Advertisement

އިޔާޒް ވަޒީފާއިން ވަކިކުރުން ބަލައިނުގަނެވޭ، ނިންމުން މުރާޖައާ ކުރަން އިމްރާން ގޮވާލައްވައިފި

2 ޖުލައި 2021 - 08:41 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގެ ކޮމިޓީއަކަށް މައުލޫމާތު ދެއްވަނީ. ފޮޓޯ: މަޖިލިސް


އިޔާޒް ވަޒީފާއިން ވަކިކުރުން ބަލައިނުގަނެވޭ، ނިންމުން މުރާޖައާ ކުރަން އިމްރާން ގޮވާލައްވައިފި

2 ޖުލައި 2021 - 08:41 0

ދީނީ ގޮތުން އުފެދޭ ހިލާފުތަކުގައި އިލްމީ ގޮތުން ބަހުސްކުރުމުގެ ދޮރު ބަންދުކޮށް، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ (އެމްއެންޔޫ) އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވަޒީފާއިން ވަކި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް, ހޯމް މިނިސްޓަރު އަދި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

ވަޒީފާ އިން މި ވަކިކުރީ، އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނުމަށް ފަހު އެވެ. މި މައްސަލައިގެ ކުރިން ވެސް އިޔާޒަށް ނަސޭހަތްދީފައިވެ އެވެ.

ސޯޝަލް މީޑިއާގައި އިޔާޒު ލިއުނު ޕޯސްޓްތަކަކާ ގުޅިގެން އެމްއެންޔޫއިން މިދިޔަ މާޗް މަހުގެ ތެރޭގައި އިޔާޒް 14 ދުވަހަށް ސަސްޕެންޑް ކުރި އެވެ. އެފަހަރު ސަސްޕެންޝަން އުވާލީ އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރު އިޔާޒަށްދިނުމަށް ފަހު އެވެ.

އެމްއެންޔޫގެ ވައިސް ޗާންސިލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވެފައިވަނީ، އެތަނުގެ ލެކްޗަރާ ކަމުގެ ވަޒީފާއިން ޑރ. އިޔާޒް ވަކިކުރީ އެކިފަހަރު މަތިން ވާހަކަ ދެކެވި، ފަހުގެ އިންޒާރު ދިނުމަށް ފަހު ކަމަށެވެ.

އެމްއެންޔޫއިން އިންޒާރު ދިން ފަހުން ވެސް ސޯޝަލް މީޑިއާގައި، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ އިތުރުން، ހަރުކަށި ފިކުރަށް ތާއީދުކުރާ މޭރުމުން ސޯޝަލް މީޑިއާގައި ވާހަކަ ދެއްކެވުމަކީ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އޮތް ކަމެއް ކަމަށް ޝަރީފް ވިދާޅުވެފައި ވެ އެވެ.

އެކަމާ ގުޅޭގޮތުން އިމްރާން ވިދާޅުވީ އިޔާޒް އަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކުރުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ގިނަ ހިދުމަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށެވެ.

އަދި އިޔާޒްގެ ފިގުހީ ރައުޔުތަކާ އެއްބަސްނުވެވުނަސް، އިޔާޒާ މެދު އެމްއެންޔޫއިން އެޅި ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއް ކަމަށް ދެކެވަޑައިނުގަންނަވާކަމަށް އިމްރާން ވިދާޅުވި އެވެ.

ދީނީ ހިލާފުތަކާމެދު އިލްމީ މުއައްސަސާތަކުގައި މިނިވަންކަމާއެކު އިލްމީ ގޮތުން ރީތި، އަހުލާގީ ބަހުސްކޮށް ހައްލު ހޯދެންވާނެ. ރާއްޖޭގެ އެންމެ ބޮޑު ޔުނިވާސިޓީން އެ ދޮރު ބަންދުކޮށް ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އެ ނިންމުން މުރާޖައާ ކުރުމަށް ގޮވާލައްވަމުން އިމްރާން އިތުރަށް ވިދާޅުވި އެވެ.

އިމްރާންގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ދީނީ އިލްމުވެރިން ވެސް އަންނަނީ އިޔާޒްގެ ދިފާއުގައި ވާހަކަ ދައްކަވައި، އެމްއެންޔޫގެ ނިންމުން ކުށްވެރިކުރަމުންނެވެ.

ވަޒީފާއިން ވަކިކުރުމުން އިޔާޒް ވަނީ އެމްއެންޔޫގެ ވައިސް ޗާންސަލަރު ޝަރީފަށް ބައެއް ތުހުމަތުތައް އަމާޒުކުރައްވައިފަ އެވެ.

އިޔާޒު ވަޒީފާ އިން ވަކިކުރިއިރު، އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް އަންނަނީ ބަލަމުންނެވެ.