Advertisement

ދެ އިންތިހާބު އެއްކޮށްލަން ފެންނަ ކަމަށް ވޯޓުދޭން އަދާލަތުން ތާއީދުކޮށްފި

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: އަދާލަތު ޕާޓީ


ދެ އިންތިހާބު އެއްކޮށްލަން ފެންނަ ކަމަށް ވޯޓުދޭން އަދާލަތުން ތާއީދުކޮށްފި

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރަން އަދާލަތު ޕާޓީން އިއްޔެ ނިންމައިފި އެވެ.

އެ ނިންމުން ނިންމާފައި ވަނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން ކަމަށް އެ ޕާޓީގެ ސޯޝަލްމީޑިއާގައި ލިޔެފައިވެ އެވެ. އެހެންނަމަވެސް، އޭގެ ތަފުސީލެއް ނޭނގެ އެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީން ތާއީދުކުރަން ނިންމި ސަބަބާ ގުޅޭގޮތުން އެ ޕާޓީގެ ތަރުޖަމާނު، ހުސައިން އަންސާރު ވިދާޅުވީ އެ ނިންމުން ނިންމާފައި ވަނީ ވަރަށް ބައިވަރު ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

"މައިގަނޑު ގޮތެއްގައި އެ ގޮތަށް ފާސްކުރަން ނިންމި ބޭފުޅުންގެ ރައުޔަކީ އެއީ ހަރަދު ކުޑަކުރުން އެއީ ވަރަށް ބޮޑު އެޑްވާންޓޭޖަކަށްވެފައި އަދި އަނެއްކާ އިންސާނީ ވަސީލަތްތަކާއި މުއައްސަސާތަކުން އެކަމަށް އެންގޭޖުވާ އެންގޭޖުވުން ވެސް ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް ފެނުން،" އަންސާރު ވިދާޅުވި އެވެ.

"ދެން ހަމައެހެންމެ، ދެ އިންތިހާބު އެއްކޮށްލުމުން މަޖިލިސް އިންތިހާބުގައި ވޯޓުލާ ނިސްބަތް ވެސް ބޮޑުތަނުން އިތުރުވުމަކީ ރައްޔިތުންގެ މަންދޫބުން ހޮވުމުގައި ރައްޔިތުން ބައިވެރިވުމަށް ދެވޭ އިތުރު ސަޕޯޓަކަށް ވެސް ވެގެންދާނެ."

އަދާލަތު ޕާޓީގެ ނިންމުމާ ބެހޭގޮތުން ވަރަށް ތަފުސީލީ މައުލޫމާތު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އާންމު ކުރާނެ ކަމަށް އަންސާރު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބޭނުންވަނީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެއީ މުއިއްޒުގެ މެނިފެސްޓޯގައި އަދި ވައުދު ފޮތުގައި ހިމެނޭ ކަމެއް ނޫނެވެ. މި ވާހަކަތައް މުއިއްޒު ދައްކަވަން ފެއްޓެވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ. އެ ބިލު ފާސްކުރީ މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުންނެވެ.

މި ވޯޓުގައި ސަރުކާރުން ކެމްޕޭން ކުރަމުން އަންނަނީ ދެ އިިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ކުރީގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުން ގެންދަނީ އެ ކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުންނެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް ނަގާ ވޯޓު އޮންނާނީ އޭޕްރިލް 4، ގަ އެވެ.