21 ޖޫން 2021 - 11:14 1
މުހައްމަދު ވިޝާމް
ގެމަނަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސައީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް
21 ޖޫން 2021 - 11:14 1
ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމުގައި އެ ކައުންސިލެއްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން ގެމަނަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސައީދު އަމިއްލައަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކަށް ޕާޓީގެ އެހެން މެމްބަރުން ތާއީދު ނުކުރާނެ ކަމަށް ބުނެފައިވަނިކޮށް، އެ އިސްލާހުތައް އޭނާ އަނބުރާ ގެންގޮސްފި އެވެ.
ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަކީ އެ ކައުންސިލެއްގެ އެންމެ އިސް އިދާރީ މުވައްޒަފެވެ.
ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން އެ މަގާމަށް މީހުން އައްޔަނުކުރަނީ އެ ކައުންސިލެއްގެ ލަފާގެ މަތިން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިންނެވެ.
ނަމަވެސް ސައީދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން އައްޔަންކުރާއިރު ކައުންސިލްގެ ލަފާ ހޯދަން ޖެހޭ ބައި އުނިކޮށްފަ އެވެ.
އެ ބިލު ހުށަހެޅި ބޭނުމެއް ކަމަށް ބުނެފައިވަނީ، ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ވީހާވެސް ބޮޑަކަށް ހުޅުވާލައި، ސިޔާސީ މަސްލަހަތުން އެކަހެރިވެ، ވަކި ބަޔެއްގެ ނުފޫޒުން އެއްކިބާވެފައިވާ މީހަކު އެ މަގާމަށް އައްޔަނުކޮށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމެވެ.
ލާމަރުކަޒީ ގާނޫނުގެ އިތުރުން، ސައީދު މިހާރު ވަނީ ސިވިލް ސާވިސްގެ ގާނޫނަށް ވެސް އިސްލާހެއް ހުށަހަޅައިފަ އެވެ.
އެގޮތުން، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ސިވިލް ސާވިސް ކޮމިޝަނުން އައްޔަނުކުރަންޖެހޭ ބައި، ސިވިލް ސާވިސްގެ ގާނޫނަށް ވެސް އިތުރުކުރަން ހިމަނައިފަ އެވެ.
އެ ދެ ބިލުގެ އިބްތިދާއީ ބަހުސްގެ ތެރެއިން ވާހަކަ ދެއްކެވި ހުރިހާ އެމްޑީޕީ މެމްބަރުން ވެސް ވަނީ އެ ބިލުތަކަށް ތާއީދުކުރެވެން ނެތް ކަން ހާމަކުރައްވައިފަ އެވެ.
މެމްބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް އެމްޑީޕީން އިސްވެ ގާނޫނުތައް އިސްލާހުކޮށްގެން ކައުންސިލްތަކަށް ދީފައިވާ ބާރުތަކާ ސައީދުގެ އިސްލާހުތައް ފުށުއަރާތީ އެވެ.
އަދި އިދާރީ ގޮތުން ކައުންސިލުތައް ހިންގަން ހުންނަ އެންމެ އިސް ފަރާތް، ކައުންސިލުގެ ބަހެއް ނެތި އައްޔަނުކުރެވިއްޖެނަމަ، ކައުންސިލުތައް ހިންގުމަށް ހުރަސްއެޅުމުގެ ފުރުސަތު ބޮޑުކަމަށް ވެސް މެމްބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ.
އެއާއެކު، މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ސައީދު ހުށަހެޅުއްވި ދެ ބިލު ވެސް މިހާރު އަނބުރާ ގެންދަވާފައިވާ ކަމަށެވެ.
Comment