14 ޖޫން 2021 - 21:24 0
ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއީޖީ ބުފޮން: އުމުރުން 43 އަހަރުގައި ވެސް އޭނާ ވަނީ ކެރިއަރު ކުރިއަށް ގެންދަން ނިންމާފައި.
14 ޖޫން 2021 - 21:24 0
ޓިއުރިން (ޖޫން 14) - ޔުވެންޓަސް އަށް ކުޅެމުން އައި އުމުރުން 43 އަަހަރުގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއީޖީ ބުފޮން 20 އަހަރު ފަހުން އޭނާ އެންމެ ފުރަތަމަ ކުޅުނު ޕާމާ އަށް ބަދަލުވާން ނިންމައިފި އެވެ.
ޕާމާ ވަނީ މި ފަހަރު އިޓާލިއަން ލީގުގެ އެންމެެ ފުލަށް ދިއުމުން އިޓަލީގެ ދެ ވަނަ ޑިވިޝަން (ސެރީ ބީ) އަށް ރެލިގޭޓްވެފަ އެވެ. ބުފޮން، ޕާމާއާ އެކު ސޮއިކުރަން ނިންމާފައިވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބުފޮން ބޭނުންވަނީ ޕާމާ އަލުން އިޓަލީގެ ފުރަތަމަަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީ މަދުވެގެން އެއް ސީޒަން އެ ޓީމަށް އިޓަލީގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭށެެެވެ. އޭނާ ދެ އަހަރުގެ ކޮންޓްރެކްޓް ފުރިހަމަކޮށްފައި ޕާމާގައި ރިޓަޔާކުރާނަމަ އޭރު ހުންނާނީ އުމުރުން 45 އަަހަރުވެފަ އެވެ.
ޕާމާގެ މެޗެއްގެ ތެރެއިން ބުފޮން: އޭނާ އަލުން އެ ޓީމަށް ކުޅެން ނިންމާފައިމިވަނީ 20 އަހަރު ފަހުން.
ބުފޮން އޭނާގެ ކެރިއަރު ފެށީ 1991 ވަނަ އަހަރު ޕާމާ ޔޫތު ޓީމުންނެވެ. އުމުރުން 17 އަހަރުގައި 1995 ވަނަ އަހަރު ބުފޮން ވަނީ ޕާމާގެ ސީނިއާ ސްކޮޑަށް ޕްރޮމޯޓްކޮށްފަ އެވެ. އޭނާ އެންމެ ފުރަތަމަ ޕާމާ ޓީމަށް މެޗެއް ކުޅެދިނީ 1995 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ޕާމާއާ އެކު ބުފޮން ވަނީ އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް އަދި ޔުއެފާ ކަޕް (ޔޫރޮޕާ ލީގު) ކާމިޔާބުކޮށްފަ އެވެ.
ޔުވެންޓަސް އަށް 2001 ވަނަ އަހަރު ބުފޮން ބަދަލުވީ އޭރު ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގަ އެވެ. ޔުވެންޓަސް އިން ވަނީ ބުފޮންގެ ސޮއި ހޯދަން 63 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.
ސަތާރަ އަހަރަށް ފަހު ޔުވެންޓަސް ދޫކޮށް ބުފޮން ވަނީ ފްރާންސްގެ ޕީއެސްޖީ އަށް 2018-2019 ވަނަ ސީޒަނުގައި ކުޅެފަ އެވެ. ޕީއެސްޖީގައި އެއް ސީޒަނަށް ފަހު ބުފޮން އަލުން ވަނީ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. ޔުވެންޓަސްއާ އެކު ބުފޮންގެ އެންމެ ބޮޑު އަމާޒަކަށްވީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. އެކަމަކު އެ ޓީމުގައި ހުރެ އެކަން ހާސިލްކުރެވޭ ގޮތެއްނުވި އެވެ.
ހިލޭ ޓްރާންސްފާއެއްގައި ބުފޮން ހޯދަން ގިނަ ކްލަބްތަކަކުން ހުށަހެޅި ނަމަވެސް އޭނާ ބޭނުންވީ ޕާމާ އަށް އަލުން ކުޅޭށެވެ. ބުފޮން ހޯދަން ޕޯޗުގަލް އާއި ސްޕެއިންގެ ކްލަބްތަކުން ކޮންޓްރެކްޓް ހުށަހެޅި އެވެ.
Comment