެ ފަހަތުގައި އެހެން ސަބަބުތަކެއް ހުރި ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

އެގޮތުން، އިޔާޒް މިރޭ "އަދަދު"އަށް ވިދާޅުވީ އެމްއެންޔޫގެ ވަޒީފާއިން ވަކި ކުރި މައްސަލަ ޓްރައިބިޔުނަލަށް ހުށަހަޅަން ނިންމަވާފައިވާ ކަމަށެވެ.

"އަޅުގަނޑު އެކަން ކުރާނަން. ހީވަނީ މާދަމާ އެ މައްސަލަ ޓްރައިބިޔުނަލަށް ހުށަހެޅޭނެހެން،" އިޔާޒް ވިދާޅުވި އެވެ.

މަގާމުން ވަކި ކުރި މައްސަލާގައި އިޔާޒްގެ ދިފާއުގައި ގިނަ ދީނީ އިލްމުވެރިންގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ ނުކުމެފަ އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ވަނީ އެމްއެންޔޫގެ ނިންމުމަކީ ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.

އެހެންކަމުން، އެ ނިންމުން ބާތިލުކޮށް، އިޔާޒް ހުންނެވި މަގާމަށް އަލުން އިއާދަކޮށްދިނުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

އޭގެ އިތުރުން، އެ ބަޔާނުގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، އިޔާޒަށް ފިޔަވަޅު އެޅުމުގެ ފަހަތުގައި ވަނީ ވަކި މައްސަލައަކާމެދު އޭނާ ފާޅުކުރެއްވި ޝުއޫރެއް ނޫން ކަމަށެވެ.

"...އިޔާޒާމެދު ގައުމީ ޔުނިވާސިޓީން އެޅި ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް އިސްލާމްދީނާ ދެކޮޅަށް ރާއްޖޭގައި ހިންގޭ އުދުވާންތައް ހުއްޓުވުމަށް ސާބިތުކަމާއެކު އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެކެވެ،" އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން ތުހުމަތުކޮށްފައިވެ އެވެ.

އަދި އެކަމުން އެމްއެންޔޫއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެފައިވާއިރު، ޒުވާން ޖީލު ތަރުބިއްޔަތުކުރުމާއި ގައުމުގެ ސިޔާސަތު ކަނޑައެޅުމާއި މުޖުތަމައުގެ އެންމެހާ ދާއިރާތަކުން އިސްލާމްދީނުގެ އިލްމުވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން އެދޭބަޔަކު ހިންގާ ނުރައްކާތެރި ރޭވުމެއްގެ ބައެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ.

އެހެންކަމުން، މީގެ ކުރިންވެސް އެމްއެންޔޫ އޮތްގޮތަށް، ހަގީގީ އިލްމީ މުއައްސަސާއެއްގެ ގޮތުގައި އިލްމީ ދަންމަރު އުފުލުމުގެ ގާބިލުކަންހުރި ތަނަކަށް ހެދުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

އިޔާޒު ވަޒީފާ އިން ވަކިކުރިއިރު، އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް އަންނަނީ ބަލަމުންނެވެ.