Advertisement

އުމުރުން 107 އަހަރުގެ ދިވެއްސަކު ކޮވިޑުން ފަސޭހަވެއްޖެ

13 ޖޫން 2021 - 12:52 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

އުމުރުން 107 އަހަރުގައި ކޮވިޑުން ސަލާމަތްވި ހައްވާ މުހައްމަދު: އޭނާގެ ހާލު މިހާރު ރަނގަޅު. --ފޮޓޯ: އިބްރާހިމް ހަލީލް


އުމުރުން 107 އަހަރުގެ ދިވެއްސަކު ކޮވިޑުން ފަސޭހަވެއްޖެ

13 ޖޫން 2021 - 12:52 0

ލ. އިސްދޫގެ އުމުރުން 107 އަހަރުގެ އަންހެނަކަށް ކޮވިޑް ޖެހި ރަނގަޅު ވެއްޖެ އެވެ.

އެ އުމުރުގައި ކޮވިޑުން ސަލާމަތްވީ ލ. އިސްދޫ، ހައްވާ މުހައްމަދެވެ. މިއީ، ރާއްޖޭގައި މިވަގުތު ހުރި އެންމެ އުމުރުން ދޮށީ މީހާ ކަމަށް ބެލެވެ އެވެ.

އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް، "އަދަދު" އަށް ވިދާޅުވި ގޮތުގައި ހައްވަ ކޮވިޑަށް ޕޮޒިޓީވްވީ އެ ގޭގެ މީހުންނާ އެކު މިދިޔަ މަހުގެ 24 ގަ އެވެ. އިސްދޫގައި ވަރަށް ބޮޑަށް ކޮވިޑް ދަނީ ފެތުރެމުންނެވެ.

ހައްވަ ކޮވިޑަށް ޕޮޒިޓިވް ވެގެން ފުރަތަމަ ފަރުވާ ދިނީ ގޭގަ އެވެ. ނަމަވެސް ފަހުން ނޭވާއަށް އުނދަގޫވާތީ އިސްދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފަ އެވެ. ކޮވިޑުން ސަލާމަތްވެ ހޮސްޕިޓަލުން ދޫކޮށްލުމުން މިދިޔަ ހުކުރު ދުވަހު އެނބުރި އިސްދޫއަށް ހައްވަ އައިސްފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

"މިހާރު ހަމަ ވާހަކަ ވެސް ދައްކާ. ކެއިންބުއިން ވެސް ރަނގަޅު. ހާލު ހަމަ ރަނގަޅު،" ހަލީލް ވިދާޅުވި އެވެ.

ހައްވަގެ އާއިލާއާ ގުޅަން އެތައް މަސައްކަތެއްކޮށް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

އިސްދޫ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ހައްވަގެ ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އޭގެ ތެރެއިން ތިން ދަރިންގެ އުމުރުން 65 އަހަރުން މަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑްގައި މަރުވި ގިނަ މީހުންނަނީ އުމުރުން ދޮށީ މީހުންނެވެ. ނަމަވެސް މަދުން ނަމަވެސް އުމުރުން ވަރަށް ދޮށީ މީހުންނަށް ކޮވިޑް ޖެހި ރަނގަޅުވެފައި އެބަހުއްޓެވެ. އޭގެ ތެރޭގައި މިފަހުން އުމުރުން 93 އަހަރުގައި މަރުވި ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) ހިމެނެ އެވެ. އޭނާ މަރުވީ ކޮވިޑުން ފަސޭހިވާ ދުވަސްކޮޅެއް ފަހުން މުސްކުޅި ބަލީގަ އެވެ.