Advertisement

ކަރަންޓީނު ފެސިލިޓީ ގާއިމުކުރަންޖެހޭ ގޮތަށް ޖަނަވާރުންގެ ސިއްހަތުގެ ގާނޫނެއް

10 ޖޫން 2021 - 12:05 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އިންޑަސްޓްރިއަލް ވިލެޖުގައި އުޅޭ ބުޅާތައް. - ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ކަރަންޓީނު ފެސިލިޓީ ގާއިމުކުރަންޖެހޭ ގޮތަށް ޖަނަވާރުންގެ ސިއްހަތުގެ ގާނޫނެއް

10 ޖޫން 2021 - 12:05 0

ޖަނަވާރުންނާއި ޖަނަވާރުންގެ އުފެއްދުންތައް އެތެރެ ކުރުމަށާއި ބޭރުކުރުމަށް ހުއްދަ ދޫކުރެވޭ ބަނދަރުތަކުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރަންޖެހޭ ގޮތަށް ޖަނަވާރުގެ ސިއްހަތާބެހޭ ގާނޫނެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އިއްޔެގެ ޖަލްސާއަށް ހުށަހަޅުއްވާފައިވާ ބިލުގެ މަގުސަދަކީ ރާއްޖެއަށް ޖަނަވާރާއި، ޖަނަވާރަށް ހާއްސަ އުފެއްދުންތަކާއި ޖަނަވާރުންގެ ބޭހާއި ކާނާއާއި އެނޫންވެސް ތަކެތި އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ކަމަށް ބުނެފައިވެ އެވެ.

އަދި ދެމެހެއްޓެނިވި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅެ، ޖަނަވާރު ވިއްސައި އާލާކުރުމަށް މަގުފަހިކުރުމުގެ އިތުރުން، ޖަނަވާރުންގެ ދުޅަހެޔޮކަމުގެ ހާލަތު ރަނގަޅުކޮށް ކުރިއެރުވުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން އެ ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން، ޖަނަވާރަށާއި ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުސޫލުތަކާއި، އެ ނޫންވެސް ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލު ކުރަންވީ ގޮތް ކަނޑައަޅަން ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުން އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.

އެގޮތުން، ޖަނަވާރުންނާއި ޖަނަވާރުންގެ އުފެއްދުންތައް އެތެރެ ކުރުމަށާއި ބޭރުކުރުމަށް ހުއްދަ ދޫކުރެވޭ ބަންދަރުތަކުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އަދި ޖަނަވާރަށް ޖެހޭ ބަލިތައް ތަހުލީލުކުރާ ލެބޯޓަރީއެއް ކަނޑައަޅައި، އެތަނަށް ބޭނުންވާ ވަސީލަތްތަކާއި ފަންނީ ގާބިލުކަން ހަމަޖައްސައިދިނުން އެ ބިލުގައި ހިމެނެ އެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ މުއާދަތަކަށް ރިއާއަތްކޮށް ރާއްޖެއަށް އެތެރެކޮށް ބޭރުކުރުން މަނާ ޖަނަވާރުންނާއި ޖަނަވާރުންގެ އުފެއްދުންތަކުގެ ލިސްޓެއް އެކުލަވާލައި، ބެލެހެއްޓުން ވެސް ފިޝަރީޒް މިނިސްޓްރީގެ މައްޗަށް ވަނީ ލާޒިމުކޮށްފަ އެވެ.

އެ ބިލުގައި މިނިސްޓްރީގެ އިތުރުން ކައުންސިލްތަކުގެ ދައުރާއި، ގާނޫނު ތަންފީޒީ ކުރާނެ ދާއިރާ އާއި، ޖަނަވާރު ގެންގުޅޭ ތަންތަން ބަލައި ފާސް ކުރެވޭނެ އުސޫލާއި، ޖަނަވާރު އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވޭނެ ފަރާތްތައް ކަނޑައަޅާފައި ވެ އެވެ.

އަދި މި ގާނޫނު ވުޖޫދަށް އައުމާ އެކު، ގާނޫނާ ހިލާފުވާ ފަރާތްތަކަށް 5،000ރ. އިން ފެށިގެން 25،000ރ. އާދެމެދުގެ އަދަބުތައް ވަނީ ކަނޑައަޅައިފަ އެވެ.