30 ޖޫން 2021 - 10:44 0
މުހައްމަދު ވިޝާމް
މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު އީވާ ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް
30 ޖޫން 2021 - 10:44 0
އަންހެނުން ހިތާނުކުރުން ނުވަތަ ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް)، އިސްލާމް ދީނުގައި އޮންނަ ކަމަށް ޑރ. މުހައްމަދު އިޔާޒް ވާހަކަ ދައްކަވަމުންދާތީ އެ މައްސަލައިގައި މުއައްސަސާތަކުން ދެކޭ ގޮތް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންނި ނިންމުން އަލުން މުރާޖައާކޮށްދޭން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމެޓީގެ ފަރާތުން އިއްޔެ މައްސަލަ ބަލަން ފަށައި، ކޮމިޓީގެ މެމްބަރެއްގެ ހުށަހެޅުމާއެކު ނިންމީ އެކަމުގައި އިސްލާމީކް މިނިސްޓްރީގެ އިތުރުން ކަމާގުޅޭ އެހެން މުއައްސަސާތަކުން ދެކޭ ގޮތް ބެލުމަށެވެ.
ނަމަވެސް، މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވީ އެފްޖީއެމްއާ ގުޅޭގޮތުން ބަޔަކު ދެކޭ ހޯދުމުގެ ބަދަލުގައި މަޖިލީހުން ވެސް ކުރަންވީ ކަމަކީ އެކަން ހުއްޓުވަން ބާރުއެޅުން ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ކުރަން އޮތް މަސައްކަތަކީ އެކަން ހުއްޓުވައި، މަނާކޮށް، އެކަން ރާއްޖޭގައި ހިނގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކިހާ މިންވަރަކަށްތޯ އަދި އިތުރަށް ކުރަން އޮތީ ކޮންކޮން ކަމެއްތޯ،" އީވާ ވިދާޅުވި އެވެ.
އެ މަސައްކަތް ގޮސްފައިވާ ހިސާބު ބަލައި، އަންހެނުން ހިތާނުކުރުން ހުއްޓުވުމަށް މަޖިލީހުން ހިތްވަރުދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.
އެގޮތުން، އަންހެނުން ހިތާނު ކުރުމުގެ ނަމުގައި ކުރާ އަނިޔާ ގާނޫނުގެ ތެރެއިން މަނާ ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެފައި ވާތީ އެ މަސައްކަތް ގޮސްފައި އޮތް ހިސާބެއް ބަލަންޖެހޭ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މަޖިލީހުގެ ކޮމިޓީއަކުން ނިންމާ ނިންމުމެއް ބަދަލުކުރުމުގެ ބާރު ލިބިވަޑައިގެންފައި ނުވި ނަމަވެސް، އެ ނިންމުން އަލުން މުރާޖައާކޮށްދޭން ކޮމިޓީގައި އެދިވެޑައިގެންފައިވާ ކަމަށެވެ.
އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން އިޔާޒް ދައްކާ ވާހަކަތަކާ ގުޅިގެން، އޭނާ ވަޒީފާ އަދާކުރައްވާ ގައުމީ ޔުނިވާސިޓީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވެސް އޭނާ ގެ މައްސަލަ ވަނީ ބަލަން ފަށައިފަ އެވެ.
އެ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އިޔާޒަށް އެންމެ ފަހުގެ އިންޒާރު އެ ޔުނިވާސިޓީން ކުރިން އޮތީ ދީފަ އެވެ.
Comment